ރާއްޖޭގެ ޒުވާން ޓީމު ކުޅުނު ފުރަތަމަ މެޗުގައި މެލޭޝިއާ އަތުން ބަލިވެއްޖެ

އޭޝިއަން މެންސް 20 އަހަރުންދަށުގެ ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޕްރިލިމިނަރީ ބުރުގައި ވާދަކުރާ ރާއްޖޭގެ ވޮލީ ޓީމު -- ފޮޓޯ: ވީއޭއެމް

ބަހްރޭނުގައި ކުރިއަށްދާ 19 ވަނަ އޭޝިއަން މެންސް 20 އަހަރުންދަށުގެ ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޕްރިލިމިނަރީ ބުރުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މެލޭޝިއާ އަތުން ބަލިވެއްޖެއެވެ.

މިއަދު ހަވީރު ކުޅުނު އެ މެޗުގައި މެލޭޝިއާ އަތުން ރާއްޖޭގެ ޒުވާން ވޮލީ ޓީމު ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ.

އެ މެޗުގެ ފުރަތަމަ ސެޓު މެލޭޝިއާއިން ގެންދިޔައީ 25-9 އިންނެވެ. ދެވަނަ ސެޓުގައި ރާއްޖެއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، އެ ސެޓު މެލޭޝިއާއިން ގެންދިޔައީ 25-19 އިންނެވެ. މެލޭޝިއާއިން މެޗު ކާމިޔާބުކުރީ ފަހު ސެޓު 25-10 އިން ގެންގޮސްގެންނެވެ.

ޕްރިލިމިނަރީ ބުރުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ނުކުންނަން ޖެހޭނީ މަކާއުއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖެގަޑިން މާދަމާ މެންދުރުފަހު 1:30ގައެވެ. މެލޭޝިއާއާއި މަކާއުއާއެކު ރާއްޖެ ހިމެނެނީ 'ޕޫލް އެޗް'ގައެވެ.

ޖުމްލަ 12 ކުޅުންތެރިންނާއެކު އެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ޓީމުގެ ސްކޮޑުގެ ކޯޗަކީ އިބްރާހިމް ޖަލީލް (ޖައްލަ)އެވެ. އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވަނީ ފަލާހް އަބޫބަކުރާއި މުހައްމަދު ފައިސަލްއެވެ.

comment ކޮމެންޓް