ގަތަރާ ދެކޮޅަށް ޔޫއޭއީން އެޅި ފިޔަވަޅުތަކަކީ ގަތަރުގެ ހައްގުތަކަށް އަރައިގަތުން ކަމަށް އދ. އިން ނިންމައިފި

ގަތަރާ ދެކޮޅަށް ޔޫއޭއީން އެޅި ފިޔަވަޅުތަކަކީ ގަތަރުގެ ހައްގުތަކަށް އަރައިގަތުން ކަމަށް އދ. އިން ނިންމައިފި އެވެ.

އދ. ގެ އެންމެ މަތީ ކޯޓުން ނިންމާފައިވަނީ ޔޫއޭއީ އިން ގަތަރު ބޯއީކޮޓް ކުރުމަކީ ނަސްލީ ހަމަހަމަކަން ނައްތާލުން ކަމަށެވެ.

ދެހާސް ސަތާރަވަނަ އަހަރުގެ ޖޫން މަހު ސައުދީ އަރަބިއާގެ އިތުރުން ޔޫއޭއީ އާއި ބަހްރެއިން އަދި މިސްރުން ވަނީ ގަތަރާއެކު ގާއިމްކޮށްފައިވާ ޚާރިޖީ ގުޅުންތައް ކަނޑާލައި އެއްގަމާއި ކަނޑު އަދި ވައިގެ މަގުން ކުރަމުން އައި ދަތުރުތައްވެސް ހުއްޓުމަކަށް ގެނެސްފައެވެ.

މިއީ ގަލްފް ސަރަހައްދުގައި ޑިޕްލޮމެޓިކް ގޮތުން ކުރި އެންމެ "ތާކުންތާކު ނުޖެހޭ" އަމަލު ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ޔޫއޭއީ އާ ދެކޮޅަށް ގަތަރުން ވަނީ މިދިޔަ މަހުު މައްސަލައެއް ފައިލް ކޮށްފައެވެ.

އެމައްސަލާގައި ބުނެފައިވަނީ ގަތަރު ރައްޔިތުންގެ ތެރެއިން ޔޫއޭއީގައި ދިރިއުޅޭ މީހުންނާމެދު އޫއޭއީ އިން އަމަލު ކުރަނީ ބައިނަލްއަގުވާމީ މުވާހަދާ ތަކާ ޚިލާފަށް ކަމަށެވެ. އެގޮތުން ޔޫއޭއީގައި ދިރިއުޅުނު ގަތަރުގެ އެތައް ރައްޔިތުންނެއް ގައުމުން ބޭރުކޮށް ޔޫއޭއީގެ ވައިގެ ސަރަހައްދު ގަތަރަށް ބަންދު ކުރުމަކީ ބައިނަލްއަގުވާމީ ގާނޫނު ތަކާ ޚިލާފު ކަމެއް ކަމަށް ގަތަރުން އައިސީޖޭ އަށް ހުށަހެޅި މައްސަލާގައި ބުނެފައިވެއެވެ.

ޔޫއޭއީގެ އަމަލަކީ އިންޓަނޭޝަނަލް ކޮންވެންޝަން އޮން ދި އެލެމިނޭޝަން އޮފް އޯލް ފޯމްސް އޮފް ރޭޝަލް ޑިސްކްރިމިނޭޝަން (ސީއީއާރްޑީ) އާ ޚިލާފު އަމަލުތަކެއް ކަމަށް ކަނޑައަޅައި ދިނުމަށް ގަތަރުން ވަނީ އައިސީޖޭ ގައި އެދިފައެވެ.

އައިސީޖޭ އިން ބުނީ ޔޫއޭއީ އިންް ބޭރުކޮށްލި ގަތަރުގެ އާއިލާތަކަށް އެމީހުންގެ ހައްގު ލިބެން ޖެހޭނެ ކަމަށެވެ. ޔޫއޭއީ ގައި ކިޔަވަމުންދިޔަ ގަތަރު ދަރިވަރުންނަށް އެކުދިންގެ ކިޔެވުން ފުރިހަމަ ކުރުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށްވެސް އައިސީޖޭ އިން ވަނީ ބުނެފައެވެ.

ގަތަރުގެ ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި ޔޫއޭއީ އިން ގަތަރާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގެ 13،000 މީހުންނަށް ވަނީ އަސަރު ކޮށްފައެވެ.

އައިސީޖޭ އަކީ ގައުމުތަކުގެ މެދުގައި ޖެހޭ މައްސަލަތައް ހައްލު ކުރުމަށް މައްސަލަ ހުށަހަޅާ ކޯޓެކެވެ.

comment ކޮމެންޓް