14 މިލިއަން ޕައުންޑަށް ޔުނައިޓެޑުން އަޔެކްސްއަށް ބްލިންޑް ވިއްކާލަނީ

ޔުނައިޓެޑުގެ ނެދަލެންޑްސް ޑިފެންޑަރު ޑެލީ ބްލިންޑް -- ފޮޓޯ/ އޭޕީ

މެންޗެސްޓާ ޔުނައިޓެޑުން އަޔެކްސްއަށް ޑެލީ ބްލިންޑް ވިއްކާލާ އަގާ މެދު އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ނެދަލެންޑްސްގެ ބްލިންޑް ވިއްކާލާ އަގަކީ 14 މިލިއަން ޕައުންޑެވެ. އިތުރު ފީތަކާއެކު އެ ޓްރާންސްފާގައި ޔުނައިޓެޑަށް ޖުމްލަ 18 މިލިއަން ޕައުންޑް ލިބިގެންދާނެއެވެ. އެ އަގާ މެދު ޔުނައިޓެޑާއި އަޔެކްސްއިން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އެ ދެ ކްލަބުން ވެސް ވަނީ އިއުލާންކޮށްފައެވެ.

އުމުރުން 28 އަހަރުގެ ޑިފެންޑަރު ބްލިންޑް، އޭނާގެ ކުރީގެ ކްލަބު އަޔެކްސްއަށް ސޮއިކުރާނީ 2022 ވަނަ އަހަރުގެ ނިޔަލަށް ކަމަށް ބެލެވެއެވެ.

ބްލިންޑާ ގުޅޭ ގޮތުން އަޔެކްސްގެ ޗީފް އެގްޒެކެޓިވް އެޑްވިން ވެންޑަސާ ވިދާޅުވީ ބްލިންޑަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާއަކީ އެކި މަގާމުތަކަށް ބޭނުންކުރެވޭ ކުޅުންތެރިއެއް ކަމަށެވެ.

ޑިފެންޑަރެއް އަދި ޑިފެންސިވް މިޑްފީލްޑަރެއްގެ މަގާމަށް ވެސް ކުޅެވޭ ބްލިންޑް، ޔުނައިޓެޑާ ގުޅިފައިވަނީ ވޯލްޑް ކަޕް 2014ގައި ނެދަލެންޑްސް ގައުމީ ޓީމުން ވިދާލުމަށްފަހުއެވެ. ޔުނައިޓެޑާ ލުއިސް ވެން ހާލް ހަވާލުވި ދުވަސްވަރު، އޭނާ އެ ކްލަބަށް ގެންދިޔައީ 18.3 މިލިއަން ޔޫރޯގެ އަގަކަށެވެ.

ވެން ހާލްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުގެ ފުރަތަމަ 11 އިން ބްލިންޑަށް ޖާގަ ލިބެމުންދިޔަ ނަމަވެސް، ހޯސޭ މޮރީނިއޯ ހަވާލުވުމަށްފަހު ބްލިންޑަށް ވަނީ ފުރަތަމަ 11 އިން ޖާގައެއް ހޯދުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. އަނިޔާއާ ކުރިމަތިލާން ޖެހުނު ބްލިންޑަށް މިދިޔަ ސީޒަނުގައި ޔުނައިޓެޑުގެ ޓީމުން ފުރުސަތު ލިބިފައިވަނީ އެންމެ ހަތް މެޗެއްގައެވެ. އޭގެ ތެރެއިން ފުރަތަމަ 11 އިން ބްލިންޑަށް ޖާގަ ލިބުނީ ހަތަރު މެޗެއްގައެވެ.

އަޔެކްސްއަށް ބްލިންޑް ވިއްކާލަން ޔުނައިޓެޑުން ނިންމާފައިވަނީ އޭނާގެ ކޮންޓްރެކްޓް ހަމަވާން އެއް އަހަރަށް ވެފައި ވަނިކޮށެވެ. ކުރިން 2008 އިން ފެށިގެން ޔުނައިޓެޑާ ގުޅުމާ ހަމައަށް ބްލިންޑް ވަނީ އަޔެކްސްއަށް 143 މެޗު ކުޅެ، އެ ކްލަބާ ހަތަރު ޓްރޮފީ ހޯދައިފައެވެ.

ޔުނައިޓެޑާއެކު ބްލިންޑަށް އިނގިރޭސި ޕްރިމިއާ ލީގު ތަށްޓެއް ހޯދިފައިނުވި ނަމަވެސް، އޭނާ ވަނީ އެ ކްލަބާއެކު ޔޫރޮޕާ ލީގާއި، އެފްއޭ ކަޕް އަދި ލީގް ކަޕް ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް