ޚާއްސަ ދައުވަތަކަށް ޕީއެންސީ މަޖިލިސް މެންބަރުންގެ ބޮޑު ޓީމެއް ޕާކިސްތާނަށް ފުރައިފި

ޕާކިސްތާނަށް ފުރި މަޖިލިސް މެމްބަރުންގެ ވަފުދު: ފޮޓޯ/ ޕީއެންސީ

ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަންޓްރީ ގުރޫޕުގެ ވަފުދެއް ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ޕާކިސްތާނަށް ފުރައިފިއެވެ.

ޕީއެންސީގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ވަޑައިގެންނެވި ވަފުދުގެ އިސްވެރިއަކަށް ހުންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ.

މީގެއިތުރުން ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ނައިބު ލީޑަރުންނާއި، ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވެސް މި ވަފުދުގައި ބައިވެރިވެވަޑައިގަންނަވައެވެ. މީގެ އިތުރުން ވެސް ގިނަ މެންބަރުންތަކެއް މި ދަތުރުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ދަތުރުފުޅަކީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ޚާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ޕީއެންސީން މައުލޫމާތުދެއެވެ.

މި ދަތުރުފުޅުގައި ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވައި، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވައި، ތަޖުރިބާއާއި ހިޔާލު ބަދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޕާކިސްތާނަށް ވަޑައިގެންނެވި ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ މި ވަފުދުގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ 16 މެންބަރަކު ބައިވެރިވެވަޑައިގަންނަވާ ކަމަށް އެ ޕާޓީން ވަނީ ހާމަކޮށްފައެވެ.

ފާހަގަކުރެވޭގޮތުގައި މިދިޔަ އަހަރު، ވެސް ސެޕްޓެމްބަރު މަހުގައި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ވަނީ ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައެވެ.

އެ ދަތުރުފުޅުގައި ވެސް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ޕާކިސްތާނު ސަރުކާރުގެ ބައެއް އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.

މިދިޔަ އަހަރުގައި ޕާކިސްތާނަށް ކުރެއްވި މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ގެންދެވި ވަފުދުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކާއި ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު އަދި ހުޅުމާލެ މެދުދާއިރާގެ މެންބަރު މެންބަރު އަބްދުﷲ ޝަޒީމް ހިމެނެއެވެ.

comment ކޮމެންޓް