'ދަ ޑެވިލް ވެއަސް ޕްރާޑާ 2'ގެ ޓްރެއިލާ ބަލާލައިފިންތަ؟

ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ހޮލީވުޑް ފިލްމު "ޑެވިލް ވެއަސް ޕްރާޑާ"ގެ ދެވަނަ ފިލްމުގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

ހޮލީވުޑްގެ އެންމެ ނުފޫޒުގަދަ ބަތަލާއިންގެތެރޭ ހިމެނޭ މެރީލް ސްޓްރީޕް އަދި އޭން ހެތަވޭ އެނބުރި ފެޝަން ދުނިޔެއަށް އައިސްފި ކަމަށާއި ކުރީގަ ފިލްމެކޭ އެއްގޮތަށް ދެވަނަ ފިލްމުވެސް ވަރަށް ޝައުގުވެރިވާނެ ކަމަށް ހޮލީވުޑް ރިޕޯޓުތަކުން ބުނެއެވެ.

ފިލްމު "ޑެވިލް ވެއަސް ޕްރާޑާ" ބެލުންތެރިންނަށް ގެނެސްދިންތާ 20 އަހަރުފަހުން އެ ފިލްމުގެ ދެވަނަ ބައި ގެނެސްދޭއިރު ފެޝަން ދުނިޔޭގެ ގިނަ ވާހަކަތަކެއްގެ އިތުރުން މަސައްކަތުގެ މާހައުލުގައި އާއްމުކޮށް ތަޖުރިބާކުރާ "ވޯކް ޕޮލިޓިކްސް" މި ފަހަރުގެ ފިލްމުން ވެސް ފެންނާނެއެވެ.

"ޑެވިލް ވެއަސް ޕްރާޑާ 2"ގެ ޓްރެއިލާގެ މަންޒަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ޓުވެންޓިއަތު ސެންޗަރީ ސްޓޫޑިއޯސްއިން ގެނެސްދޭ މި ފިލްމުގެ ކާސްޓުގައި ހިމެނޭ އިތުރު ތަރިންގެތެރޭ ސްޓޭންލީ ޓަކީ، ސައިމަން ބޭކަ، އެމިލީ ބްލަންޓްގެ އިތުރުން އެޑްރިއެން ގްރެނިއާ ހިމެނެއެވެ. މީގެއިތުރުން ނެޓްފްލިކްސްގެ މަގުބޫލު ޕީރިއަޑް ޑްރާމާ "ބްރިޖަޓޮން"ގެ ބަތަލާ ސިމޯން އޭޝްލީ ވެސް "ޑެވިލް ވެއަސް ޕްރާޑާ 2"ގެ ވަރަށް މުހިއްމު ރޯލަކުން ފެންނާނެއެވެ.

މި ފިލްމުގެ ދެވަނަ ބައިގެ ވެސް ޑައިރެކްޓަރަކީ ފުރަތަމަ ބައި ގެނެސްދިން ޑޭވިޑް ފްރޭންކެލްއެވެ. މި ފިލްމަކީ 2013 ވަނަ އަހަރު ލިޔުންތެރިޔާ ލޯރެން ވައިސްބާގަ "ރިވެންޖް ވެއަސް ޕްރާޑާ: ދަ ޑެވިލް ރިޓާންސް"ގެ ނަމުގައި ލިޔެ ބާޒާރަށް ނެރުނު ވާހަކައިގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

މި އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމަށް ގިނަ ބަޔަކު އިންތިޒާރުކުރާއިރު 2006 ވަނަ އަހަރު ގެނެސްދިން "ދަ ޑެވިލް ވެއަސް ޕްރާޑާ" އުފެއްދުމަށް 41 މިލިއަން ޑޮލަރު ހޭދަވިއިރު ބޮކްސް އޮފީހުގައި 326.7 މިލިއަން ޑޮލަރުގެ އާމްދަނީއެއް ފިލްމަށް ލިބުނެވެ.

comment ކޮމެންޓް