ނޫސް މަޖައްލާ ފަދަ ތަކެތި ރެޖިސްޓްރީ ކުރުމުގެ ގަވާއިދަށް، ޖެނުއަރީ 30 ވަނަ ދުވަހު ގެނެސްފައިވާ އިސްލާހުގައި އެޑިޓަރުންނަކީ ޑިގްރީ ފެންވަރުގެ ބަޔަކަށް ވާން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މާއްދާއަށް ބަދަލުގެނެސް، ޑިގްރީ ނެތް ނަމަވެސް ނޫސްތަކުގެ އެޑިޓަރުކަން ކުރެވޭނެ ގޮތް ހަދައިިިފި އެވެ.
ނޫސް މަޖައްލާތަކުގެ ގަވައިދަށް ބަދަލުގެނެސް ހޯމް މިނިސްޓްރީން މިއަދު ގެޒެޓްކުރި އިއުލާންގައި ބުނީ ނޫސް މަޖައްލާތަކާއި އަދި ޖާނަލްތަކުގެ އެޑިޓަރުކަން ޑިގްރީ ނެތް ނަމަވެސް ހަތް އަހަރު ދުވަހުގެ ތަޖުރިބާ ހުރި ނަމަ އެޑިޓަރުކަން ކުރެވޭނެ ކަމަށެވެ.
މީގެ ކުރިން ހޯމް މިނިސްޓްރީން އާންމު ކުރި ގަވައިދުގައިވާ ގޮތުން ނޫސް މަޖައްލާތަކާއި އަދި ޖާނަލްތަކުގެ އެޑިޓަރުން، ގުޅޭ ދާއިރާއަކުން ޑިގްރީ ފެންވަރު ހާސިލްކޮށް ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހޭނެ އެެވެ.
އޭގެ އިތުރުން ކޮމިކް އެޑިޓަރުކަމުގައި ރަޖިސްޓްރީ ކުރެވޭނެ އުސޫލަށް ވެސް ވަނީ ބަދަލުގެނެސްފަ އެވެ. އެގޮތުން ކޮމިކް އެޑިޓަރުންގެ ޝަރުތުތަކުގެ ތެރޭގައި ގްރިފިކްސް ނުވަތަ ޕްރޮޑިއުސުންގެ ދާއިރާގައި ފަސް އަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހޭނެ ކަމަށް އޮތް ކަމަށް ކުރިން ބުނެފައި އޮތް ނަމަވެސް އާ ގަވައިދުގެ ދަށުން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ.
ނޫސް މަޖައްލާތަކުގެ އެޑިޓަރުންގެ ގަވައިދަށް ބަދަލުގެނައީ ގިނަ ނޫސް މަޖައްލާތަކުން އެ ގަވައިދަށް އަމަލުކުރުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށް ބުނެ އެކަން ހޯމް މިނިސްޓްރީއާ ހިއްސާކޮށްފައި ވަނިކޮށެވެ.