ރާއްޖޭގެ ހާލަތަށް ބަދަލު ނައިސްފި ނަމަ އީޔޫ އިން ފިޔަވަޅު އަޅަން ނިންމައިފި

އީޔޫގެ ވަފުދާ އެކު ރައީސް ޔާމީން ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ޔޫރަޕިއަން ޔޫނިއަނުން ރާއްޖޭގެ ވަކިވަކި ފަރުދުންނަށް ފިޔަވަޅު އެޅުމާ ބެހޭ ފްރޭމްވޯކެއް ބަލައިގަނެ، އެ ޔޫނިއަނުން ހުށަހަޅާ ގޮތަށް ރާއްޖޭގެ ހާލަތަށް ބަދަލު ނައިސްފި ނަމަ ފިޔަވަޅު އަޅަން ނިންމައިފިއެވެ.

މިއަދު އީޔޫގެ ފޮރިން އެފެއާޒް ކައުންސިލުން ވަނީ ފިޔަވަޅު އެޅުމާ ބެހޭ ފްރޭމްވޯކެއް ބަލައިގެންފަ އެވެ. އީޔޫއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާރުގެ ހާލަތު އިތުރަށް ގޯސްވާ ނަމަ، ނުވަތަ މިހާރުގެ ހާލަތަށް ބަދަލު ނައިސްފި ނަމަ ފިޔަވަޅު އަޅާނެ މީހުން ކަނޑައަޅާނެ ކަމަށް އީޔޫގެ ބަޔާނުގައި ބުނެފައިވެ އެވެ.

ވަކިވަކި މީހުންނަށް ފިޔަވަޅު އަޅާއިރު ގާނޫނީ ނިޒާމު ދެމެހެއްޓުމަށް ހުރަސްތައް ކުރިމަތި ކުރުވާ ފަރާތްތަކާއި ސިޔާސީ ހައްލުތައް ރާއްޖެއަށް ހޯދުމަށް ހުރަސް އަޅާ ފަރާތްތަކުގެ އިތުރުން އިންސާނީ ހައްގުތަކަށް ފޯރުކޮށްދިނުމަށް ހުރަސް އަޅާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް އީޔޫއިން ވަނީ ބުނެފަ އެވެ.

އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އެފަރާތްތަކަށް ޔޫރަޕުގެ ގައުމުތަކަށް ދަތުރުނުކުރެވޭ ގޮތް ހެދުމާއި ޔޫރަޕުގައި އެފަރާތްތަކުގެ އެސެޓެއް ހުރި ނަމަ ފްރީޒްކުރުން ހިމެނެ އެވެ.

މިއަހަރުގެ ފެބުރުއަރީ މަހު އީޔޫއިން ވަނީ ވަކި ކަންކަމެއް އިސްލާހުކުރުމަށް ސަރުކާރަށް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ފެބުރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމާއި ހައްޔަރުގައި ތިބި ސިޔާސީ މީހުން ދޫކޮށްލުމާއި ސިޔާސީ ޕާޓީތަކަށް ފުރުސަތު ލިބިދޭ މިނިވަން އިންސާފުވެރި އިންތިހާބަކަށް މަގު ފަހިކޮށްދިނުން ހިމެނެ އެވެ.

މިއަދުގެ އީޔޫ ކައުންސިލު ބައްދަލުވުން ނިންމާލަމުން ވެސް އީޔޫއިން ސަރުކާރުގެ ވެރިންނަށް އަންގާފައި ވަނީ އިދިކޮޅު ފަރާތްތަކާ އެކު ދެފުށް ފެންނަ މަޝްވަރާތަކަކަށް ދިއުމަށެވެ.

comment ކޮމެންޓް