އަދުހަމްގެ ލަވައެއް ހިމެނޭ އަލްބަމަކަށް ފާހަގަކޮށްލެވޭ ތާރީޚީ ކާމިޔާބީއެއް

އަދުހަމްގެ ލަވަ ހިމެނޭ "ދަ ވޯލްޑް އަލްބަމް"އަށް ފާހަގަކޮށްލެވޭ ތާރީޚީ ކާމިޔާބީއެއް -- ސަން ފޮޓޯ

ފާހަގަކޮށްލެވޭ ފަދަ ތާރީޚީ ކާމިޔާބީއެއް "ޓޫ އޮފް އަސް"ގެ ފަންނާނު އަޙްމަދު އަދުހަމް ކިޔައިފައިވާ ލަވައެއް ހިމެނޭ އަލްބަމަކަށް ލިބިއްޖެއެވެ.

އަދުހަމް ލިޔެ، އޭނާ ކިޔާފައިވާ ލަވަ، (މަންޒިލް) ހިމެނޭ "ދަ ވޯލްޑް އަލްބަމް"އަށް ވަނީ "ގްލޯބަލް މިއުޒިކް އެވޯޑްސް" އިން ރަން ވަނައާއި "ބެސްޓް އިން ޝޯ"ގެ ޝަރަފުވެރި ލަގަބު ލިބިފައެވެ.

ގްލޯބަލް މިއުޒިކް އެވޯޑްސް އަކީ މިއުޒިކީ ދާއިރާގެ ބައިނަލްއަގުވާމީ މާހިރުންގެ ޕެނަލަކުން، އުފެއްދުންތަކުގެ މަގުބޫލުކަމަށް ނުވަތަ ވިޔަފާރީގެ ކާމިޔާބީއަށް ބަލާ، ފަނޑިޔާރުކަން ކުރުމުގެ ބަދަލުގައި، ހަމައެކަނި އޭގެ ފަންނީ ފެންވަރަށް ބަލައިގެން ވަޒަންކުރާ ގަދަރުވެރި މުބާރާތެކެވެ.

އަދުހަމްގެ ލަވަ ހިމެނޭ "ދަ ވޯލްޑް އަލްބަމް" ނެރެފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަންނާނުން އެއްތަންކޮށްދޭ މަޝްހޫރު "އިންޓަނޭޝަނަލް އާޓިސްޓްސް ޕްރޮޖެކްޓް" ގެ ދަށުންނެވެ. އަދި މި އަލްބަމަކީ ދުނިޔޭގެ ހުރިހާ ގައުމަކަށް ނިސްބަތްވާ ފަންނާނުން ހިމެނޭހެން ތައްޔާރުކޮށްފައިވާ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ފުރަތަމަ އަލްބަމެވެ. ޖުމްލަ 12 ގަޑިއިރާއި 38 މިނެޓުގެ މި އަލްބަމްގެ މަގްސަދަކީ ދުނިޔޭގެ 93 ބަހަކާއި 121 މިއުޒިކީ ވައްޓަފާޅިއެއް ރައްކާތެރިކޮށް، އެ ތަފާތުތައް ފާހަގަކޮށް ދުނިޔެއަށް ދައްކާލުމެވެ.

"ދަ ވޯލްޑް އަލްބަމް" -- ފޮޓޯ: އިންޓަނޭޝަނަލް އާޓިސްޓް ޕްރޮޖެކްޓް: އިންސްޓަގްރާމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ހުށަހަޅާފައިވާ އެތައް ހާސް އުފެއްދުންތަކެއްގެ ތެރެއިން މިއަހަރުގެ ގްލޯބަލް މިއުޒިކް އެވޯޑްސްގައި ރަން، ރިހި އަދި ލޯ މެޑަލްގެ ޝަރަފު ދީފައިވާއިރު މުޅި މުބާރާތުން ހޮވޭ އެންމެ މަތީ ޝަރަފު ކަމަށްވާ "ބެސްޓް އިން ޝޯ" ދެވެނީ ރަން މެޑަލް ހާސިލުކުރާ އުފެއްދުންތަކުގެ ތެރެއިން ހޮވާލެވޭ އެންމެ އުފެއްދުމެކެވެ.

އެގޮތުން މިއަހަރުގެ އެންމެ ފާހަގަކޮށްލެވޭ އުފެއްދުމުގެ ގޮތުގައި މި ޝަރަފުވެރި ވަނަ ހާސިލުކޮށްފައިވަނީ އަދުހަމްގެ ލަވަ ލިމެނޭ "ދަ ވޯލްޑް އަލްބަމް"އަށެވެ.

މި އެވޯޑަކީ ބައިނަލްއަގުވާމީ މައިދާނުގައި އަދުހަމް ހޯދަމުންދާ ކާމިޔާބީތަކަށް އިތުރުވި ބޮޅެކެވެ. "ދި ވޯލްޑް އަލްބަމް"ގައި ހިމެނޭ އޭނާގެ ލަވަ މިހާރު ސްޕޮޓިފައިއިން އަޑުއަހާލެވޭއިރު، މިއީ ގްލޯބަލް މިއުޒިކް އެވޯޑްސްގެ އެންމެ މަތީ ޝަރަފު ލިބުނު މަޝްރޫއެއްގައި ނުވަތަ އަލްބަމެއްގައި ދިވެހި ފަންނާނަކު ބައިވެރިވި ފުރަތަމަ ފަހަރެވެ.

އިންޓަނޭޝަނަލް އާޓިސްޓްސް ޕްރޮޖެކްޓަކީ ދުނިޔޭގެ ހުރިހާ ގައުމެއްގެ ފަންނާނުން އެއްތަންކޮށް، ސަގާފީ ތަފާތުތަކާއި ފަންނީ އެއްބައިވަންތަކަމުގެ އިތުރުން މިއުޒިކީ ފަންނުވެރިކަން ކުރިއެރުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ މިއުޒިކީ ހަރަކާތެކެވެ.

comment ކޮމެންޓް