އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު ކަމަށް އިބްރާހިމް މުހައްމަދު ޞާލިޙު (އިބޫ) ހަމަޖެއްސީ، އިދިކޮޅުގެ އެންމެ ވަރުގަދަ ޕާޓީ ކަމަށްވާ އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދު އިންތިހާބުގައި ވާދަ ކުރައްވަން މަސައްކަތްފުޅު ކުރައްވައި ނާކާމިޔާބު ވުމުންނެވެ. އެމްޑީޕީގެ "ރޫހާނީ ލީޑަރު"، ނަޝީދަށް އިންތިޚާބުގައި ވާދަ ނުކުރެވޭތީ އިބޫ "ފުށް ޖައްސައި ރީތިކޮށް"، ރިޔާސީ ކެންޑިޑޭޓަށް ހަމަޖައްސާފައިވާ އިރު، އޭނާ އަކީ ބާރުތަކާއި ނުފޫޒުން އެއްކިބާވެފައިވާ "މިނިވަނެއް"ތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.
ޖޫން މަހުގެ ފަހު ކޮޅު އއ. އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވެފައި ވަނީ އޭނާ އަކީ ވަކި މީހެއްގެ މީހެއް ނޫން ކަމަށާއި އޭނާ އަކީ ރައްޔިތުންގެ މީހެއް ކަމަށެވެ. އެހެން ނަމަވެސް، އެއީ ހަގީގަތެއް ބާއެވެ؟
އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީން ވަނީ އެ ޕާޓީގެ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯ ވެސް އިއުލާނު ކޮށްފަ އެވެ. އެ މެނިފެސްޓޯގައި އެމްޑީޕީ އިން ބުނެފައި ވަނީ އިދިކޮޅުގެ ކެންޑިޑޭޓު އިންތިހާބު ކާމިޔާބުކޮށްފި ނަމަ ގާއިމު ކުރެވިގެންދާނީ ދޮޅު އަހަރުގެ އިންތިގާލީ ސަރުކާރެއް ކަމަށެވެ. އަދި އޭގެ ފަހުން އެހެން އިންތިހާބެއް ބާއްވައި ރައީސް ކަމަށް ބޭފުޅަކު އިންތިހާބު ކުރާނެ ކަމަށް ބުނެފައިވެ އެވެ.
އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ދޮޅު އަހަރުގެ ސަރުކާރުގެ ވާހަކަތަކަށް އިދިކޮޅު އެހެން ޕާޓީތަކުން އަދި ގޮތެއް ކިޔާފައި ނުވާ އިރު އެއީ ފަހުން ބަދަލު ކުރާނެ ވައުދެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އެހެން ނަމަވެސް ބަދަލު ކުރުމުގެ ނިޝާނެއް ވެސް އަދި ފެނިފައެއް ނުވެ އެވެ. އެ ވައުދާ ގުޅުވާލެވިގެން އިބޫއަށް މިހާރު ވަނީ ވަރަށް ބޮޑު ތުހުމަތުތަކެއް އަމާޒުވެފަ އެވެ.
ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުގައި އެމްޑީޕީން ދޮޅު އަހަރުގެ ސަރުކާރެއް ގާއިމް ކުރަން މަސައްކަތް ކުރަނީ އެ ޕާޓީގެ "ރޫހާނީ ލީޑަރު" އަނެއްކާ ވެސް ވެރިކަމަށް ގެނައުމަށް މަގު ކޮށުމުގެ ގޮތުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި އިބޫ ވެރިކަމަށް ގެންނަން މަސައްކަތް ކުރަނީ ނަޝީދު މިނިވަންކޮށް، މިހާރު ނަޝީދަށް ވެރިކަމަށް ކުރިމަތިލުމަށް ހުރި ގާނޫނީ ހުރަސްތައް ނެތިކޮށްލުމުގެ ގޮތުންނެވެ. އަދި އެ ހުރަސްތައް ނައްތާލުމަށް ފަހު ދޮޅު އަހަރު ފަހުން އިންތިހާބެއް ބާއްވައި ނަޝީދު އަނެއްކާ ވެސް ވެރިކަމަށް ގެންނަން އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
"އެއްވެސް ކަހަލަ ޝައްކެއް ނެތް މިންވަރަށް އެބަ އެނގޭ އެމީހުންގެ އަމާޒަކީ ވަކި މީހަކު ވެރިކަމަށް ގެނައުމަށްޓަކައި، އިންޓަރިމް ގަވަމެންޓެއް ގާއިމްކުރުމަށް ޓަކައި ރިޔާސީ އިންތިހާބެއް ބޭއްވުމުގެ އަމާޒުކަން،" ހޯމް މިނިސްޓަރު އަހްމަދު އަޒްލީން "ސަން"އަށް ވިދާޅުވި އެވެ.
އަޒްލީން ވިދާޅުވީ، އިދިކޮޅުގައި ތިބި ބޭފުޅުންނަކީ ގައުމަށް ހެޔޮ އެދޭ އިހުލާސްތެރި ބައެއް ނަމަ ވަގުތީ ސަރުކާރެއް ގެންނަވަން މަސައްކަތް ނުކުރައްވާނެ ކަމަށެވެ. އަދި ފަސް އަހަރު ދުވަހުގެ ރޭވުމެއް އިދިކޮޅަށް ނުދެއްކެންވީ ސަބަބެއް ކޮބައިތޯ އަޒްލީން ސުވާލު އުފެއްދެވި އެވެ.
"އަޅުގަނޑަށް ފެންނަނީ ރިޔާސީ އިންތިހާބެއް އިތުރަށް ނުބާއްވާ އިންޓަރިމް ގަވަމެންޓުގެ މި ދަންނަވާ ކުޅިގަނޑު ކުޅޭނެ ކަމަށް. އެއީ ދޮޅު އަހަރުގެ ތެރޭގައި ފައިސަލް ނަސީމް އިސްތިއުފާ ނުދެއްވައިފިކަމުގައި ވަންޏާ، އެމީހުންނަށް ވެރިކަން ލިބިއްޖިއްޔާ ރައްޔިތުންގެ މަޖިލިސް 2019 ވަނަ އަހަރު ކާމިޔާބުކުރުމަށް ފަހު، ފައިސަލް ނަސީމްގެ މައްޗަށް ނޯ ކޮންފިޑެންސް ވޯޓު ނެގުމަށް ފަހު، ފައިސަލް ނަސީމް ވެރިކަމުން ދުރުކޮށް، ރައީސް ނަޝީދު ނައިބު ރައީސް ކަމަށް އައްޔަންކުރައްވައި، އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ ދެއްވީމައި އޮޓޮމެޓިކަލީ ވެރިކަމަށް ވަޑައިގަންނަވާނީ ރައީސް ނަޝީދު ނޫންތޯ؟ އޭރުން އިލެކްޝަނެއް ނުބާއްވައި ވެސް މިކަން ކުރެވޭނެ ނޫންތޯ؟" އަޒްލީން ވިދާޅުވި އެވެ.
މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރި އަދި ވެރިކަމަށް ކުރިމަތިލި އެއްވެސް ބޭފުޅަކު ދޮޅު އަހަރު ދުވަހުގެ ސަރުކާރެއް ގާއިމް ކުރައްވަން މެނިފެސްޓޯގައި ހިމަނާފައި ނުވާ އިރު އިބޫ އެފަދަ ސަރުކާރެއް ގާއިމް ކުރެއްވުމަށް ރޭވުމުގެ އަޑީގައި އޮތް ސިއްރަކީ އަދީ ހިކުމަތަކީ ކޮބައިތޯ ބައެއްގެ ހިތްތަކުގައި ވަނީ ސުވާލު އުފެދިފަ އެވެ. ނަމަވެސް ގާނޫނު އަސާސީ ތަން ނުދޭ ކަމަށް މާހިރުން ބުނާ 18 މަސް ދުވަހުގެ ވެރިކަމެއް ކުރައްވަން ބޭނުންފުޅުވާ ސަބަބު އަދި އަދަށް ދާންދެން އިބޫ ސާފުކޮށްދެއްވާފައި ނުވެ އެވެ.
އިބޫއަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓުކަން ދިން ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ވަނީ އިބޫގެ މަގުސަދާ މެދު ސުވާލު އުފައްދައިފަ އެވެ. ޖުލައި އެއް ވަނަ ދުވަހު އަދުރޭ ވިދާޅުވީ އިބޫ ވެރިކަމަށް ގެނައުމަށް ރައީސް ނަޝީދު ބޭނުންފުޅު ވަނީ، އިބޫ އޭނާ މިނިވަންކުރައްވައި، ދައުރުގެ މެދުތެރެއިން އިންތިހާބެއް ބާއްވައި، އޭނާއަށް ވެރިކަން ދެއްވާނެތީ ކަމަށެވެ. އެހެން ނަމަވެސް އިބޫ ވެސް ނަޝީދުއަށް އިތުބާރު ނުކުރައްވާ ކަމަށް ދޭހަވާ ގޮތަށް އޭނާ ވާހަކަފުޅު ދެއްކެވި އެވެ.
ރައީސް ޔާމީނަށް ޕީޕީއެމްގެ ރަސްމީ ޓިކެޓު ހަވާލުކުރުމަށް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އިބޫއަށް އަމާޒުކުރައްވައި ގިނަ ސުވާލުތަކެއް ވެސް ކުރިމަތި ކުރައްވައިފަ އެވެ. އެ ސުވާލުތަކަކީ ސީދާ ޖަވާބު ދެއްވޭނެ ފަދަ ސުވާލުތަކެއް ނަމަވެސް އިބޫ ދެއްވީ ނުސީދާ ޖަވާބެކެވެ. އޭނާ ވިދާޅުވީ ސުވާލުތަކުގެ ޖަވާބު އިންތިހާބުން ލިބޭނެ ކަމަށެވެ.
ރައީސް ޔާމީނަށް ވަރުގަދަ ރައްދެއްދީ ރައްޔިތުންގެ ލޯބި ހޯއްދަވަން ލިބިވަޑައިގެންނެވި ރަނުގެ ފުރުސަތު އިބޫ ދޫކޮށްލެއްވީ ކީއްވެބާ އެވެ؟ އޭނާއަށް ޖަވާބު ދެއްވަން އެނގިވަޑައިނުގަތީ ބާ އެވެ؟ ނުވަތަ އެކަމުގައި އެހެން ސަބަބެއް އޮތީބާ އެވެ؟ މިއީ މިހާރު އިދިކޮޅުގެ ސަޕޯޓަރުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކެކެވެ.
އެ ސުވާލުތަކަށް ރައީސް ޔާމީންގެ ރަނިން މޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ޖަވާބު ދެއްވައިފަ އެވެ. ޕީއެސްއެމްގެ "އެންމެ ފުރަތަމަ ގައުމު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ އިބޫ ޖަވާބު ނުދެއްވީ އޭނާ އަކީ ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހޭ މީހާކަން އޭނާ ގަބޫލުފުޅު ނުކުރައްވާތީ ކަމަށެވެ.
އަދި ހަގީގަތުގައި ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނީ ކުރީގެ ރައީސް ނަޝީދު ކަމަށް ދޭހަވާ ގޮތަށް އޭނާ ވާހަކަފުޅު ދެއްކެވި އެވެ. ޝަހީމްގެ ވާހަކަފުޅުތަކަށް ފަހު އިބޫ އަކީ "ޕަޕެޓެއް" ކަމަށް ދެކެވެމުން ދިޔަ ވާހަކަތަކަށް އާ ބާރެއް ލިބިގެން ދިޔަ އެވެ.
"އެބޭފުޅާ އަކީ އެހެން މީހަކަށް ވެރިކަން ހޯއްދަވައި ދެއްވުމަށް ޓަކައި ވަޑައިގެންނެވި ބޭފުޅެއް. ދޮޅު އަހަރު ދުވަހުގެ ސަރުކާރެއް ގާއިމް ކުރައްވާ ވާހަކަފުޅު އެ ދައްކަވަނީ. އެއަށް ފަހު އިންތިޚާބެއް ބާއްވާ ވާހަކަ މި އަޑުއިވެނީ. އެހެންވީމާ އެއަށް ދޭނެ ޖަވާބެއް ނުވެސް އޮންނާނެ،" ޝަހީމް ވިދާޅުވި އެވެ.
މިއީ އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ހިއްސާ ކުރާ ވިސްނުމެއް ކަމަށް ސިޔާސީ ދާއިރާ ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ. އެކަމުގެ ދަލީލެއްގެ ގޮތުގައި އެހެން ބުނާ ފަރާތްތަކުން ބޭނުން ކުރަމުން ދަނީ، ދާދި ފަހުން އެމްޑީޕީގެ ބައެއް މެމްބަރުން އިބޫ ކެމްޕެއިން ދަތުރުފުޅުތަކުގައި ރައްޔިތުންނަށް ވައުދު ނުވުމަށް ގޮވާލި ގޮވާލުމެވެ.
އެމްޑީޕީގެ ބައެއް މެމްބަރުން އިބޫއަށް ގޮވާލާފައި ވަނީ ވައުދުތައް މަދުކޮށް، އަނިޔާވެރިކަމާއި ވަށްކަން ކުރުން ހުއްޓާލާނެ ކަމަށް ވިދާޅުވުމަށެވެ. އެކަމުން ވެސް ދޭހަވެގެން ދަނީ އެ މެމްބަރުންނަށް ވެސް އިބޫ އަކީ ވަގުތީ ބޭފުޅެއްކަން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
އެކަމާ ގުޅިގެން އިބޫގެ އަމަލުތައް ވަކި ބައެއްގެ "ޕްރޮޕެގެންޑާ"ގެ ދަށުވެފައި ހުރި މީހެއްގެ އަމަލުތައް ހުންނަ ގޮތަށް ބައްޓަން ވެފައި ވަނީ ކީއްވެތޯ ވެސް މިނިސްޓަރު އަޒްލީން ވަނީ ސުވާލު ކުރައްވައިފަ އެވެ.
"އިބްރާހިމް މުހައްމަދު ޞާލިޙަކީ ރައްޔިތުންނަށް ކަންތައްތަކެއް ވައުދުވެގެން އަންނަ ވެރިޔަކަށް ވުރެ ބޮޑަށް، އެމްޑީޕީގެ ވަކި ބައެއްގެ ޕްރޮޕެގެންޑާގެ ދަށުވެފައި ހުރި މީހެއް ކަމަށް ދޭހަވާ ގޮތަށް އިބްރާހިމް މުހައްމަދު ޞާލިޙުގެ އަމަލުތައް ތި ބައްޓަން ކުރައްވަނީ ކީއްވެތޯ؟ ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ވެރިކަމަށް އަންނަ މީހެއް ކަމަށް ވަންޏާ ރައްޔިތުންނަށް ކޮށްދެއްވާނެ ކަންތައްތަކަކީ ކޮބައިކަން ބުނަން ޖެހޭނެ ނޫންތޯ؟ އަދި ނުކުރާނެ ކަންތައްތައް ވެސް އިބްރާހިމް މުހައްމަދު ޞާލިޙު ޖެހޭނެއެއް ނޫންތޫ ބުނަން؟" އަޒްލީން ވިދާޅުވި އެވެ.
އެމްޑީޕީގެ އެތެރޭގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް މެމްބަރުންގެ އަމަލުތަކުން އިބޫ އަކީ "ވަގުތީ މީހެއް" ކަން ދޭހަވާ ކަމަށް މިހާރު ބައެއް ފަރާތްތަކުން ބުނަމުންދާ އިރު އެމްޑީޕީގެ އެތެރޭގައި އަދި ވެސް ބޮޑަށް ބާރު އޮތީ ނަޝީދުއަށްތޯ ވަނީ ސުވާލު އުފެދިފަ އެވެ. ނަޝީދުގެ ބާރުން އިބޫއަށް ނުފޫޒު ފޯރުވާނެތޯ ވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.
މޮޅު ރޭވުމެއްގެ ތެރެއިން ނަޝީދު އަނބުރާ ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތު އިބޫއަށް މިހާރު ކުރެވެމުން ދާއިރު އުފެދިފައިވާ ސުވާލަކީ އިބޫ އިންތިހާބަށް ކުރިމަތިލައް ވަނީ ހަގީގަތުގައި ވެސް ރައްޔިތުންނަށް ޓަކައި ބާ އެވެ؟ އިބޫއަށް އެ ތުހުމަތުތައް އަމާޒުވެފައިވާ އިރު އެކަން އަދިވެސް ދޮގު ކުރައްވައިފައި ނުވަނީ ކީއްވެބާ އެވެ؟ ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުން ބުނަމުން ދަނީ އެ ތުހުމަތުތަކުގައި އެއްވެސް ބުރަދަނެއްވާ ނަމަ އިބޫއަށް ދޭ ވޯޓުތައް ވެގެންދާނީ ބޭކާރުވެގެންދާނެ ވޯޓުތަކަކަށް ކަމަށެވެ.