މިފަހަރު ސާފް ޗެމްޕިއަންޝިޕަށް ދާ ޒުވާން ސްކޮޑަށް ފުރުސަތެއް ދިނުމަށާއި، މި ޓީމަކީ ގައުމުގެ ހުރިހާ ރައްޔިތުންނަށްޓަކައި ކުޅޭނެ ޓީމެއް ކަމަށް ކޯޗު ޕީޓާ ސެގަޓް ބުނެފިއެވެ.
ސާފް ސުޒުކީ ކަޕްގެ ނަމުގައި ސެޕްޓެމްބަރު 4-15 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް އޮންނާނީ ބަންގާޅުގައެވެ.
މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ހިމެނެނީ ޖުމްލަ ހަތް ޓީމެވެ. ހަތް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ރާއްޖެ ހިމެނެނީ މުބާރާތުގެ ގްރޫޕް ބީގައެވެ.
ރާއްޖެއާއެކު ދެން ގްރޫޕްގައި ހިމެނެނީ ލަންކާ އަދި އިންޑިއާއެވެ. އޭގެ ތެރެއިން އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް އެންމެ ކާމިޔާބު ޓީމެވެ. އެޓީމު ވަނީ ހަތް ފަހަރެއްގެ މަތިން މުބާރާތުގެ ތަށި އުފުލާލައިފައެވެ.
ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު، ބަންގްލަދޭޝާއި ނޭޕާލްގެ އިތުރުން ބޫޓާން އަދި ޕާކިސްތާނެވެ.
މުބާރާތުގެ އެންމެފަހުގެ ތައްޔާރީތަކަށް މިއަދު ޓީމުން ގަތަރަށް ފުރާފައިވާ އިރު، ދެން ޓީމު ބަންގާޅަށް ދާނީ ރާއްޖެ ނައިހެވެ.
ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗު ސެގަޓް ބުނީ ޓީމަށް ކޭމްޕްގެ ހުރިހާ ކަމެއް ފަހުވެގެން ދިޔުމުން ފެޑަރޭޝަނަށް ޝުކުރު އަދާކުރާ ކަމަށާއި، ހުރިހާ ސަޕޯޓަރުންނަށްވެސް ޝުކުރު އަދާކުރާ ކަމަށެވެ.
"ފުރަތަމަވެސް ގަތަރުގެ ފެޑަރޭޝަން އަދި ރާއްޖޭގެ ފެޑަރޭޝަނަށް ފުރިހަމައަށް ޝުކުރު އަދާކުރަން. އަދި ރާއްޖޭގެ ސަރުކާރުންވެސް މިކަމަށް ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރަން. ރާއްޖޭގައި ތިބި އެންމެހާ ސަޕޯޓަރުންނަށްވެސް ޝުކުރު އަދާކުރަން،" ސެގަޓް ބުންޏެވެ.
ސެގަޓް ބުނެފައި ވަނީ މިއީ ޒުވާން ޓީމެއް ނަމަވެސް ޓީމަށް ފުރުސަތެއް ދިނުމަށް ކަމަށެވެ. އަދި މިވަގުތަކީ ގިނަ ވާހަކަތަކެއް ނުދައްކާ ޓީމަށް ފޯކަސް ކުރަންވީ ވަގުތު ކަމަށެވެ.
"އަހަރެންގެ ފަރާތުން އޮތް އެންމެ މުހިންމު ކަމަކީ ޓީމުގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ދެއްކުން. މި ޓީމުގެ ފެންވަރުން އެންމެ މޮޅު ކުޅުމެއް ދެއްކުން. އަހަންނަށް ހީވަނީ މިދިޔަ މަހާއި، މިދިޔަ ހަފްތާ ތެރޭގައިވެސް ވަރަށް ގިނަ ވާހަކަތައް ދެކެވިއްޖެހެން. ދެން އޮތް ކަމަކީ ހުރިހާ ކުޅުންތެރިންނަށް ފޯކަސްކުރުން. މި ޖީލަށް ފުރުސަތެއް ދީ،" ސެގަޓް ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕަށް އިއުލާން ކުރި ސްކޮޑުގައި ރާއްޖޭ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ހިމެނިފައެއް ނުވެއެވެ.
ގައުމީ ޓީމުން އޭޝިއަން ކަޕް ކޮލިފިކޭޝަންގައި އެންމެފަހުން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން، މެޗު ޕްރެސްއަށް ނުދިއުމުން ދަގަނޑޭ ޓީމުން ބޭރުކޮށްފައިވާ އިރު، އޭގެ ފަހުން ގައުމީ ޓީމުގެ ކޯޗާއި ދަގަނޑޭއާ ދެމެދު ބަހުގެ ހަމަލާތަކެއް ގޮސްފައިވެއެވެ.
ދަގަނޑޭ ޓީމަށް ނުނެގި އެއް ސަބަބެއްގެ ގޮތުގައި ކޯޗު ފާހަގަކޮށްފައި ވަނީ އޭނާގެ އުމުރެވެ. އަދި އޭގެ އިތުރުންވެސް ކުރިން ބުނިގޮތަށް ޑިސިޕްލިންނާއި ޓީމަށް 100 ޕަސެންޓް ދޭ ކުޅުންތެރިން ޓީމަށް ނެގި ކަމަށް ވިސްނިކަމަށްވެސް ކޯޗު ބުނެފައިވެއެވެ.
އިންޑިއާގައި 2015 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕަށްފަހު ދަގަނޑޭ ބުނެފައި ވަނީ އެ މުބާރާތުން ރިޓަޔާ ކުރި ކަމަށެވެ. އެހެން ނަމަވެސް މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ދަގަނޑޭ ބުނީ، ކޯޗު ސެގަޓް އޭނާއަށް ޓީމުން ޖާގަ ދިން ނަމަ، މިފަހަރުގެ މުބާރާތަށް ދާން ތައްޔާރަށް ހުރި ކަމަށެވެ.
ދަގަނޑޭ ޓީމަށް ނުނެގުމުން ގިނަ ބައެއްގެ ފާޑުކިޔުން ކޯޗަށް އަމާޒުވެފައިވާ އިރު، މިއަދުގެ ޕްރެސްގައި ސެގަޓަށް ސުވާލުކުރުމުގެ ފުރުސަތު އޭނާ ދީފައެއް ނުވެއެވެ. އޭނާގެ ފަހު ބަހެއްގެ ގޮތުން ބުނީ މިހާރު އޮތް ގައުމީ ޓީމު، ދިވެހި ހުރިހާ ރައްޔިތުންނަށްޓަކައި އެންމެ އެކަށީގެންވާ ކުޅުން ދައްކާނެ ކަމަށެވެ.
"ޒުވާން ޓީމުން ބޫޓާން ކައިރިން މޮޅުވީ 7-0ގެ ނަތީޖާއަކުން. އެކަމަށް ފުރިހަމައަށް އިހުތިރާމް ކުރަން. ވެދާނެ މިއީ އަދި ކަންތައްތަކެއް ދަސްކުރަން އޮތް ޓީމެއް ކަމަށްވެސް. އެކަމަކު މި ގައުމުގެ ހުރިހާ ރައްޔިތުންނަށްޓަކައި މި ޓީމުން އެންމެ މޮޅު ކުޅުން ދައްކާނެ،" ސެގަޓް ބުންޏެވެ.