"ޑަބަލް ޓެކްސް އެވޮއިޑެންސް" އެގްރީމަންޓްތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ޖިހާދު

މީރާގެ އަށް ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ޖިހާދު ވަހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ސަން

ބޭރު ގައުމުތަކާ އެކު "ޑަބަލް ޓެކްސް އެވޮއިޑެންސް" އެގްރީމަންޓްތައް އެކުލަވާލުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ވެސް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

މިރާގެ އަށް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ޖިހާދު ވިދާޅުވީ، ގައުމުތަކާ އެކު "ޑަބަލް ޓެކްސް އެވޮއިޑެންސް" އެގްރީމަންޓްތައް އެކުލަވާލުކަމީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ތެރޭގައި ހިމެނޭ މުހިންމު މަސައްކަތެއް ކަމަށެވެ.

އެ މަސައްކަތްތައް ކުރިއަށް ގެންދަނީ ރާއްޖޭގެ ކުންފުނިތަކުން، ބޭރު ކުންފުނިތަކާ އެކު ކުރަމުންދާ ވިޔަފާރިތަކުގައި ދިމާވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން ކަމަށް ޖިހާދު ވިދާޅުވި އެވެ.

ސަރުކާރުން މަސައްކަތް ކުރާނީ މީރާ އާ ގުޅިގެން، އެ ތަނުގެ މަސައްކަތްތައް ވީހާ ވެސް ބޮޑަކަށް ހަރުދަނާ ކުރުމަށް ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ. އެގޮތުން ޓެކްސްގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ވެސް މީރާގެ ލަފަޔާ އެކު ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓެކުހުގެ ނިޒާމުން އެންމެ ބޮޑު ފައިދާއެއް ކުރަނީ ރައްޔިތުންނަށް ކަމަށާއި، ޓެކުހުގެ ގޮތުގައި ނަގާ ފައިސާ އަކީ ގައުމުގެ އުމްރާނީ ތަރައްގީއާއި އެހެނިހެން ބޭނުންތެރި މަސައްކަތްތަކަށް ހަރަދުކުރާ ފައިސާ ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.

ނަމަވެސް ޓެކްސް ނެގުމުގައި ކުދި ވިޔަފާރިތަކަށް ލުއި ދިނުމަކީ، އާ ވިޔަފާރިތައް ކުރި އެރުމަށް ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޖިހާދުގެ އިތުރުން މީރާގެ ކޮމިޝަނާ ޖެނަރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވެސް ވަނީ އިތުރު ގައުމުތަކާ އެކު "ޑަބަލް ޓެކްސް އެވޮއިޑެންސް" އެގްރީމަންޓްތައް ހަދަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

"ބައިނަލްއަގުވަމީ ވިޔަފާރީގެ ގުޅުންތައް ފުޅާވަމުން ދާއިރު ޓެކްސް ނިޒާމަކީ ވެސް މިފަދަ ފަހި ނިޒާމަކަށް ވާންޖެހޭ. އެއް އަމްދަނީއަކަށް ދެ ގައުމެއްގަ ޓެކްސް ކުރެވޭނަމަ ވިޔަފާރިތަކަށް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވެގެން ދާނެކަން އަޅުގަނޑަށް އެނގޭ،" ޔާޒީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް "ޑަބަލް ޓެކްސް އެވޮއިޑެންސް" އެގްރީމަންޓްތައް އެކުލަވާލުމުގެ މަސައްކަތްތައް މިދިޔަ އަހަރު ވެސް ވަރަށް ބާރަށް ކުރެވުނު ކަމަށެވެ.

އެގޮތުން ރާއްޖޭން "ޑަބަލް ޓެކްސް އެވޮއިޑެންސް" އެގްރީމަންޓުގައި ޔޫއޭއީއާ އެކު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ސޮއި ކުރިކަން ޔަޒީދު ފާހަގަ ކުރެއްވި އެވެ. އޭގެ އިތުރުން، މެލޭޝިޔާ، ބަންގްލަދޭޝް އަދި ސިންގަޕޫރާއި އެކު "ޑަބަލް ޓެކްސް އެވޮއިޑެންސް" އެގްރީމަންޓް އެކުލަވާލަން ކުރަންޖެހޭ މަޝްވަރާތައް ނިމިފައިވާ ކަމަށް ޔަޒީދު ވިދާޅުވި އެވެ.

އަވައްޓެރި ސްރީ ލަންކާ އާއި ތައިލޭންޑް އަދި ޗައިނާގެ އިތުރުން މޮރިޝަސްއާ އެކު "ޑަބަލް ޓެކްސް އެވޮއިޑެންސް" އެގްރީމަންޓެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް