މިދިޔަ އަހަރުގެ މާޗު މަހާ އަޅާ ބަލާއިރު މި އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ 34 ޕަސެންޓް އިތުރުވެފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން ނެރުނު މިދިޔަ މާޗު މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މާޗު މަހު އާމްދަނީގެ ގޮތުގައި 2.94 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ އެ ދުވަސްވަރު އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 2.19 ބިލިއަން ރުފިޔާއެވެ.
މީރާއިން ބުނީ، އާމްދަނީ މައިގަނޑުގޮތެއްގައި އިތުރުވެފައިވަނީ ރާއްޖެއަށް ޓެކުހުން ލިބޭ އާމްދަނީގެ ސަބަބުން ކަމަށެވެ. މީގެ ތެރޭގައި ބޭންކު އިންކަމް ޓެކުހާއި، ޓީ ޖީއެސްޓީ، ޓޫރިޒަމް ލޭންޑު ރެންޓު އަދި ވިތްހޯލްޑިން ޓެކުހުން ލިބިފައިވާ އާމްދަނީ ހިމެނެއެވެ.
އަދި މީގެ އިތުރުން ބޭންކު އިންކަމް ޓެކްސް ރިވިއު މިދިޔަ މަހުގެ ތެރޭގައި ދައްކައިފައިވުމުންވެސް މިއީ އާމްދަނީ އިތުރުވި ސަބަބެކެވެ.
ދައުލަތަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ:
ޖީއެސްޓީ: 1.52 ބިލިއަން ރުފިޔާ (%51.7)
އިންކަމް ޓެކްސް: 588.7 މިލިއަން ރުފިޔާ (%20.1)
ޓޫރިޒަމް ލޭންޑު ރެންޓު: 370.6 މިލިއަން ރުފިޔާ (%12.6)
ގްރީން ޓެކްސް: 113.8 މިލިއަން ރުފިޔާ (%3.9)
އެއާޕޯޓު ޑިވެލޮޕްމެންޓު ފީ: 106.1 މިލިއަން ރުފިޔާ (%3.6)
މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބުނީ ޖުމުލަ 2.3 ބިލިއަން ރުފިޔާއެވެ. އަނެއް 611.3 މިލިއަން ރުފިޔާ ލިބިފައިވަނީ ނޮން ޓެކްސް ރެވެނިއުގެ ގޮތުގައެވެ.