އެޕަލް ކުންފުނީގެ އަގު އެއް ޓްރިލިޔަން ޑޮލަރަށް އަރައިފި

އެޕަލް އިން އެންމެ ފަހުގެ އައިފޯން ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ ޓިމް ކުކް.

އެޕަލް ކުންފުނީގެ އަގު އެއް ޓްރިލިޔަން ޑޮލަރަށް ވުރެ މަތިވެ، ރެކޯޑް ހަދައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެޕަލް އަކީ އެއް ޓްރިލިޔަން ޑޮލަރަށް އަގު ކުރެވުނު ދުނިޔޭގެ ފުރަތަމަ ޕަބްލިކް ކުންފުންޏެވެ.

އެމޭޒަން އާއި މައިކްރޯސޮފްޓް ފަދަ ބޮޑެތި ކުންފުނިތައް "ބަލި" ކުރުމަށް ފަހު އެޕަލް އަށް ފުރަތަމަ ޓްރިލިޔަން ކުންފުނީގެ ޝަރަފު ލިބުނީ މިއަދު އެ ކުންފުނީގެ ހިއްސާގެ އަގު އުފުލުމާ ގުޅިގެންނެވެ. މިހާރު އެ ކުންފުނީގެ ހިއްސާއެއްގެ އަގު އުޅެނީ 207 ޑޮލަރުގަ އެވެ.

އެޕަލްގެ ހިއްސާގެ އަގު އުފުލުނީ، މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 11.5 ބިލިޔަން ޑޮލަރުގެ ބޮޑު ފައިދާއެއް ލިބުމުން އިންވެސްޓަރުންގެ އިތުބާރު ވަރުގަދަވެ، އެ ކުންފުނީގެ ހިއްސާ ގަތުމަށް އަވަސްވެ ގަތުމުންނެވެ.

އެޕަލްއަށް 11.5 ބިލިޔަން ޑޮލަރުގެ ފައިދާއެއް

އައިފޯނާއި، އައިމެކް ފަދަ މަޝްހޫރު ސާމާނު އުފައްދާ ކުންފުނި ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި އެމެރިކާގެ ހިއްސާގެ ބާޒާރުގައި ލިސްޓް ކުރީ 1980 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ކުންފުނީގެ ހިއްސާގެ އަގު މިހާރު ވަނީ 50،000 ޕަސެންޓަށް ވުރެ މަތިވެފަ އެވެ.

ސްޓީވް ޖޮބްސް، 1976 ވަނަ އަހަރު އޭނާގެ ގޭގެ ގަރާޖުގައި އުފެއްދި ކުންފުނި ޓްރިލިޔަން ޑޮލަރަށް އެރުމުގެ ކުރިން ވެސް އޮތީ ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނީގެ ގޮތުގަ އެވެ.

އެމެރިކާގެ ޕަބްލިކް ކުންފުނިތަކުގެ ތެރެއިން މިދިޔަ އަހަރު އެންމެ ބޮޑު ފައިދާ އެއް ލިބުނީ ވެސް އެޕަލް އަށެވެ. އެ ކުންފުނިން މިދިޔަ އަހަރު ވަނީ 229 ބިލިޔަން ޑޮލަރުގެ ވިޔަފާރިކޮށް، 48.4 ބިލިޔަން ޑޮލަރުގެ ސާފު ފައިދާއެއް ހޯދާފަ އެވެ.

މީގެ ކުރިން ޗައިނާ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ޕެޓްރޯޗައިނާ 2007 ވަނަ އަހަރު ޝަންހާއީގެ ހިއްސާގެ ބާޒާރުގައި ލިސްޓް ކުރި އިރު އެ ކުންފުނީގެ އަގު ކުޑަ ދުވަސްކޮޅަކަށް 1.1 ޓްރިލިޔަން ޑޮލަރަށް އެރި އެވެ. ނަމަވެސް މިހާރު އެ ކުންފުނީގެ އަގު ވަނީ 220 ބިލިޔަން ޑޮލަރަށް ވެއްޓިފަ އެވެ.

ޕެޓްރޯޗައިނާގެ އިތުރުން ވެސް ބައެއް ގައުމުތަކުގެ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުން މަދުން ނަމަވެސް އެއް ޓްރިލިޔަން ޑޮލަރަށް އަރާފައި ވެއެވެ.

އެޕަލް އަކީ ޓްރިލިޔަން ޑޮލަރަށް އެރި ފުރަތަމަ ޕަބްލިކް ކުންފުނީގެ ގޮތުގައި ބަލަނީ، އެއީ ސަރުކާރުގެ ހިއްސާ ނެތި ޓްރިލިޔަން ޑޮލަރަށް އެރި ފުރަތަމަ ކުންފުންޏަށް ވުމުންނެވެ.

comment ކޮމެންޓް