ޓެސްލާ ޕްރައިވެޓް ކުންފުންޏަކަށް ބަދަލުކުރަނީ

ޓެސްލާގެ ސީއީއޯ އެލަން މަސްކް.-- ފޮޓޯ: ގެޓީ އިމޭޖަސް

ކަރަންޓް ކާރު އުފެއްދުމުގައި މަޝްހޫރުކަން ހޯދާފައިވާ ޓެސްލާ ކުންފުނި ހިއްސާގެ ބާޒާރުން ޑީލިސްޓްކޮށް، ޕްރައިވެޓް ކުންފުންޏަކަށް ބަދަލުކުރަން ތައްޔާރުވާން ފަށައިފިއެވެ.

ޓެސްލާގެ ސީއީއޯ އަދި ބިލިޔަނަރު އެލަން މަސްކް ވިދާޅުވީ، ކުންފުންޏަށް އެންމެ ރަނގަޅު ގޮތަކީ ޕްރައިވެޓް ކުރުން ކަމަށް ދެކޭ ކަމަށެވެ. ޕްރައިވެޓް ކުރުމުން، އިންވެސްޓަރުން ހިތްހަމަޖެއްސުމަށް ކުރު މުއްދަތުގެ މަސައްކަތްތައް ނުކޮށް ކުންފުންޏަށް ފައިދާ ހުރި ދިގު މުއްދަތުގެ މަސައްކަތްތަކާ އެކު ކުރިއަށް ދިއުމުގައި އޭރުން އެއްވެސް ޕްރެޝަރެއް ނޯންނާނެތީ ކަމަށް އެލަން ވިދާޅުވި އެވެ.

ކުންފުނި ޕްރައިވެޓް ކުރަން މަސައްކަތް ކުރާކަން މަސްކް އިއުލާނު ކުރީ ޓްވިޓާގައެވެ. އޭނާ ވިދާޅުވީ، އެކަމަށް އިންވެސްޓަރުން ތާއީދު ކުރާ ކަމަށެވެ. ނަމަވެސް، ޑީލިސްޓް ކުރެވޭނީ ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުން އެކަން ފާސްވެއްޖެ ނަމައެވެ.

ހިއްސާދާރުންނަށް، ކޮންމެ ހިއްސާއަކަށް 420 ޑޮލަރުގެ ބަދަލެއް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ޓެސްލާގެ ހިއްސާގެ އަގު މިހާރު ހުރި ވަރާ އަޅާ ބަލާއިރު ފަސް ޕަސެންޓް ބޮޑު އަދަދެކެވެ.

ސްޕޭސް އެކްސްގެ ސީއީއޯ ކަން ވެސް ކުރައްވާ މަސްކް ވިދާޅުވީ، ހިއްސާދާރުންނަށް ބަދަލު ދިނުމަށް ބޭނުންވާ ފައިސާ މިހާރު ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ޓެސްލާ ޕްރައިވެޓް ކުރަން މަސައްކަތް ކުރާ ކަމަށް މަސްކް ވިދާޅުވުމާއި އެކު، އެ ކުންފުނީގެ ހިއްސާގެ އަގު އުފުލި، ހިއްސާގެ އަގު 380 ޑޮލަރަށް ވަނީ ޖެހިލާފައެވެ.

comment ކޮމެންޓް