ޗައިނާއިން ޓެކްސް ނަގާތީ އެމެރިކާގެ ދަނޑުވެރިންނަށް ބޮޑު ގެއްލުމެއް

ދަނޑުވެރިންގެ ގެއްލުންތައް ފޫބެއްދުމަށް އެމެރިކަ އިން ވަނީ 12 ބިލިޔަން ޑޮލަރުގެ ފަންޑެއް އެކުލަވާލައިފަ.

އެމެރިކާގެ ދަނޑުވެރިން ޗައިނާއަށް ބޭރުކުރާ މުދަލުން ޓެކްސް ނަގަން ފެށުމުން، އެ މީހުންނަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވަމުން އަންނަ ކަމަށް ބުނެފިއެވެ.

އެމެރިކާއިން ޗައިނާއަށް އެތެރެކުރާ ސޯޔާ ބީންސް ފަދަ ސާމާނުން ޓެކްސް ނަގާނެކަން މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އިއުލާނު ކުރުމާ އެކު، އޭގެ އަގު މިހާތަނަށް ވަނީ 15 ޕަސެންޓް ވެއްޓިފައެވެ. އަދި ސޯޔާ ބީންސް ބޭރުކުރާ މިންވަރު ދަށްވެ، އެމެރިކާގެ މާކެޓުގައި އެ ތަނެތި ނުވިކި، ގިނަވެފައިވާތީ ދަނޑުވެރިންނަށް އިތުރު ގެއްލުންތަކާ ވަނީ ކުރިމަތިވެފައެވެ.

ދަނޑުވެރިންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމަށް އެމެރިކާ ސަރުކާރުން މިހާރު ވަނީ 12 ބިލިޔަން ޑޮލަރުގެ ފަންޑެއް ހުޅުވާފައެވެ. އެ ފަންޑުން، ދަނޑުވެރިންގެ އަތުން ނުވިކި ބާކީވާ އުފެއްދުންތައް ގަނެ، އަގު ވެއްޓުމުން ދަނޑުވެރިންނަށް ލިބޭ ގެއްލުންތައް ފޫބެއްދުމަށް އެހީތެރިވެދޭނެ އެވެ.

އެމެރިކާއިން ބޭރުކުރާ މުދަލުގެ 20 ޕަސެންޓަކީ ދަނޑުވެރިކަމުން އުފައްދާ އުފެއްދުންތަކަށް ވާއިރު، އޭގެ ބޮޑު ބައެއް ބޭރު ކުރަނީ ޗައިނާ އަށެވެ. ޗައިނާ އިން މިހާރު އަންނަނީ އޭގެ ތެރެއިން ގިނަ އުފެއްދުންތަކުން 10 ޕަސެންޓުގެ ޓެކުހެއް ނަގަމުންނެވެ.

އެމެރިކާގެ ދަނޑުވެރިންނަކީ، ސިޔާސީ ގޮތުން ބަލާއިރު ނުފޫޒުގަދަ ބައެކެވެ. އެހެންވެ ދަނޑުވެރިންނަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް، ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް އިސްކަން ދެއްވާނެ ކަމަށް މީޑިއާ ތަކުން ބުނެއެވެ.

ޓްރަމްޕް އިސްވެ ފެއްޓެވި "އިގްތިސާދީ ހަނގުރާމަ"އިގެ ސަބަބުން، އެ ދެ ގައުމުގެ އިގްތިސާދަށް ވެސް ނޭދެވޭ އަސަރު ކުރާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. އަދި ދެ ގައުމުން މަޝްވަރާކޮށްގެން މައްސަލަ ހައްލު ކުރުމަށާއި ނުވަތަ ދުނިޔޭގެ އިގްތިސާދަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ޖީ20 އަދި އީޔޫ އިން ވަނީ ބުނެފައެވެ.

comment ކޮމެންޓް