އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ވ. ރަކީދޫ ވައިޖެހޭގޭ މުހައްމަދު އިބްތިހާލަށް އެއްވެސް ގޮތަކަށް އަނިޔާކޮށްފައި ނުވާނެ ކަމަށާއި މީގެ ކުރީގެ އަޑުއެހުންތަކުގައި އަނިޔާކުރާކަމެއް ބުނެފައިވަނީ ޖަލު އޮފިސަރުން މަރުގެ އިންޒާރުދިނުމަށް ކަމަށް އޭނާގެ މަންމަ އާފިޔާ މުހައްމަދު މަނިކު ބުނެފިއެވެ.
އިބްތިހާލްގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާއެވެ. އިބްތިހާލު މަރުވީ އަނިޔާ ކުރުމުން ކަމަށް އާފިޔާ ވަނީ ކުރިން ބޭއްވި އަޑުއެހުމެއްގައި ޝަރީއަތުގެ މަޖިލީހުގެ އިއުތިރާފުވެފައެވެ.
މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި އޮތީ އާފިޔާއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ތިން ހެކިވެރިންގެ ތެރެއިން އެކެއްގެ ހެކިބަސް ނެގުމެވެ. އެއީ އާފިޔާ ފެނިދެނިވެ ވާހަކަ ދައްކައި އުޅޭ ވ. ރަކީދޫ ސާމިލާ މުހައްމަދު އެވެ.
ހެކިބަސް ދެމުން ސާމިލާ ބުނީ އާފިޔާގެ ކުޑަ ދެ ދަރިން ގޮވައިގެން އެ ގެއަށް އަންނަ ކަމަށާއި ނަމަވެސް އިބްތިހާލް ގޮވައިގެން އުޅޭތަން ނުފެންނަ ކަމަށެވެ. އެކަމާ ގުޅިގެން އާފިޔާއާ ސުވާލުކުރުމުން އޭނާ ބުނެފައިވާކަމަށް ސާމިލާ ބުނީ، އިބްތިހާލަކީ ބަސްނާހައި ނުކައި އެހްނެ ކުދިންނާ ތޮޅޭއުޅޭ ކުއްޖެއް ކަމަށެވެ. އަދި މާގިނައިން އެ ސަވާލު ތަކުރާރު ކުރާތީ އާފިޔާ ހުންނަނީ ހިތް ހަމަ ނުޖެހިފައި ކަމަށް ވެސް ހެކިބަސް ދެމުން ސާމިލާ ބުންޏެވެ.
"އިބްތިހާލް އަޅުގަނޑުމެންގެއަށް އަންނާނެ އެކަނިން. އަޅުގަނޑަށް ފާހަގަވެފައިވާ ގޮތުގައި އިބްތިހާލަކީ މަޑުމަޑުން ހުންނަ ބަސްއަހާ ކުއްޖެއް އަދި އަޅުގަނޑު ދޭ އެއްޗެއް ވިއްޔާ ކައި ވެސް ހަދާ،" ސާމިލާ ބުންޏެވެ.
އިބްތިހާލްގެ އަތުގައި ހިފައިގެން ދަމާފައި ގެއަށް ގެންދަމުން "މިއަދު ހަމަ ތެޅި ތެޅީނުން މަރާލާނެމޭ އޭރުން މީހުން ކިޔާނެ އެއްޗެއް ނޯންނާނެއޭ" އެހެން ބުނި އަޑާއި މަންޒަރު ފެނިފައިވާ ކަމަށް ވެސް ސާމިލާ ބުންޏެވެ.
އިބްތިހާލްގެ ކަންފަތްކައިރިން ލޭ އައިސް ކުރިމަތި ފަރާތް ދުޅަވެފައި ހުރުމުން އެކަމާ ގުޅިގެން ވެސް އާފިޔާއާ ސުވާލު ކުރި ކަމަށް ސާމިލާ ފާހަގަކުރިއެވެ. އަދި ކުރިމަތި ފަރާތް ދުޅަވެފައިވަނީ ކުޅެ އުޅެނިކޮށް ތަނެއްގައި ޖެހިގެން ކަމަށާއި ޔޫރިން އިންފެކްޝަން ހެދިފައި ހުރި ކަމަށް އާފިޔާ ބުނެފައިވާކަން ސާމިލާ ފާހަގަކުރިއެވެ.
ސާމިލާގެ ވާހަކަތަކާ ގުޅިގެން އާފިޔާ އެއްވެސް ވާހަކައެއް ދައްކަން ބޭނުންތީ ގާޒީ ސުވާލު ކުރެއްވިއެވެ. އަދި ވަގުތުން ކޮއްޅަށް ތެދުވެ އާފިޔާ ބުނީ، ސާމިލާ 'އެ ހެދީ ހުސް ދޮގު' ކަމަށެވެ.
އާފިޔާ ބުނީ، އޭނާ ދުވަހަކު ވެސް އިބްތިހާލަށް އަނިޔާކޮށްފައި ނުވާނެ ކަމަށާއި އަނިޔާ ލިބިފައި ހުރީ އިބްތިހާލްގެ މާމަ ކައިރީގައި މ. ދިއްގަރުގައި އުޅެފަ އައިއިރު ކަމަށެވެ.
އިބްތިހާލް މަރާލާނެ ކަމަށް އާފިޔާ ބުނި ކަމަށް ސާމިލާ ހެކިބަސްދީފައިވާތީ އެކަން ވެސް އާފިޔާ ދޮގުކުރިއެވެ. އަދި ބުނީ މީގެ ކުރީގެ އަޑުއެހުންތަކުގައި އިބްތިހާލަށް އަނިޔާކުރިކަމަށް ބުނެފައިވަނީ ޖަލުގެ އޮފިސަރުން އޭނާއަށް ވަޅިން ބިރު ދައްކައި މަރާލާނެ ކަމަށް ބުނެފައިވާތީ ކަމަށެވެ.
"ޖަލުގެ އޮފިސަރުން އެކި ފަހަރުމަތިން އައިސް ބިރު ދައްކައި ހަދާ. ބުނޭ ހުރިހާ ކަމަކަށް އެއްބަސް ނުވެއްޖިއްޔާ މަރާލާނަމޭ ވެސް. ބައެއް ރޭ ރޭ ނިދިޔަ ވެސް ނުދޭ،" ހަމަޖެހިލާފައި ހުރެ ވާހަކަ ދައްކަމުން އާފިޔާ ބުންޏެވެ.
ޖަލު އޮފިސަރުން މީގެ ކުރިން ބިރު ދެއްކި ކަން ޝަރީއަތުގައި ނުބުނީ ކީއްވެތޯ ދައުލަތުގެ ވަކީލުން އާފިޔާއާ ސުވާލު ކުރެއްވިއެވެ. ޖަވާބުގައި އާފިޔާ ބުނީ އެ ވާހަކަތައް ޝަރީއަތުގެ މަޖިލީހުގައި ނުބުނީ 'އެމީހުން އެކަން ކުރީ މަޖަލަކަށް ކަމަށް ހީކޮށް' ކަމަށެވެ.
އާފިޔާގެ އެ ވާހަކަތަކަށް ސުވާލު އުފައްދައި ދައުލަތުގެ ވަކީލް ވިދާޅުވީ މީހަކު ކަމަކަށް މަޖުބޫރުން އެއްބަސްވާނެ ކަމަށް ބުއްދި ގަބޫލުކުރަނީ ސީރިއަސްކޮށް ބިރުދެއްކުމުން ކަމަށެވެ. އަދި މަޖަލަކަށް ބިރު ދައްކާކަމަށް ގަބޫލުކުރެވޭ ނަމަ އެވަރުގު ބޮޑު ޖަރީމާއެއް ހިންގި ކަމަށް އެއްބަސްވާނެ ކަމަށް ބުއްދި ގަބޫލު ނުކުރެވޭ ކަމަށެވެ.
އިބްތިހާލް މަރާލި ކަމަށް އާފިޔާ ދެކޮޅު ހެދުމުން، ދައުލަތުގެ ވަކީލުން ވަނީ ކުރިން ހުށަނާޅަން ނިންމި 19 ހެކީންގެ ހެކިބަސް ނަގައި ދިނުމަށް ޝަރީއަތުގައި އެދިވަޑައިގެންފައެވެ.