މޮޅު ކުޅުންތެރިޔާގެ އެވޯޑުގެ ގަދަ 10ގައި ރޮނާލްޑޯ، މެސީ އަދި އެމްބާޕޭ

ފީފާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓްވި ދިހަ ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ރޮނާލްޑޯ، އެމްބާޕޭ އަދި މެސީ -- ފޮޓޯ/ ގެޓީ

ދަ ބެސްޓް ފީފާ މެންސް ޕްލޭޔާ އޮފް ދަ އިޔާގެ އެވޯޑަށް ނޮމިނޭޓްވި ދިހަ ކުޅުންތެރިންގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނެލް މެސީ އަދި ކީލިއާން އެމްބާޕޭ ހިމެނިއްޖެއެވެ.

ދިހަ ކުޅުންތެރިންގެ ލިސްޓުގައި މިފަހަރު ނުހިމެނުނު ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ނޭމާއެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު މިދިޔަ އަހަރު ހޯދި ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑަށް ވިދިވިދިގެން ތިންވަނަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ހޯދައިދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ. އޭނާގެ ވާދަވެރި މެސީ ވަނީ ބާސެލޯނާއަށް ސްޕެނިޝް ލަލީގާގެ ތަށި ހޯދައިދިނުމުގައި އިސް ދައުރެއް އަދާކޮށް، ލީގުގައި 34 ލަނޑު ކާމިޔާބުކޮށްފައެވެ.

ފްރާންސްއާއެކު ވޯލްޑް ކަޕް 2018 ކާމިޔާބުކުރި ކީލިއާން އެމްބާޕޭއާއެކު އެޓީމުން ވިދާލި ފޯވަޑް އެންޓޮއިން ގްރީޒްމަން އަދި ޑިފެންޑަރު ރަފައެލް ވަރާން ވެސް ލިސްޓުގައި ހިމެނެއެވެ. އެމްބާޕޭ ވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކައި، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު ހޯދައިފައެވެ. އޭގެ އިތުރުން ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދި އިނގިރޭސި ފޯވަޑް ހެރީ ކޭންއަށް ވެސް ވަނީ އެ ލިސްޓުން ޖާގައެއް ލިބިފައެވެ.

ލިވަޕޫލުން ވިދާލި އުމުރުން 26 އަހަރުގެ މިސްރު ފޯވަޑް މުހައްމަދު ސަލާހު ވެސް ގަދަ ދިހަ ކުޅުންތެރިންގެ ލިސްޓުގައި ހިމެނެއެވެ. އޭނާ ވަނީ ލިވަޕޫލަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގައެއް ހޯދައިދިނުމަށް އިސް ދައުރެއް އަދާކޮށް، އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު 36 މެޗުން 32 ލަނޑު ކާމިޔާބުކޮށްފައެވެ.

ވޯލްޑް ކަޕްގައި ބެލްޖިއަމް ޓީމުން ވިދާލި އެޑެން ހަޒާޑާއި ކެވިން ޑިބްރޭނާއަށް ވަނީ އެ ލިސްޓުން ޖާގަ ލިބިފައެވެ. އޭގެ ތެރެއިން ޑިބްރޭނާ ވަނީ ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ހޯދި މެންޗެސްޓާ ސިޓީގެ ޓީމުން ވެސް ވިދާލައިފައެވެ.

ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗު ވެސް ލިސްޓުގައި ހިމެނިފައިވެއެވެ. މޮޑްރިޗް ވަނީ ރެއާލްއާއެކު ޗެމްޕިއަންސް ލީގުގައި ވެސް މޮޅު ކުޅުމެއް ދައްކައި، މުބާރާތުގެ ތަށި ހޯދައިދިނުމަށް އިސް ދައުރެއް އަދާކޮށްފައެވެ.

މިދިޔަ އަހަރުގެ ދަ ބެސްޓް އެވޯޑްސްގައި ތިންވަނައަށް ހޮވުނު ނޭމާއަށް މިދިޔަ ސީޒަނުގައި ޕީއެސްޖީއަށް ކުޅެމުން ދަނިކޮށް، ލިބުނު އަނިޔާއަށްފަހު އޭނާ ފެނިގެންދިޔައީ ވޯލްޑް ކަޕްގައެވެ. ނަމަވެސް ވޯލްޑް ކަޕްގައި ބްރެޒިލްއާއެކު އޭނާގެ ފަރާތުން އެންމެ އެދެވޭ ކުޅުން ފެނިފައެއް ނުވެއެވެ. ވޯލްޑް ކަޕުން ބްރެޒިލް އަލްވަދާއު ކިޔަން ޖެހުނީ ކުއާޓާ ފައިނަލުގައި ބެލްޖިއަމް އަތުން ބަލިވުމުންނެވެ.

ފީފާއިން ވަނީ އެންމެ މޮޅު ކޯޗުގެ އެވޯޑަށް ވާދަކުރާ ކޯޗުންގެ ނަންތައް ވެސް އިއުލާންކޮށްފައެވެ. އެ އެވޯޑަށް ވާދަކުރާ ކޯޗުންގެ ތެރޭގައި ޒައިނުއްދީން ޒިދާންއާއި، ގާޑިއޯލާ އަދި އިނގިރޭސި ކޯޗު ގެރެތު ސައުތުގޭޓް ހިމެނެއެވެ.

ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ލަންޑަންގައެވެ. އެ އެވޯޑުތައް ހޮވާނީ ނޫސްވެރިންނާއި، ގައުމީ ޓީމުގެ ކޯޗުން އަދި ކެޕްޓަނުންގެ ވޯޓުންނެވެ.

comment ކޮމެންޓް