ސްޕެއިންގެ ރެއާލް މެޑްރިޑުން މި ފަހަކަށް އައިސް ހޯދި ގިނަ ކާމިޔާބުތަކުގެ އެންމެ އިސް ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކަމާމެދު ހަމަ އެކަކުވެސް ދެބަހެއް ނުވާނެއެވެ.
ނަމަވެސް ރެއާލަށް އެންމެ މުހިއްމު ކުޅުންތެރީންގެ ތެރޭގައި ހިމެނޭ ރޮނާލްޑޯ ވަނީ މުޅި ކްލަބަށާއި ސަޕޯޓަރުންނަށް ބޮޑު ސިހުމެއް ގެނައުމަށް ފަހު އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވެފައެވެ.
ރޮނާލްޑޯ ލަލީގާ ދޫކޮށްދިޔަ ޚަބަރަށް ފަހު އަނެއްކާވެސް މިވަނީ އެފަދަ ސިހުން ގެނުވަފާނޭ ޓްރާންސްފަރއެއްގެ ވާހަކަތައް ފެތުރިފައެވެ. ރޮނާލްޑޯއަށް ފަހު، ސްޕެނިޝް ފުޓްބޯޅައަށް ދެން ސިހުން ގެނުވާނޭ ޚަބަރަކީ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އެ ކްލަބު ދޫކޮށް ދާ ޚަބަރުކަމަށް ރިޕޯޓުތައް ބުނަން ފަށައިފައެވެ.
ރެއާލްގައި ކާމިޔާބު ނުވަ އަހަރަށް ފަހު އެކްލަބު ދޫކޮށް، ޔުވެންޓަސްއަށް ރޮނާލްޑޯ ބަދަލުވި ޚަބަރު ވެގެން ދިޔައީ ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ގެނުވި ޚަބަރަށެވެ. އޭނާ ވަނީ ރެއާލާއެކު ޑޮމެސްޓިކް ކާމިޔާބީތަކުގެ އިތުރުން ޗެމްޕިއަންސް ލީގުވެސް ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ.
އުމުރުން 33 އަހަރުގެ ރޮނާލްޑޯއާ އެންމެ ވާދަވެރި ކުޅުންތެރިއެއްގެ ގޮތުގައި ސްޕެނިޝް ލީގުން ފެނިގެން ދިޔައީ، ބާސާގެ ތަރި ލިއޯ މެސީއެވެ. މި ދެކުޅުންތެރީން ވަނީ، ގިނަ ދުވަސްތަކެއް ވަންދެން، ލަލީގާގެ އިތުރުން ޔޫރަޕްގެ ވެސް ވަރުގަދަ އިންޑިވިޖުއަލް އެވޯޑްތައް ކާމިޔާބުކޮށްފައެވެ.
މެސީއާއި ރޮނާލްޑޯގެ ލަލީގާ ވާދަވެރިކަން ނިމުމަކަށް އައިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އަނެއްކާ މިވަނީ، އިޓަލީން މި ދެކުޅުންތެރީންގެ ވާދަވެރިކަން ފެށިދާނޭކަމުގެ އަޑުތަކެއް ފެތުރިފައެވެ.
އިޓަލީގެ އިންޓަ މިލާންގެ އެންމެ ދުވަސްވީ އެއް ސްޕޮންސަރުކަމަށްވާ، ޕިރެލީ ކުންފުނީގެ ސީއީއޯ މާކޯ ޓްރޮންޗެޓީ ޕްރޮވޭރާ ވަނީ އެ ކްލަބުން މެސީއަށް ޓާގެޓްކުރާނޭކަމުގެ އުންމީދުގައި ހުރިކަން ހާމަކޮށްފައެވެ.
އިޓަލީގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޕްރޮވޭރާ ވިދާޅުވެފައިވާ ގޮތުން، އިންޓަގެ މިހާރުގެ އޯނަރު، ޗައިނާގެ ދަ ސޫނިންގ ގްރޫޕުން އިންޓައަށް މެސީ ގެނައުމަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނެކެވެ.
އޭނާ ވިދާޅުވީ، ފައިނޭންޝަލް ފެއަރ ޕްލޭ ތަން ދޭނަމަ، ވަރުގަދަ އެއްބަސްވުމެއްގައި އިންޓައިން ވަރަށް އަވަހަށް ސޮއިކުރާނެއެވެ.
"މެސީ؟ ކީއްވެ މެސީއަށް ނޫނެކޭ ބުނެވޭނީ؟،" މެސީއާ ގުޅޭ ގޮތުން ޕްރޮވޭރާ ވިދާޅުވިއެވެ.
މީގެ ކުރީންވެސް މެސީ ބާސާ ދޫކޮށްލަފާނޭ ކަމުގެ އަޑުތަކެއް ފެތުރުނެއެވެ. ނަމަވެސް އޭނާގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ 2021އަށެވެ.
ބާސާގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި، މެސީ އިޓަލީއަށް ބަދަލުވެދާނޭ ކަމަށް އަޑުތައް ފެތުރެމުން ދިޔަ ނަމަވެސް، އޭނާ ކުރީން ބުނެފައި ވަނީ ފުޓްބޯޅަ ކުޅުން ހުއްޓާލާނީ ބާސާގައި ކަމަށެވެ.