އާޖެންޓީނާ ގައުމީ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ޖޯޖް ސަމްޕައޮލީގެ ކޮންޓްރެކްޓް، އާޖެންޓައިން ފުޓްބޯލް އެސޯސިއޭޝަން (އޭއެފްއޭ)އިން އުވާލައިފިއެވެ.
ސަމްޕައޮލީގެ ކޮންޓްރެކްޓަށް ނިމުމެއް ގެނެސްފައިވަނީ ފީފާ ވޯލްޑް ކަޕްގެ ނާކާމިޔާބީއާއެކުއެވެ. ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާ އަތުން 3-0ގެ ނަތީޖާއަކުން ބަލިވެފައިވާ އިރު، އައިސްލެންޑް އަތުން ވަނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. ގަދަ 16އިން އާޖެންޓީނާއަށް ޖާގައެއް ލިބުނީ ގްރޫޕުގެ ފަހު މެޗުގައި 2-1ގެ ނަތީޖާއަކުން ނައިޖީރިއާ އަތުން ހޯދި މޮޅާއެކުއެވެ.
ގަދަ 16ގައި އާޖެންޓީނާ ނުކުންނަން ޖެހުނީ ފްރާންސްއާ ދެކޮޅަށެވެ. އެ މެޗުން 4-3ގެ ނަތީޖާއަކުން ބަލިވެ، އާޖެންޓީނާއަށް ވޯލްޑް ކަޕް ނިމިގެންދިޔައެވެ.
އާޖެންޓީނާ އެފްއޭއިން ނެރުނު ބަޔާނެއްގައި ބުނީ ސަމްޕައޮލީގެ ކޮންޓްރެކްޓް އުވާލާފައިވާ ކަމަށާއި އޭނާއާއެކު ފިޒިކަލް ޓްރޭނަރު ޖޯޖް ޑެސިއޯއާއި ވީޑިއޯ އެނަލިސްޓް މެޓިއަސް މާނާގެ ކޮންޓްރެކްޓް ވެސް އުވާލާފައިވާ ކަމަށެވެ.
އާޖެންޓީނާ ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން ސަމްޕައޮލީ ވަނީ ޔުނިވާސިޑަޑް ޑި ޗިލީއާއި، ޗިލީ ގައުމީ ޓީމު އަދި ސެވިއްޔާއާއެކު ރަނގަޅު ކާމިޔާބީތަކެއް ހޯދައިފައެވެ. އާޖެންޓީނާއާ ސަމްޕައޮލީ ހަވާލުވީ ސެވިއްޔާއަށް ޔޫއެފާ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދައިދިނުމަށްފަހު، 2016-17 ސީޒަން ނިމުމާއެކުއެވެ.
ގިނަ ތަރިންތަކަކާއެކު ވެސް ކާމިޔާބީއެއް ހޯދިފައިނުވާ އާޖެންޓީނާއާ ސަމްޕައޮލީ ހަވާލުވުމުން އޭނާއާއެކު އާޖެންޓީނާއަށް ކާމިޔާބީއެއް ހޯދިދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ. ނަމަވެސް އޭނާގެ އިރުޝާދުގެ ދަށުން ލިއޮނެލް މެސީއާއި އާޖެންޓީނާއަށް އެންމެ އެދެވޭ ނަތީޖާތައް ހޯދިފައެއް ނުވެއެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އާޖެންޓީނާއާ ސަމްޕައޮލީ ހަވާލުވުމަށްފަހު، އެޓީމަށް ރަނގަޅު ނަތީޖާއެއް ހޯދައިދެވިފައި ނުވުމުން އޭނާއަށް ފާޑުކިޔުންތައް އަމާޒުވިއެވެ. އޭގެ ތެރޭގައި ޓީމަށް ކުޅުންތެރިން ނެގުމާއި އޭނާގެ ޓެކްޓިކްސްއަށް ވެސް ގިނަ ބަޔަކު ވަނީ ފާޑުކިޔައިފައެވެ.