ނަވާޒް ޝަރީފްގެ ސިއްޙީ ހާލުކޮޅު ބޮޑުވެގެން ކުއްލި ގޮތަކަށް ޖަލުން ހޮސްޕިޓަލަށް ގެންގޮސްފި

ނަވާޒް ޝަރީފް އާއި ދަރިކަނބަލުން މަރްޔަމް ނަވާޒް ޝަރީފް

އިސްލާމް އާބާދު (ޖުލައި 30): ކޮރަޕްޝަންގެ ކުށް ސާބިތުވެގެން ޖަލަށްލާފައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ސިއްޙީ ހާލުކޮޅު ބޮޑުވެގެން އޭނާ ކުއްލި ގޮތަކަށް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

ޕާކިސްތާނުގެ ޖަލުތަކާބެހޭ އިދާރާގެ މަސްއޫލުވެރިއަކު ވިދާޅުވީ ނަވާޒް ޝަރީފްގެ ޚާއްސަ ޑޮކްޓަރާއެކު އޭނާ ޕާކިސްތާނުގެ މެޑިކަލް ސައެންސް އިންސްޓިޓިއުޓްގައިވާ ރީސާޗް ހޮސްޕިޓަލަށް ރޭގައި ގެންގޮސްފައިވާ ކަމަށާ އެތަނުގައި ނަވާޒް ޝަރީފުގެ ޚާއްސަ ޑޮކްޓަރުގެ މަޝްވަރާއާއެކު އޭނާގެ މެޑިކަލް ޓެސްޓްތަކެއް ހަދަމުން ގެންދާކަމުގައެވެ. ނަވާޒް ޝަރީފަށް ކުރިމަތިވީ ހިތްޕުޅުގެ އާލާސްކަންފުޅެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަވާޒް ޝަރީފަކީ ކުރިން ލަންޑަންގައި ހިތްޕުޅުގެ ބައިބާސް އޮޕަރޭޝަނެއް ކުރައްވާފައިވާ ބޭފުޅެކެވެ. ނަވާޒް ޝަރީފުގެ އިތުރުން އޭނާގެ ދަރިކަނބަލުން މަރްޔަމް ނަވާޒް ޝަރީފް ވެސް ވަނީ ކޮރަޕްޝަންގައި ބައިވެރިވި ކަން ސާބިތުވެގެން ޖަލަށްލާފައެވެ. އެބޭފުޅުން ޖަލަށްލީ ޖަލަށް ލިޔަސް ހެޔޮކަމަށް ލަންޑަންގައި ތިއްބަވާފައި ދާދިފަހުން އެނބުރި ގައުމަށް ވަޑައިގަތުމުންނެވެ.

ނަވާޒް ޝަރީފް ޖަލުގައި ދެއްވި ބަޔާނެއްގައިވަނީ ޕާކިސްތާނުގައި ބޭއްވި އާންމު އިންތިޚާބު އޮޅުވާލިކަމަށް ތުހުމަތުކުރައްވާފައެވެ. މިއިންތިޚާބު ކާމިޔާބުކުރީ ޕާކިސްތާނުގެ އެންމެ ބޮޑު ތިންވަނަ ޕާޓީ ކަމަށްވާ އިމްރާމް ޚާންގެ ތަހްރީކޭ އިންސާފް ޕާޓީ ކަމަށާ ނަވާޒް ޝަރީފްގެ ޕާޓީއަށް ލިބުނީ 2 ވަނަ ކަމަށް ނުރަސްމީ ނަތީޖާތައް ބުނެއެވެ.

ރަސްމީ ނަތީޖާ އަދި އިޢްލާންކޮށްފައި ނުވިނަމަވެސް އިމްރާން ޚާން ގެންދަވަނީ ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް މުސްތަގިއްލު ފަރާތްތަކާ އަދި ކުދި ޕާޓީ ތަކާއެކު މަޝްވަރާ ކުރަމުންނެވެ. ޕާކިސްތާނުގެ ބޮޑު ދެ ޕާޓީ ކަމަށްވާ ނަވާޒް ޝަރީފުގެޕާޓީއާއި ބޭނަޒީރު ބުއްޓޫގެ ޕާޓީންވަނީ އިމްރާންޚާންގެ ކޯލިޝަންގައި ބައިވެރި ނުވާނެކަމަށް ބުނެފައެވެ. ނަމަވެސް އެދެ ޕާޓީން ވަނީ ބަލި ގަބޫލުކޮށްފައެވެ.

އިމްރާން ޚާނަށް އިންތިޚާބު ކާމިޔާބު ކުރެވުނީ ޕާކިސްތާނުގެ އެންމެ ނުފޫޒުގަދަ މުއައްސަސާ ކަމަށްވާ ސިފައިންގެ މުއައްސަސާގެ ބާރާއި ނުފޫޒުގެ ސަބަބުން ކަމަށް ސިޔާސީ ބައެއް ފަރާތްތަކުންވަނީ ތުހުމަތުކޮށްފައެވެ. (އާރުޓީ)

comment ކޮމެންޓް