ފޭކް އެކައުންޓުތައް ޑިލީޓުކުރުމާއެކު ދުނިޔޭގެ ބޮޑެތި ލީޑަރުންގެ ޓްވިޓާ ފޮލޯވަރުންގެ އަދަދު ދަށަށް!

ޓްވިޓާގައި ހުރި ފޭކް އެކައުންޓުތަކާއި ބޮޓްތައް ރިމޫވް ކުރަން ފެށުމާއެކު ޓްވިޓާގައި ހަރަކާތްތެރިވާ ދުނިޔޭގެ ބޮޑެތި ލީޑަރުންގެ ފޮލޯވަރުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެއެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ޓްވިޓާ ފޮލޯވަރުންގެ ތެރެއިން ދެ މިލިއަން ފޮލޯވަރުން މަދުވެފައިވާއިރު އޮބާމާގެ ފޮލޯވަރުންގެ އަދަދު މިއާރު އުޅެނީ 101 މިލިއަނުގައެވެ. ޖަސްޓިން ބީބާ އާ ކެޓީ ޕެރީއަށްފަހު އޮބާމާ އަކީ ޓްވިޓާގައި ތިންވަނައަށް އެންމެ ފޮލޯވަރުން ގިނަ ފަރާތެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޮޮނަލްޑް ޓްރަމްޕް އަކީވެސް ޓްވިޓާ އާ ގާތް ބޭފުޅެކެވެ. ބައެއް ފަހަރު މަގާމާ ނުގުޅޭ ވާހަކަތައްވެސް ޓްވިޓާގައި ދައްކަވައެވެ. ޓްވިޓާއިން ބޮޓްތައް ރިމޫވް ކުރަން ފެށުމާއެކު ޓްރަމްޕްގެ ފޮލޯވަރުންގެ އަދަދު ވަނީ 0.7 ޕަސެންޓު މަދުވެފައެވެ. އެގޮތުން އެ އެކައުންޓަށް ފޮލޯކުރާ 325،038 ފޮލޯވަރުން މަދުވިއެވެ. ޓްރަމްޕްގެ ފޮލޯވަރުންގެ އަދަދު މިހާރު ވަނީ 53 މިލިއަނަށް އަރައިފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ޓްވިޓާއިން ފޮލޯކުރާ މީހުންގެ އަދަދުވެސް ވަނީ ދަށަށް ގޮސްފައެވެ. މޯދީގެ ފޮލޯވަރުންގެ ތެރެއިން ތިން ލައްކަ މީހުން މަދުވި އިރު، އެގައުމުގެ ކޮންގްރެސް ޕާޓީގެ ލީޑަރު ރާހޫލް ގާންދީއަށް ފޮލޯކުރާ މީހުންގެ ތެރެއިން 17،000 މީހުން މަދުވިއެވެ.

ޓްވިޓާއިން ބުދަ ދުވަހު ބުނެފައިވަނީ ޓްވިޓާ ޔޫޒަރުންގެ ތެރެއިން ބޭނުން ނުކުރާ، ހެކްޓް އަދި ސްޕޭމް އެކައުންޓުތަކާއި ސަސްޕެންޑު ކޮށްފައިވާ އެކައުންޓުތައް އެއްކޮށް ޑިލީޓް ކުރާނެ ކަމަށެވެ. ބުރާސްފަތި ދުވަހު އެކަނިވެސް 10 މިލިއަން އެކައުންޓް ޑިލީޓް ކުރިއެވެ.

comment ކޮމެންޓް