އީރާނާއެކު ސުލްހަވެ އެގައުމުގެ ލީޑަރުންނާ ބައްދަލުކުރަން އެމެރިކާ ތައްޔާރު!

އީރާނުގެ ލީޑަރުންނާ ބައްދަލުކުރައްވައި އެމެރިކާއާއި އީރާނުގެ ގުޅުންތައް ރަނގަނޅުކޮށް އަލުން ސުލްޙަ ވުމާބެހޭގޮތުން މަޝްވަރާ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުއްލި ގޮތަކަށް މިވަނީ ވިދާޅުވެފައެވެ.

އިޓަލީގެ ބޮޑުވަޒީރު ގިއުސެޕޭ ކޮންޓޭއާ ވައިޓް ހައުސްގައި ބައްދަލުކުރެއްވުމަށްފަހު ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނާއެކު ހަނގުރާމައަކަށްދާން އެމެރިކާ ބޭނުންނުވާ ކަމަށާއި އީރާނުގެ ލީޑަރުންނާ ބައްދަލުކުރައްވަން ތައްޔާރަށް ހުންނެވި ކަމުގައެވެ. މިގޮތުން އެއްވެސް ޝަރުތަކާނުލައި ކޮންމެ ތާރީޚެއްގައިވެސް އީރާނުގެ ރައީސް ޙަސަން ރޫޙާނީއާ ބައްދަލުކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ ހަނގުރާމަ ބޭނުންނުވާ ކަމަށާއި ބޭނުންވަނީ އެމެރިކާއާ ދުޝްމަން ގައުމުތަކާއެކުވެސް ސުލްޙަ ކަމުގައެވެ. އޭނާއަކީ ގައުމުތަކުގެ ރައީސުންނާ ބައްދަލުކުރައްވަން ލޯބިކުރައްވާ އަދި މަޝްވަރާކޮށްގެން ކަންކަން ނިންމަން ލޯބިކުރައްވާ، ހަނގުރާމައަށް ނަފްރަތު ކުރައްވާ ބޭފުޅެއްކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް މިހެން ވިދާޅުވީ އެމެރިކާގެ ވެރިއަކު މީގެކުރިން އީރާނަށް ނުދެއްވާފަދަ ބިރުވެރި އިންޒާރުތަކެއް ދެއްވުމަށްފަހުގައެވެ. މިދިޔަ ހަފްތާގައި ދެއްވި އެ އިންޒާރުގައި ޓްރަމްޕް ވަނީ އީރާނުން އެމެރިކާއަށް ބިރުދައްކާނަމަ އީރާން ދުވަހަކުވެސް ތަޖްރިބާ ނުކުރާފަދަ ބިރުވެރިކަމަކާ އީރާން ކުރިމަތިލާންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އީރާނުގެ ވެރިކަމުގެ ނިޒާމު ފުރޮޅާލުމަށްޓަކައި އެމެރިކާ އަޑީގައި އޮވެގެން އީރާނަށް އަސްކަރީ އިންގިލާބެއް ގެންނަން މަސައްކަތްކުރާ ކަމުގެ ޖާސޫސީ އަޑުތަކެއްވެސް މިހާރުވަނީ ފެތުރިފައެވެ. ނަމަވެސް އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މާޓިސް ވަނީ އީރާނުގެ ވެރިކަން ފުރޮޅާލުމުގެ އެއްވެސް ސިޔާސަތެއް އެމެރިކާ ނުގެންގުޅޭ ކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕްގެ އިންޒާރަށް ރައްދު ދެމުން އީރާނުގެ ޖެނެރަލަކުވަނީ އެގައުމާ ދެކޮޅަށް އެމެރިކާ ހަނގުރާމައެއް ފަށައިފިނަމަ އެމެރިކާގެ އިގްތިސާދު ހަފުސްވަންދެން ހަނގުރާމަ ދިގުދަންމާނެ ކަމަށާއި އީރާނުގެ ކުރާނީ އާދައިގެ ހަނގުރާމައެއް ނޫންކަމުގެ އިންޒާރު ދެއްވާފައެވެ. އަދި އެމެރިކާގެ ޙައްސާސް މަސްލަހަތުތަކެއް ހުރީ ގަލްފާއި މެދުއިރުމަތީގައި އީރާނުގެ އަތްފޯރާ ހިސާބުގައިކަން އެމެރިކާ ދަންނަންޖެހޭނެ ކަމަށްވެސް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ގުދްސު ލަޝްކަރުގެ ކޮމަންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕް އީރާނަށް ސުލްޙަ ހުށަހަޅުއްވައި އީރާނުގެ ލީޑަރުންނާ ބައްދަލުކުރައްވަން ނިންމެވީ އުތުރުކޮރެޔާއާމެދުވެސް ކަންތައް ކުރެއްވި ބީދައިންނެވެ. ޓްރަމްޕް އުތުރުކޮރެޔާ ވުޖޫދުން ފުހެލަންޖެހިދާނެ ކަމުގެ އިންޒާރު ދެއްވުމަށްފަހު ދެތިން ދުވަސްތެރޭގައި އުތުރުކޮރެޔާއަށް ސުލްޙަ ހުށަހަޅުއްވައި އެގައުމުގެ ޒައީމް ކިމް ޖޮންގް އުން އާ ބައްދަލުކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވިއެވެ. އެއަށްފަހު ޓްރަމްޕްވަނީ ކިމް އާ ސިންގަޕޫރުގައި ބައްދަލުވެސް ކުރައްވާފައެވެ.

ޓްރަމްޕް މިގޮތަށް އަމަލުކުރެއްވި ނަމަވެސް އެމެރިކާ ހަގީގަތުގައި ހިންގަނީ އެމެރިކާގެ ހަންފެތުރުމުގެ ސިޔާސަތާ ގުޅިފައިވާ ޑީޕް ސްޓޭޓުން ކަމަށްވާތީ ޓްރަމްޕަކީ އެމެރިކާގެ އިންތިޚާބީ ރައީސް ކަމަށްވީނަމަވެސް އެމެރިކާގެ ގައުމީ މަސްލަހަތާ އެއްގޮތަށް އެގައުމުގެ ސިޔާސަތުތައް އަޑިއަޑިން ބައްޓަންކޮށް ފަރުދާގެ އަނެއް ފަރާތުން އެމެރިކާ ހިންގަނީ އެމެރިކާގެ ޑީޕް ސްޓޭޓުންނެވެ.

އެމެރިކާގެ ޑީޕް ސްޓޭޓްގައި ހިމެނެނީ އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އާއި އެމެރިކާގެ އަސްކަރީ ލަޝްކަރުތަކުގެ އިސް ޖެނެރަލުންނާއި އެމެރިކާގެ ޖާސޫސީ އިދާރާތަކާއި ވޯލްސްޓްރީޓްގެ ކުންފުނިތަކާއި އިސްރާއީލުގެ މަސްލަހަތު ހިމާޔަތްކުރުމަށާއި ދުނިޔޭގައި ހަންފެތުރުމަށް މަސައްކަތްކުރާ ޔަހޫދީ ޒަޔަނިސްޓް ލޮބީ ގްރޫޕް ތަކެވެ. މި ފަރާތްތަށް ބޭނުންނުވާ ގޮތަކަށް އެމެރިކާގެ ކަންކަން ކުރިޔަށްދިޔުމަކީ މުސްތަޙީލް ކަމެކެވެ.

އުތުރުކޮރެޔާގެ ޒައީމްއާ ޓްރަމްޕް ބައްދަލުކުރެއްވި ނަމަވެސް އެމެރިކާގެ ޑީޕް ސްޓޭޓުންވަނީ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރުންފަދަ ކަންކަމުގައި އުތުރުކޮރެޔާއަށް ދޫދިނުމަށް ދެކޮޅުހަދައި އުތުރުކޮރެޔާއާއެކު ޓްރަމްޕް ފެއްޓެވި ސުލްޙައިގެ މަސައްކަތައް އަނެއް ކޮޅަށްޖެހުމަށް އަޑިއަޑިން މަސައްކަތް ފަށާފައެވެ.

އީރާނަކީ އިސްރާއީލުގެ އެންމެ ބޮޑު ދުޝްމަން ކަމަށްވެފައި އީރާނަކީ އިސްރާއީލު ނައްތާލަން ފާޅުގައި ގޮވާލައި އިސްރާއީލާ ދެކޮޅަށް ހިޒްބުﷲ ފަދަ ލަޝްކަރުތައް އުފައްދައި އިސްރާއީލުގެ މަސްލަހަތާ ދެކޮޅަށް މަސައްކަތްކުރާ ގައުމަކަށްވާތީ ޓްރަމްޕް އީރާނަށް ސުލްޙަ ހުށަހެޅުއްވިޔަސް އީރާނުން އިސްރާއީލަށް ދޫނުދޭހާ ހިނދަކު އެމެރިކާއިން އީރާނާ ގުޅުންތައް ރަނގަޅު ކުރުމުގެ ފުރްސަތު އެމެރިކާގެ ޑީޕް ސްޓޭޓުން ޓްރަމްޕްގެ ސަރުކާރަކަށް ނުދޭނެއެވެ.

އަދި އީރާނުން އަމިއްލައަށް ހަތިޔާރު އުފެއްދުން ހުއްޓާލައި އެމެރިކާގެ ހަތިޔާރަށް ބަރޯސާ ނުވާހާ ހިނދަކުވެސް އެމެރިކާއިން އީރާނަށް ދުލެއް ނުދޭނެއެވެ. އެމެރިކާ އީރާނަށް ސުލްހަ ހުށަހަޅާފައިވާއިރު އެމެރިކާވަނީ އެގައުމުގެ ބައިވެރިއެއްކަމަށްވާ ތުރުކީއާ ވެސް ވަރަށް ބޮޑަށް ޖެހިފައެވެ. އަދި ތުރުކީން އަމިއްލައަށް ހަތިޔާރު އުފައްދަން ފަށައި ބައެއް ހަތިޔާރު ރަޝިޔާއިން ގަންނަން ފެށުމާ އަދި އީރާނާދެކޮޅަށް އެމެރިކާ އަޅާދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިވުމަށް ތުރުކީ ފާޅުގައި ދެކޮޅު ހެދުމުން ޓްރަމްޕް ވަނީ ތުރުކީއަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. މިއާއެކު ތުރުކީގެ ރައީސް އުރުދުޣާން ވަނީ އެއަށްވުރެ ބޮޑު އިންޒާރެއް އެމެރިކާއަށް ދެއްވާފައެވެ.

އުރުދުޣާންގެ ވެރިކަން ވައްޓާލުމަށް 2016 ވަނަ އަހަރު ތުރުކީ ސިފައިން ގެންނަންއުޅުނު އަސްކަރީ އިންގިލާބުގެ ފަހަތުގައިވަނީވެސް އެމެރިކާއެވެ. އެ އިންގިލާބު ނާކާމިޔާބުވުމާއެކު އެމެރިކާއާއި ތުރުކީގެ ގުޅުންތައްވަނީ ވަރަށްބޮޑަށް ގޯސްވެފައެވެ. އަދި ނޭޓޯގައި ދެވަނައަށް އެއްގަމުގެ ލަޝްކަރުތައް އެންމެ ބޮޑު ގައުމު ކަމަށްވާ ތުރުކީވަނީ އެމެރިކާގެ ބައިވެރިއަކުން ރަޝިޔާ އާއި އީރާންގެ ބައިވެރިއަކަށް ބަދަލުވާން ފަށާފައެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީއާ ބައްދަލުކުރެއްވުމަށް ޓްރަމްޕް މީގެކުރިންވެސް 8 ފަހަރެއްގެ މަތިން އެދިވަޑައިގެންފައިވާކަން އީރާނުންވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް