ހަތް ތަނަކަށް ވަޅި ހެރި ޒުވާނެއްގެ ހާލު ސީރިއަސްވެ ފަރުވާދެނީ

ހުޅުމާލެ ހޮސްޕިޓަލް: ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހުޅުމާލޭގައި ޒުވާނެއްގެ ގައިގެ ހަތް ތަނަކަށް ވަޅި ހަރައި ޒަޚަމްކޮށްލުމުން ހާލު ސީރިއަސްވެ، ފަރުވާދޭން ފަށައިފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލު ހިންގާ އާސަންދަ ކުންފުނިީގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޒުވާނެއްގެ ގަޔަށް ވަޅި ހަރައިގެން މިރޭ 9:30 ހާއިރު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ ގައިގައި ވަޅި ހަރާފައި ހުރި ތަންތަން ފެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވަޅިން ހަމަލާދީ ޒަހަމް ކޮށްލާފައިވަނީ 24 އަހަރުގެ ފިރިހެނަކަށެވެ. އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި، އެކްސްރޭ އެއް ނެގުމަށްފަހު، އިތުރު ކަމެއް ފާހަގަވާނަމަ އޭޑީކޭ އަށް ނޫނީ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލު ކުރާނެ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ.

ހުޅުމާލޭގައި މާރާމާރި އެއް ހިނގައިގެން އުޅޭ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލު އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

ރޭ ވެސް ހުޅުމާލޭގައި ވަޅިން ހަމަލާދީ ޒުވާނަކު ވަނީ ޒަހަމް ކޮށްލައިފައެވެ. އޭނާ އަށް ދަނީ ޓްރީ ޓޮޕް ހޮސްލިޓަލުގައި ފަރުވާ ދެމުންނެވެ.

comment ކޮމެންޓް