ރައީސް ޔާމީންގެ ސަރުކާރުން ވަނީ އިގްތިސޯދީ ގޮތުން ކާމިޔާބީތަކެއް ހޯދައިފައި: ދުންޔާ

ސްރީ ލަންކާގެ ޓީވީއަކަށް ދުންޔާ(ކ) އިންޓަވިއު ދެއްވަނީ ---

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އިގްތިސޯދީ ގޮތުން ކާމިޔާބީތަކެއް ހޯދާފައި ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި ދާދި ފަހަކާ ޖެހެންދެން ހެލްތު މިނިސްޓްރީގެ ސެޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

އަވައްޓެރި ކޮޅުބުގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ދުންޔާ ވިދާޅުވީ ހަގީގަތަށް ބަލާ ނަމަ ރައީސް ޔާމީންގެ ސަރުކާރުން ވަނީ އިގްތިސޯދީ ގޮތުން ކާމިޔާބީތަކެއް ހޯއްދަވާފައި ކަމަށާއި އެގޮތުން ފަތުރުވެރިކަމާއި ބޭރުގެ އިންވެސްޓަރުން ރާއްޖެ ގެނައުމުގައި ކުރިއެރުންތަކެއް ހޯއްދަވާފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ރަނގަޅު ކަންތައްތަކެއް ހުރިކަން ދުންޔާ ފާހަގަކުރެއްވި އިރު އޭނާ ވަނީ އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) އަށާއި އޭނާގެ ރަނިން މޭޓް ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމަށް ވެސް ތައުރީފްކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.

އިދިކޮޅުގައި އޮތީ ވަރަގަދަ ޓީމެއްކަން ފާހަގަކޮށް ދުންޔާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިހާބަށް ނިކުމެފައި ވަނީ ރާއްޖޭގެ ޑިމޮކްރަސީގައި ހުރި މައްސަލަތަކެއް ހައްލުކޮށްދެއްވާނެކަން ފާހަގަކުރަމުން ކަމަށެވެ.

ދުންޔާގެ ވާހަކަތަކާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ވަނީ އޭނާއަށް ފާޑުވިދާޅުވެ ޓްވީޓެއް ކުރައްވައިފަ އެވެ. އޭނާ މަސައްކަތް ކުރައްވާނީ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ކަމަށާއި އަދި އިދިކޮޅު ފަރާތްތަކާ ނުގުޅޭނެ ކަމަށް ދުންޔާ މީގެ ކުރިން ވިދާޅުވިކަން މަހްލޫފް ފާހަގަކުރެއްވި އެވެ. އަދި ދުންޔާ ހުންނެވީ އިދިކޮޅު ފަރާތްތަކާ އެކު ކަން ނުވަތަ ނޫންކަން އެ ފަރާތްތަކަށާއި އާންމުންނަށް ސާފުކޮށްދެއްވުމަށް މަހްލޫފް ވަނީ ގޮވާލައްވައިފަ އެވެ.

ރިޝްވަތު ދިނުމާއި ޓެރަރިޒަމް ކުށުގެ އިތުރުން ގާނޫނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫނަށް ތާއިދުކުރާ ފަރާތްތަކުން އަންނަނީ 'މައުމޫން ރިފޯމް މޫމެންޓް'ގެ ނަމުގައި އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.

މައުމޫންގެ އިތުރުން ދަރިކަލުން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އާއި ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވެސް ހުންނެވީ ހައްޔަރުގަ އެވެ. އަދި އިދިކޮޅު ހަރަކާތްތަކުގައި ރައީސް މައުމޫނުގެ ފަރާތްޕުޅުން ކުރިން އެންމެ އިސްކޮށް އުޅުއްވި ޔުމްނާ މައުމޫން އެ ހަރަކާތުން ނުފެންނަތާ ވެސް ދުވަސް ގަނޑެއް ވެއްޖެ އެވެ.

comment ކޮމެންޓް