ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް އިފްތިތާހުކޮށްފި

ގދ. ފަރެސްމާތޮޑާ

ގދ. ފަރެސްމާތޮޑާގައި ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތް އިފްތިތާހުކޮށްދެއްވައިފިއެވެ.

މި މަޝްރޫއުގެ މަސައްކަތް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

ފަރެސްމާތޮޑާ އެއާޕޯޓު އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ގަލްފް ކޮބްލާ ޓެންސާއާއެވެ.

އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކައި، ފަސްގަނޑު އެއްވަރުކޮށް ގޮނޑުދޮށް ހިމާޔަތް ކުރުމަށް 2.5 މިލިއަން ޑޮލަރު ޚަރަދުކުރާނެއެވެ. މި މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ ތިން މަސް ތެރޭގައެވެ.

މި އެއާޕޯޓުގެ މަސައްކަތް ކުރުމަށް ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (ޗަމްޕާ އުއްޗު) ވަނީ ހަތަރު މިލިއަން ރުފިޔާގެ ލޯނެއް ސަރުކާރަށް ދެއްވާފައެވެ. އެއްވެސް އިންޓްރެސްޓަކާ ނުލާ ދިން މި ލޯނު ސަރުކާރަށް ފަސޭހަ ވަގުތެއްގައި ދައްކާ ނިންމާގޮތަށް ދީފައިވާއިރު ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތަށް ސަރުކާރު ބަޖެޓުންވެސް ހަރަދު ކުރާނެއެވެ.

އެއާޕޯޓުގެ ބިން ހިއްކުން ނިމުމުން އެއާޕޯޓުގެ މަސައްކަތް ބަޔަކާ ހަވާލުކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ފަރެސްމާތޮޑާގައި ތަރައްގީކުރާ އެއާޕޯޓުގައި 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި ޕެސެންޖާ ޓާމިނަލެއް ތަރައްގީކުރާނެއެވެ.

ފަރެސްމާތޮޑާގައި އެއާޕޯޓެއް ތަރައްގީ ކުރާއިރު އެއަތޮޅު މާވާރުލުގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ގދ. ކާޑެއްދޫގައިވެސް އެއާޕޯޓެއް އޮޕަރޭޓު ކުރެއެވެ. އަންނަ ދައުރުގައި ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ޓާމިނަލެއްގެ ގޮތުގައި ތަރައްގީކުރައްވާނެ ކަމަށް ރައީސް ވަނީ މިއަދު ވިދާޅުވެފައެވެ.

comment ކޮމެންޓް