ގއ. ގެމަނަފުށީގައި އެމްޑީޕީގެ ވަރުގަދަ މީހަކު ސަރުކާރު ހިންގާ ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.
ގެމަނަފުށީ އަންބަރީގޭ އިބްރާހީމް މަނިކު ޕީޕީއެމަށް ސޮއިކުރީ މާލޭގައި ދިރިއުޅޭ ހުވަދު އަތޮޅުގެ ރައްޔިތުންނާ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައްދަލު ކުރެއްވުމަށް ރޭ ރުމާލު 2 ޖަގަހައިގައި ބޭއްވި ޖަލްސާގައެވެ.
ސޮއިކުރުމަށްފަހު އިބްރާހީމް މަނިކު ވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާ ފޯމު ހަވާލުކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން "ސަން" އަށް ވިދާޅުވީ އިބްރާހިމް މަނިކު ޕީޕީއެމްއާ ގުޅުމުން ގެމަނަފުށިން ރައީސް ޔާމީނަށް ގިނަ އަދަދެއްގެ ވޯޓު ލިބޭނެ ކަމަށެވެ.
"އިބްރާހިމް މަނިކަކީ އެމްޑީޕީގެ އެންމެ ވަރުގަދަ އެއް އެކްޓިވިސްޓް އެ ރަށުގައި. އޭނާގެ އާއިލާ ވަރަށް ބޮޑު ވާނެ ގެމަނަފުށީގައި،" ޖަމީލް ވިދާޅުވިއެވެ.
އިބްރާހިމް މަނިކު ޕީޕީއެމްއާ ގުޅުނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެމެނަފުއްޓަށް ގެނެސްދެއްވަމުން ގެންދާ ތަރައްގީ، ގަބޫލުކުރާތީ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.
ރައީސް ޔާމިންގެ މި ދައުރުގައި ވަނީ ވަރަށް ބޮޑެތި ތަރައްގީތަކެއް ގެެމަނަފުއްޓަށް ގެނެސްދީފައެވެ. އެގޮތުން އެ ރަށުގައި ބަނދަރަކާއި އައިސް ޕްލާންޓެއް ގާއިމްކޮށްފައިވާއިރު، ބޭންކުގެ ޚިދުމަތްވެސް ވަނީ ތައާރަފްކޮށްފައެވެ.
ޖަމީލް ވިދާޅުވީ ގެމަނަފުށީގެ ނަރުދަމާގެ މަޝްރޫއުވެސް ވަރަށް އަވަހަށް އިފްތިތާހު ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
ގެމަނަފުށީ ދާއިރާގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ އެއް ކަންތައް ކަމުގައިވާ ގދ. މާވާރުލުގައި ގާއިމް ކުރާ އެއާޕޯޓުގެ މަސައްކަތް ހަލުވި މިނުގައި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. މާވާރުލު އެއާޕޯޓު ސެޕްޓެމްބަރު މަހުގެ ދެވަނަ ހަފްތާއަށް ނިންމޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.