ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓެއް ގެނެސްދީފައިވާ ކަމަށް ބުނެ ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.
ބުރޯޑްކާސްޓިން ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ ޓީވީ ޖޫރިމަނާ ކޮށްފައި ވަނީ މިދިޔަ މާރިޗު، 16 ވަނަ ދުވަހުގެ ރޭ 23:24 އިން 23:35 އަށް ބްރޯޑްކާސްޓްކުރި މުޒާހަރާއެއްގެ ތެރެއިން ދެއްކި ވާހަކަ އަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއް ދެއްކެވި ވާހަކައެއް ކަމެއް އެނގިފައެއް ނުވެ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން އެގޮތަށް ނިންމީ ދާދި ދެންމެއަކު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގަ އެވެ.
އެ މައްސަލައަށް ޖަވާބުދާރީވާން ރާއްޖެ ޓީވީ އަށް އަންގާފައިވާ ކަމަށް ވެސްއެ ނޫސްބަޔާނުގައިވެ އެވެ. ނަމަވެސް ރާއްޖެ ޓީވީގެ ސީއޯއޯ ފިޔާޒު މޫސާ ވިދާޅުވީ އެ ސްޓޭޝަން ޖޫރިމަނާކުރިކަން އެނގިފައި ނުވާ ކަމަށެވެ.
ޖޫރިމަނާ ފައިސާއަށްވާ ދެ މިލިއަން ރުފިޔާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ރާއްޖެ ޓީވީއަށް އަންގައިފަ އެވެ.
މީގެ ކުރިން ވެސް ރާއްޖެ ޓީވީ ވަނީ ބޮޑެތި އަދަދުތަކެކުން ޖޫރިމަނާކޮށްފަ އެވެ. އެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމުން ބޭރުކުރުމަށް ގޮވާލުމުން އެ ސްޓޭޝަން ފަސް ލައްކަ ރުފިޔާ އިން ވަނީ ޖޫރިމަނާ ކޮށްފަ އެވެ.
އަދި މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަބުރު ގެއްލި، ކަރާމާތަށް ގެއްލުން ލިބޭ ފަދަ ކޮންޓެންޓެއް ރާއްޖެ ޓީވީން އާންމުކުރި ކަމަށް ބުނެ، އެ ޓީވީ ސްޓޭޝަން އެއް މިލިއަން ރުފިޔާ އިން ވަނީ ޖޫރިމަނާ ކޮށްފަ އެވެ.
.