މިދިޔަ މަހު މީރާއަށް 2.33 ބިލިއަން ރުފިޔާ، 33 ޕަސެންޓުގެ އިތުރުވުމެއް

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ މަހު މީރާއަށް 2.33 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށާއި އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 33.7 ޕަސެންޓް އިތުރު އަދަދެއް ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

މީރާއިން ބުނީ މިދިޔަ މަހު ލިބިފައިވާ އާމްދަނީއަކީ އަންދާޒާ ކުރިވަރަށްވުރެ 22.3 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ. އަދި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީ، ބޭންކް ޕްރޮފިޓް ޓެކްސް އަދި އެކްސްޕަޓްރިއޭޓް ކޯޓާ ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމަށެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި މި އަހަރުގެ ފެބުރުއަރީގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމާއި ބޭންކް އިންކަމް ޓެކްސް އާއި ޓޫރިޒަމް ލޭންޑް ރެންޓް ދައްކަންޖެހޭ ސުންގަޑިއަށް ދައްކައިފައިނުވާ ބައެއް ފައިސާ މި މުއްދަތުގެ ތެރޭގައި ލިބިފައިވުމެވެ.

މީގެ އިތުރުން، މިއަހަރު ޖަނަވަރީގައި ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ހަތަރު އިންސައްތަ އިތުރުވުމަކީ ވެސް، މީރާގެ އާމްދަނީ އަންދާޒާއަށް ވުރެ އިތުރުވި ސަބަބެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ވޭތުވެދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރީ ޖީއެސްޓީއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. މީގެ އިތުރުން ގްރީން ޓެކުހާއި އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ އިތުރުން ޑިޕާޗާ ޓެކުހުގެ ގޮތުގައި ވެސް މީރާއަށް ރަނގަޅު އާމްދަނީއެއް ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މިދިޔަ މަހު ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 100.34 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

comment ކޮމެންޓް