މަޖިލީހަށް ހާޒިރު ނުވާ މެމްބަރުންނަށް ފިޔަވަޅު އަޅަން އިލެކްޝަނުން ވިސްނަން ޖެހޭ: ނިހާން

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން --- ސަންފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހަށް ހާޒިރު ނުވެ ގާނޫނީ ޒިންމާ އަދާނުކުރާ މަޖިލިސް މެމްބަރުންނަށް ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ވިސްނުން ބެހެއްޓުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އެދިވަޑައިގެންފި އެވެ.

މިއަދު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާނު ވިދާޅުވީ މަޖިލީހަށް ހާޒިރު ނުވެ ގާނޫނީ ޒިންމާ އަދާނުކޮށް އިލެކްޝަންސް ކޮމިޝަނުގެ ބޭރުގައި މުޒާހަރާ ކުރައްވާ މެމްބަރުންނަށް ފިޔަވަޅު އެޅޭނެ ގޮތްތަކެއް ހުރެދާނެ ކަމަށެވެ.

"އަޅުގަނޑު ހަމަ ދަންނަވާލަން ހިތުގެ ޚާލިސް ކަމާއެކު އިލެކްޝަންސް ކޮމިޝަނަށް އެ ފިޔަވަޅުތަކާމެދު ވިސްނުންފުޅު ގެންގުޅުއްވުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެކޭ،" ނިހާން ވިދާޅުވި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރަކަށް އަލީ ނަޝާތު ހޮއްވެވުމަށް ވޯޓަށް އެހިއިރުވެސް ތަޅުމުގައި ތިއްބެވީ ޕީޕީއެމް އެމްޑީއޭ މެމްބަރުން އެކަނި ކަން ނިހާން ފާހަގަ ކުރެއްވި އެވެ. އެހެންވީމަ ރާއްޖޭގައި އިލެކްޝަނެއް ބާއްވަން ބާރު އަޅައިދެނީ ކޮން ބައެއްކަން ސާފުކޮށް ފެންނަން އޮތް ކަމަށް ނިހާނު ވިދާޅުވި އެވެ.

"އެމަސައްކަތް (އިލެކްޝަނަށް މެމްބަރެއް އައްޔަން ކުރުމުގެ މަސައްކަތް) ކުރައްވާކަން މިއަދަކު ތިޔަވިދާޅުވާ ޕާޓީތަކުގެ މެމްބަރުންނެއް ނެތް މަޖިލީހަކަށް ވަޑައެއް ނުގަންނަވާ. ދިވެހި ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ މިއީ ގާނޫނީ މަސައްކަތެއް ކުރަން ޖެހޭ،" ނިހާނު ވިދާޅުވި އެވެ.

ނިހާނު ވިދާޅުވީ މަޖިލީހަށް ހާޒިރުވެ ގާނޫނީ ޒިންމާ އަދާކުރަންވީމަ ވަގުތުނުވާ މެމްބަރުން އިލެކްޝަންސް ކޮމިޝަނު ދޮށަށް އެއްވެ މުޒާހަރާ ކުރަން ވަގުތުވާ ކަމަށެވެ. އެއަށް ކިޔަނީ ބިރު ދެއްކުން ކަމަށާއި "އިލެކްޝަނަށް ބިރު ދެއްކުމަކީ ޒަމާނުއްސުރެ އެމްޑީޕީގައި ހިފާފައިވާ ނުބައި އާދައެއް" ކަމަށް ނިހާން ވިދާޅުވި އެވެ.

" ދޫކޮށްލަންވީ ކަމެއް މިއީ. މިކަން 2008 ވަނަ އަހަރުވެސް ތަކުރާރު ކުރި. އެފަހަރު ހޮވުނީމަ އިލެކްޝަންސް ކޮމިޝަނު ވަރެއް ނެތް." ނިހާން ވިދާޅުވި އެވެ.

" ޔާމިންގެ ސަރުކާރުން އިލެކްޝަން ދަމައިގެންފިއޭ" ކިޔައި މި ސަރުކާރު އޮއްވައި ބޭއްވި ދެ އިންތިހާބުގައިވެސް ވާހަކަތައް ދައްކަމުން އެމްޑީޕީން ގެންދިޔަ ކަމަށާއި ނަމަވެސް އިންތިހާބުތައް އެމްޑީޕީއަށް ކާމިޔާބުވީމަ އެވަރުގެ އިންސާފުވެރި އިންތިހާބެއް ނެތިގެން އުޅުނު ކަމަށް ނިހާން ވިދާޅުވި އެވެ.

comment ކޮމެންޓް