އިދިކޮޅުން މަސައްކަތް ކުރަނީ ރިޔާސީ އިންތިހާބު ހައިޖެކް ކުރަން: ޚަލީލް

ޕީޕީއެމްގެ ސެކްޓްރީ ޖެނަރަލް އަބްދުﷲ ޚަލީލްް: އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ އިންތިހާބް ހައިޖެކް ކުރުމަށް ކަމަށް --ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި ހަމަނުޖެހުން ހިންގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު 'ހައިކެޖް' ކުރަން ކަމަށް ޕީޕީއެމްގެ ސެކެޓްރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

ގައުމު ހަލަބޮލިކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ރޭ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވާތީ އެކަމަށް ބާރު ދެއްވައި ޚަލީލް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި ހަމަނުޖެހުން އޮތްކަން ދައްކައިގެން ރިޔާސީ އިންތިހާބްގެ ކަންކަން ހިންގަން ބޭރުގެ ބަޔަކު ގެންނަން ކަމަށެވެ.

"އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ރާއްޖޭގައި ހަމަނުޖެހުން އުފައްދައި ރިޔާސީ އިންތިހާބް ހައިޖެކް ކުރަން،" ޚަލީލް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިހާބް ހައިޖެކް ކުރުމަށް މަސައްކަތް ކުރަމުންދަނީ އެ ފަރާތްތަކަށް ރައްޔިތުންގެ ތާއީދު ނެތް ކަން އެނގޭތީ ކަމަށް ޚަލީލް ވަނީ ތުހުމަތުކުރައްވައިފަ އެވެ. އަދި އިންތިހާބަށް ނުފޫޒު ފޯރުވުމަށް އިދިކޮޅު ފަރާތްތައް ކުރާ މަސައްކަތްތައް ރައްޔިތުން ހުއްޓުވާނެ ކަމަށް ޚަލީލް ވިދާޅުވި އެވެ.

"ރާއްޖޭގެ މަގުތައް ނާމާން ކުރުމަށް ކުރާ މަސައްކަތްތައް ގާނޫނުން ބަލިކުރާނެ،" ޚަލީލް ވިދާޅުވި އެވެ.

ފޭސްބުކު ޕޭޖުގައި ރޭ ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފު ވިދާޅުވީ ގައުމު ހަލަބޮލިކޮށް ގައުމުގެ އަމަން އަމާންކަން ނަގާލަން ބަޔަކު މަސައްކަތް ކުރާކަމުގެ މައުލޫމާތު ލިބިފައިވާތީ ފުލުހުންނާއި ސިފައިން އެކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި އެފަދަ މައުލޫމާތެއް އެއްވެސް ރައްޔިތަކަށް ލިބިއްޖެ ނަމަ އެކަން ލަސް ނުކުރައްވައި ފުލުހުންނާއި ސިފައިންނަށް އެންގުމަށް ޑިފެންސް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.

ޑިފެންސް މިނިސްޓަރުގެ އެ ވާހަކަފުޅަތައް ރައްޔިތުން އަޑުއެހީ 'ޖޯކެއް'ގެ ގޮތުގައި ކަމަށް އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިއަދު ވިދާޅުވެފަ އެވެ. އަދި އެއްވެސް ކަހަލަ ނުރައްކެލެއްގެ އުޅޭ ނަމަ އެ ކަމެއްގެ ވާހާކަ ފުލުހުންނާއި ސިފައިންގެ އިދާރާތަކުން ރަސްމީކޮށް ރައްޔިތުންނާ ހިއްސާ ކުރެއްވުމަށް ވެސް އިބޫ ވަނީ ގޮވާލައްވާފަ އެވެ.

comment ކޮމެންޓް