"ސިމްބާ"އަކީ ކެރިއަރުގެ އެންމެ ބޮޑު ފިލްމު: ރަންވީރު

ކާމިޔާބު ބަތަލު ރަންވީރު ސިންހް--

ރޯހިތު ޝެޓީ ޑައިރެކްޓުކުރާ ފިލްމު "ސިމްބާ"އަކީ ފިލްމީ ކެރިއަރުގެ އެންމެ ބޮޑު ފިލްމު ކަމަށް ހުނަރުވެރި އެކްޓަރު ރަންވީރު ސިންހް ބުނެފިއެވެ.

މުމްބާއީގައި ކުރިއަށް ދިޔަ ހަފްލާއެއްގައި ވާހަކަ ދައްކަމުން ރަންވީރު ބުނީ ކޮންމެ ދުވަހަކު ވެސް އޭނާ މަސައްކަތް ކުރަނީ އެންމެ މޮޅު އެކްޓަރަށް ވުމުގެ އަޒުމުގައި ކަމަށާއި، ދިރިއުޅުމުގެ މަގްސަދަކީ މީހުން މުނިފޫހިފިލުވައިދިނުން ކަމަށެވެ.

ބޮލީވުޑް ކެރިއަރާ ގުޅޭގޮތުން ވާހަކަ ދައްކަމުން ރަންވީރު ބުނީ މިހާތަނަށް ގިނަ އަދަދެއްގެ ފިލްމުތަކެއްގައި، ކާމިޔާބު ގިނަ ޑައިރެކްޓަރުންނާއެކު މަސައްކަތްކުރުމުގެ ނަސީބު ލިބިފައިވާ ކަމަށެވެ. އަދި ކޮންމެ ފިލްމެއްގައިވެސް ތަފާތު ރޯލެއް އަދާކޮށް އެކްޓަރެއްގެ ގޮތުގައި ކުރިއަރަން މަސައްކަތްކުރާ ކަމަށެވެ.

"ބޭންޑް ބާޖާ ބާރާތު"ގެ ކާމިޔާބާއެކު ރަންވީރު އޭނާގެ ކެރިއަރު ފެށީ ވަރަށް ރަނގަޅަށެވެ. އެހެން ނަމަވެސް އޭނާގެ ފިލްމުތައް ފްލޮޕްވެސް ވެފައި އެބަހުއްޓެވެ.

ބޮލީވުޑްގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ރަންވީރުގެ ނަން ހިމެނިގެން ދިޔައީ ސަންޖޭ ލީލާ ބަންސާލީގެ "ގޯލިއޯން ކީ ރާސްލީލާ ރާމް ލީލާ" އަށް ފަހުއެވެ.

އެއީ އޭނާގެ "ބްރޭކްތުރޫ" ފިލްމު ކަމަށާއި، ކެރިއަރު ބަދަލުވެގެން ދިޔައީ އެހިސާބުން ކަމަށް ރަންވީރުވެސް އެއްބަސްވެއެވެ. ނަމަވެސް ކެރިއަރުގެ އެންމެ ބޮޑު ފިލްމުގެ ގޮތުގައި ރަންވީރު ގަބޫލުކުރަނީ ރޯހިތުގެ "ސިމްބާ"އެވެ.

ރޯހިތަށް ވަރަށް ބޮޑަށް ތައުރީފުކުރަމުން ރަންވީރު ބުނީ ރޯހިތު ކުރަމުން އަންނަ އުންމީދުތަކާ އެއްވަރަށް މަސައްކަތް ކުރެވޭތޯ އޭނާގެ އެންމެ "ބެސްޓް" ދައްކަމުން އަންނަ ކަމަށެވެ.

"ސިމްބާ"އަކީ ފެމިލީ އެންޓަޓެއިނާއެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެފަދަ ފިލްމުތަކުގައި މަސައްކަތްކުރަން ބޭނުންކަމަށް ރަންވީރު ބުންޏެވެ.

ފިލްމުގައި ރަންވީރު ފެނިގެން ދާނީ ފުލުހެއްގެ ރޯލުންނެވެ. "ސިމްބާ"އަކީ އެންޓީ ރާމަ ރާއޯ ޖޫނިއާއާއި ކާޖަލް އަގަރްވާލް ކުޅެފައިވާ ފިލްމު "ޓެމްޕާ"ގެ ރިމޭކެކެވެ. ފިލްމުގައި ރަންވީރުއާއެކު ފެނިގެން ދާނީ ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ޚާންއެވެ.

ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

comment ކޮމެންޓް