ކޮރަޕްޝަނުގެ ވަބާއިން ސަލާމަތްވާ ފުރަތަމަ ގައުމަކީ ރާއްޖެކަމުގެ ފަހުރު ލިބިގެންދާނެ: ނިހާން

ޖުލައި 31، 2018: ޕީޕީއެމްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުނިޔޭގައި ކޮރަޕްޝަނުގެ ވަބާއިން ސަލާމަތްވާ ފުރަތަމަ ގައުމަކީ ރާއްޖެ ކަމުގެ ފަހުރު ލިބިގެންދާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ކޮރަޕްޝަނާއި ރިޝްވަތުގެ ކުށް ތަފްސީލުކޮށް ގާނޫނުލްއުގޫބާތަށް މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި އިސްލާހު މިއަދު ވަނީ މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވާފަ އެވެ. މިއަދު މަޖިލީހުގައި އެ ބިލުގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ ގާނޫނުލްއުގޫބާތަށް ރިޝަވަތާ ކޮރަޕްޝަނުގެ ކުށް ތަފްސީލުކޮށް އިސްލާހު ހުށަހެޅީ ދިވެހި ސަރުކާރުގެ އިހުލާސްތެރި ކަމާއެކު ކަމަށެވެ.

"ކޮރަޕްޝަނުގެ މި ނުރައްކާތެރި ވަބާއިން ސަލާމަތްވެފައި އޮތް ދައުލަތެއް ދުނިޔޭގެ އުޑުދަށުގައި އޮވެއްޖެ ކަމުގައިވާ ނަމަ އެކަން ކުރާނެ ފުރަތަމަ ގައުމަކީ ދިވެހިރާއްޖެ ކަމުގެ ފަހުރު އަޅުގަނޑުމެންނަށް ލިބިގެންދާނެ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ރިޝްވަތާއި ކޮރަޕްޝަނުގެ ކުށް ތަފްސީލުކޮށް ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގެ ސަބަބުން ވަކި ފައިސާފޮއްޗެއްގައި ވެސް އެގޮތަށް ނުޖެހެވޭނެ ކަމަށެވެ. އެއީ އެ ފެންވަރަށް ބިލު ފަރުމާ ކޮށްފައިވާނެ ކަމަށް ނިހާން ވިދާޅުވި އެވެ. އެގޮތުން ބީލަމުގައި ރިޝްވަތު އަދި ކޮރަޕްޝަން އެކުލެވޭ ނަމަ ދޭނެ އަދަބުތައް ވެސް ވަކިވަކިން ބިލުގައި ބަޔާންކޮށްފައިވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"މިއީ ވަރަށް ގިނައިން ޝަކުވާތައް ލިބޭ ކަމެއް. ވަރަށް ގިނައިން ވާހަކަ ދައްކާ އެ ބީލަމެއް ތެރެއަށް ވެރިން ވަނީއޭ. ވެރިންނަށް ތިބި މީހާ އޭނަގެ ނުފޫޒުގައި އޭނަގެ ބޭބެ އާއި ދައްތަ އާއި ކޮއްކޮއާ ނަމުގައި ކުންފުނި ހަދައިގެން ކުންފުންޏަށް ދިނީއޭ. އެ ކުންފުނިން ކަންވީ ކިހިނެއްތޯ. އެއަށް ހާއްސަ ފަރުވަ މިއޮތީ ދީފައި،" ނިހާން ވިދާޅުވި އެވެ.

ނިހާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލަން ސަރުކާރުން ރިޝްވަތުގެ ކުށް އުވާލަން މަސައްކަތް ކުރާ ކަމަށް މިހާރު ވެސް ބުނަމުންދާ ކަމަށެވެ. ނަމަވެސް ގާނޫނުލްއުގޫބާތުގައި ރިޝްވަތާއި ކޮރަޕްޝަނުގެ ވާހަކަ ލިޔަން މަޖިލީހަށް ގޮސް ތިބީ ސަރުކާރު މެމްބަރުން ކަމަށް ނިހާން ވިދާޅުވި އެވެ.

ނިހާނު ވިދާޅުވީ ކޮރަޕްޝަނުގެ ވާހަކަ ގާނޫނުލްއުގޫބާތުން އުވާލަން ހިތަށް ވެސް ނާރުވާ ކަމަށެވެ.

އަބްދުއްރަހީމް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފަކަށް ރިޝްވަތު ދިނުމާއި ދައުލަތުގެ މުވައްޒަފަކު ރިޝްވަތުގައި ހިފުމަކީ ވެސް ކުށެކެވެ. އަދި ބީލަމާ ގުޅޭ ގޮތުން ރިޝްވަތު ދިނުމާއި ރިޝަވަތު ހިފުމަކީ ވެސް ކުށެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

އޭގެ އިތުރުން ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުން ވެސް ކުށެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ކޮރަޕްޝަނުގެ ކުއްތަކަށް ވެސް ވަނީ ވަކިން ބާބެއް އިސްލާހުގައި ހިމަނާފައިވެ އެވެ. އެގޮތުން ރަސްމީ ގަޑީގައި އަމިއްލަކަން ކަން ކުރުވުމާއި ކޮރަޕްޝަނުގެ އަމަލުން ހޯދާފައިވާ ފައިސާއަށް ބަދަލުގެނައުމަކީ ވެސް ކުށެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

comment ކޮމެންޓް