މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ދެމިހުރުމަށް މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕޯލް ޕޮގްބާ، ބުއްދީގެ ބޭނުންކުރަން ޖެހޭ ކަމަށް އެ ކްލަބުގެ ލެޖެންޑް ޕޯލް ސްކޯލްސް ބުނެފިއެވެ.
ޔުވެންޓަސްގައި ހަތަރު އަހަރު ދުވަހު ހޭދަކުރުމަށްފަހު، ޕޮގްބާ އެނބުރި ޔުނައިޓެޑާ ގުޅުނީ 2016 ވަނަ އަހަރު 89 މިލިއަން ޕައުންޑްގެ އަގަކަށެވެ. އެއީ އޭރުގެ ދުނިޔޭގެ ރެކޯޑެކެވެ.
ޔުނައިޓެޑަށް އެނބުރި އައުމަށްފަހު ޕޮގްބާގެ ފަރާތުން ފުރަތަމަ ފެނުނު ކުޅުމުގެ ސަބަބުން އޭނާއަށް ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އެކަމުގެ ސަބަބުން އޭނާގެ އެންމެ ރަނގަޅު ކުޅުން ދެއްކިފައެއް ނުވެއެވެ.
އުމުރުން 25 އަހަރުގެ މިޑްފީލްޑަރު ޕޮގްބާ، ވެގެންދިޔައީ މިދިޔަ ސީޒަނުގައި ޔުނައިޓެޑުގެ މުހިންމު ކުޅުންތެރިޔަކަށެވެ. އަނިޔާއެއްގެ ސަބަބުން ޕޮގްބާއަށް ދުވަސްތަކެއް ގެއްލިގެންދިޔަ ނަމަވެސް، އޭނާ ކުޅުނު މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ.
ރަޝިއާގައި މިއަހަރު ކުރިއަށްދިޔަ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސަށް ޕޮގްބާ ވެގެންދިޔައީ މުހިންމު ކުޅުންތެރިޔަކަށެވެ. ފައިނަލުގައި 4-2ގެ ނަތީޖާއަކުން ކްރޮއޭޝިއާ އަތުން ފްރާންސް މޮޅުވި މެޗުގައި އޭނާ ވަނީ ލަނޑެއް ވެސް ކާމިޔާބުކޮށްފައެވެ.
ވޯލްޑް ކަޕްގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ކްލަބު ލެވެލްގައި އެ ކުޅުން ދެއްކުމަށް ޕޮގްބާ އިސްކަން ދޭން ޖެހޭ ކަމަށް ޔުނައިޓެޑުގެ ލެޖެންޑް ސްކޯލްސް ދެކެއެވެ.
"ޕޮގްބާގެ ރަނގަޅު ކުޅުން އޭނާ ދަމަހައްޓަން ޖެހޭ. ޕޮގްބާ އެއް ހަފްތާ މޮޅު ކުޅުމެއް ދައްކައިފިއްޔާ ޖެހިގެން އަންނަ ހަފްތާގައި އޭނާއަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކޭ. ލީގު ކާމިޔާބުކުރަން ބޭނުންނަމަ، އެވަރަކުން ނުފުދޭނެ. އޭނާ ބުއްދީގެ ބޭނުންކުރަން އެބަޖެހޭ،" ސްކޯލްސް ބުންޏެވެ.
ސްކޯލްސް ބުނީ ޔުވެންޓަސްގައި ދެއްކި ވަރުގަދަ ކުޅުން ޕޮގްބާ ދައްކަން ޖެހޭ ކަމަށާއި އެ ކްލަބުގައި ކުޅެން ޖެހޭ މަގާމު އޭނާއަށް ވަރަށް ރަނގަޅަށް އެނގުނު ކަމަށެވެ. އަދި އެކަންކަން ޔުނައިޓެޑުގައި އެންމެ ރަނގަޅަށް ޕޮގްބާއަށް ނޭނގޭ ކަމަށް ވެސް ސްކޯލްސް ބުންޏެވެ.
"ޕޮގްބާއަކީ ފެންވަރު ރަނގަޅު ކުޅުންތެރިއެއް. ވޯލްޑް ކަޕްގައި އޭނާ އެކަން ދައްކުވައިދިން. އޭނާއަކީ ވަރުގަދަ ކުޅުންތެރިއެއް. އޭނާއަކީ ދުވެވޭ، ޓެކްނިކަލީ ގޮތުން ވެސް މޮޅު ކުޅުންތެރިއެއް. އެ ހުރިހާ ކަމެއް ވެސް ޕޮގްބާގެ ކުޅުމުން ފެނޭ،" އޭނާ ބުންޏެވެ.
ޔުނައިޓެޑުން ކުރިއަށްއޮތް ސީޒަނުގައި ކުޅޭ ފުރަތަމަ ޕްރިމިއާ ލީގު މެޗަކީ އަންނަ މަހުގެ ދިހަވަނަ ދުވަހު ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ.