ޑީޒާގެ ބައެއް، ޕްރިންސް ވަލީދުގެ ކުންފުނިން ގަނެފި

ސައުދީ ބިލިއަނަރު ވަލީދު ބިން ތަލާލް.

މަޝްހޫރު މިއުޒިކް ސްޓްރީމިން ހިދުމަތްދޭ ޑީޒާގެ ބައެއް، ސައުދީ އަރަބިއްޔާގެ މަޝްހޫރު ބިލިޔަނަރު ޕްރިންސް އަލް ވަލީދު ބިން ތަލާލްގެ ކިންގްޑޮމް ހޯލްޑިންގްސް އިން، 266.7 މިލިޔަން ޑޮލަރަށް ގަނެފި އެވެ.

ކިންގްޑޮމް ހޯލްޑިންގްސް އިން ބުނީ، އެ ކުންފުނިން ގަތީ ޑީޒާ އިން އަލަށް އިޝޫ ކުރި ހިއްސާގެ ބައެއް ކަމަށެވެ. ނަމަވެސް އެއީ ހިއްސާގެ ކިހާ ޕަސެންޓެއް ކަމެއް، އަދި އެއާ ގުޅޭ އެހެނިހެން މައުލޫމާތެއް އެ ކުންފުނިން ހާމަ އެއް ނުކުރެ އެވެ.

ފްރާންސްގެ ކުންފުންޏެއް ކަމަށްވާ ޑީޒާގެ ހިއްސާ ކިންގްޑޮމް ހޯލްޑިންގްސް އިން ގަތީ އެ ކުންފުނީގެ ދަށުން ހިންގާ ރޮޓާނާ ގްރޫޕުންނެވެ. ރޮޓާނާ ގްރޫޕަކީ، މުނިފޫހިފިލުވުމުގެ ދާއިރާ އިން ސައުދީގެ އެންމެ މަޝްހޫރު އެއް ކުންފުންޏެވެ.

ޑީޒާ އަކީ ގާތްގަނޑަކަށް 1.2 ބިލިޔަން ޑޮލަރުގައި އަގު ކުރެވޭ ކުންފުންޏެކެވެ.

ރޮޓާނާ ގްރޫޕުން ދުނިޔާގެ މާކެޓަށް ނިކުތުމަށް ޑީޒާއާ އެކު ވަނީ ޚާއްސަ އެއްބަސްވުމެއް ވެސް އެކުލަވާލައިފަ އެވެ. އެއީ، ރޮޓާނާ ގްރޫޕުން އުފައްދާ އޯޑީއޯ އާއި ވީޑިއޯ ދުނިޔޭގެ ބާޒާރަށް ނެރުމަށް ވެވުނު އެއްބަސްވުމެއް ކަމަށް ކިންގްޑޮމް ހޯލްޑިންގްސް އިން ބުނެ އެވެ.

comment ކޮމެންޓް