އޭޝިއަން ކަޕަށް ތައްޔާރުވުމަށް އިރާގުގެ ކޯޗަކަށް އެރިކްސަން!

އެރިކްސަން އިރާގު ފުޓުބޯޅަ އިދާރާގެ އިސް ބޭފުޅުންނާ އެކު ތުރުކީގައި ---

އަންނަ އަހަރު ޖެނުއަރީ މަހު ޔޫއޭއީގައި އޮންނަ އޭޝިއަން ކަޕަށް ތައްޔާރުވުމުގެ ގޮތުން އިރާގު ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް، ވެން ގޯރަން އެރިކްސަން ގެންދިއުމަށް މަސައްކަތް ފަށައިފި އެވެ.

މީގެ ކުރިން އިންގްލެންޑް ގައުމީ ޓީމުގެ ކޯޗުކަން ވެސް ކޮށްފައިވާ އެރިކްސަން އަކީ ޔޫރަޕް ފުޓުބޯޅައިގެން އިތުރުން ދެކުނު އެމެރިކާގެ ފުޓުބޯޅާގައި ވެސް ބޮޑެތި ތަޖުރިބާތަކެއް ހުރި ކޯޗެކެވެ. އެގޮތުން އޭނާ ވަނީ މެކްސިކޯގެ ގައުމީ ޓީމުގެ ކޯޗުކަމުގެ އިތުރުން އައިވަރީ ކޯސްޓްގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމު ވެސް އަދާކޮށްފަ އެވެ.

އޭގެ އިތުރުން ވެސް އެރިކްސަން ވަނީ ޔޫރަޕްގެ ވަރުގަދަ ކްލަބުތައް ކަމަށްވާ ރޯމާގެ އިތުރުން މެންޗެސްޓާ ސިޓީ އަދި ލެސްޓާ ސިޓީއަށް ވެސް ކޯޗުކަން ކޮށްދީފަ އެވެ. އަދި މިދިޔަ ތިން އަހަރު ވެސް އޭނާ ހޭދަކޮށްފައި ވަނީ ޗައިނީސް ސުޕަލީގުގެ ކްލަބުތަކުގަ އެވެ.

ރޮއިޓާސްއިން ބުނެފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައި، އިސްތާން ބޫލުގައި އެރިކްސަންއާއި އިރާގުގެ ގައުމީ ޓީމުގެ އޮފިޝަލުން ބައްދަލު ކުރި ނަމަވެސް، އަދި އެއްބަސްވުމަކަށް ނާދެވޭ ކަމަށެވެ. އެހެން ނަމަވެސް އެކަމަށް ވަރަށް އަވަހަށް ދެފަރާތުން ވެސް އެއްބަސްވާނެ ކަމަށް ވެސް މީޑިއަ ރިޕޯޓުތައް ބުނެ އެވެ.

އޭޝިއަން ކަޕަށް ގައުމުތަކުން ތައްޔާރުވަމުންދާ އިރު، އިރާގު ހިމެނެނީ ގްރޫޕް ޑީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ އިރާންގެ އިތުރުން ވިއެޓްނާމް އަދި ޔަމަނެވެ. އިރާގުން އޭޝިއަން ކަޕްގެ ފުރަތަމަ މެޗުގައި ޖެނުއަރީ އަށް ވަނަ ދުވަހު ނުކުންނާނީ ވިއެޓްނާމްއާ ދެކޮޅަށެވެ.

comment ކޮމެންޓް