ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދު، ވައިޖެހޭގެ، ގއ. ވިލިނގިލި އަލުން އެ މަގާމަށް އައްޔަންކުރައްވަން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވައިފިއެވެ.
ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ.
ޓެކްސް ކޮމިޝަނަރުކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި މަގާމަށް ކުރިމަތިލީ މެންބަރުންގެ ތެރެއިން މަގާމުގެ ޝަރުތު ހަމަވާ މެންބަރުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަންނަވާ ތަރުތީބުން މިއަދު ވަނީ މަޖިލީހަށް ނަންތައް ފޮނުއްވައިފައެވެ. އެގޮތުން، ޓެކްސް ކޮމިޝަނަރު ކަމަށް އައްޔަންކުރަން ފޮނުއްވާފައިވަނީ ޔަޒީދުގެ އިތުރުން، އޭރު ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ފުރުއްވި ހުޅުމާލެ ފްލެޓް ނަންބަރު ސީ1-3ބީ ، ހަސަން ޒަރީރެވެ.
ޔާމީންގެ ވެރިކަމުގައި މީރާ ހިންގަން ތިބި ދެ ބޭފުޅުންގެ މަގާމު ގެއްލުނީ ސެޕްޓެމްބަރު 3، 2019 ގައި ރައްޔިތުންގެ މަޖިލީހުން ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހާ އެކުގައެވެ. އެ އިސްލާހު ފާސްވުމާ އެކު އޭރު މީރާގެ ވެރިންގެ ގޮތުގައި ތިއްބެވި ޔަޒީދާއި ޒަރީރުގެ މަގާމު ވަނީ ގެއްލިފައެވެ.
އޭގެ ފަހުން، ގާނޫނަށް ގެނައި ބަދަލާ އެކު ޓެކްސް ކޮމިޝަނަރު ކަމަށް އައްޔަންކުރެއްވީ ފަތުހުﷲއެވެ.
އެކަމަކު، މިދިޔަ ނޮވެމްބަރު 17، 2023 ގައި ވެރިކަން ބަދަލުވުމަށް ފަހު މިދިޔަ ފެބްރުއަރީ މަހު އޭނާ ވަނީ އިސްތިއުފާދެއްވައިފައެވެ. އެހެންވެ، ޕީޕީއެމްގެ އާ ސަރުކާރަށް ޓެކްސް ކޮމިޝަނަރަކު ހޯދަން ހުޅުވައިލީ އެ މަހުގެ 20 އިން 21 އަށެވެ.
މަގާމަށް ރައީސް މުއިއްޒު މިއަދު ފޮނުއްވި ނަންތައް ދިރާސާކުރަން މިހާރު ވަނީ އިގުތިސާދީ ކޮމިޓީއަށް ފޮނުވައިފައެވެ.
ގާނޫނު ބުނާ ގޮތުން ޓެކްސް ކޮމިޝަނަރު ކަމަށް އައްޔަންކުރަނީ ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިން މަޖިލީހުން ރުހުން ލިބޭ ނަމެކެވެ.