އިންސާނީ ހައްގުތަކަށް އަރައިގަންނަ ނަމަ، އެ ކަމުގެ ހިތި ފެންނާނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ބަރާކް އޮބާމާ އިއްޔެ ވިދާޅުވެއްޖެއެވެ.
އޮބާމާ މިހެން ވިދާޅުވީ ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް ދޭ ހަމަލާތަކުގެ ސަބަބުން ފަލަސްތީނު ރައްޔިތުންނަށް ލިބެމުންދާ އަނިޔާއާ ދެކޮޅުކަން ހާމަކުރައްވައި ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައެވެ.
ބަޔާނާ ހަވާލާދީ މިޑްލް އީސްޓް އައިއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފަލަސްތީނާއި އިސްރާއީލާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ލިބެމުންދާ އަނިޔާ އެމެރިކާއާއި އިސްރާއީލުން ތިބީ ނުފެންނަ ކަމަށް ހަދައިގެންނެވެ. އޮބާމާ މި މޭރުމުން ވާހަކަފުޅުދެއްކެވި ނަމަވެސް އިސްރާއީލުން ހަނގުރާމަ ކުރަނީ އެ މީހުންގެ އަމިއްލަ ދިފާއުގައި ކަމަށް ބުނެ އޮބާމާ ވަނީ އިސްރާއީލަށް ތާއީދު ވެސް ކުރައްވާފައެވެ.
އިސްރާއީލާއި ހަމާސްއާ ދެމެދު ކުރަމުންދާ ހަނގުރާމަ ދުނިޔެއިން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އިންސާނީ ހައްގުތަކަށް އަރައިގަތުމުން އެކަމުގެ ހިތި ފަހުން ފެންނާނެ ކަމަށް އޮބާމާ ވިދާޅުވިއެވެ.
ޖުމްލަ އާބާދީގެ ދެބައިކުޅަ އެއްބައި އަންހެނުންނާއި ކުޑަކުދިން ޝާމިލުވާ ޣައްޒާއިން ފެނާއި ކަރަންޓު ކަނޑާލާ ކާބޯތަކެތި ވެސް ނުލިބޭ ގޮތް ހެދުމަށް އިސްރާއީލުން ގެންގުޅޭ ސިޔާސަތަކީ ހަނގުރާމައާ އެއްވެސް ގުޅުމެއް ނެތް ބަޔަކަށް ދޭ އިތުރު އަނިޔާއެއް ކަމަށް ވެސް އޮބާމާގެ ބަޔާނާ ހަވާލާދީ މިޑްލް އީސްޓް އައިއިން ރިޕޯޓުކޮށްފައިވެއެވެ. އަދި، މިކަމުގެ ސަބަބުން އެހެން ގައުމުތަކުގެ ތާއީދު އިސްރާއީލަށް ކުޑަވެގެންދާނެ ކަމަށް ވެސް އޮބާމާ ވިދާޅުވިއެވެ.
އިސްރާއީލްގެ ތެލް އަވީވްގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންހާޔޫއާ ދެމެދު މިދިޔަ ހަފްތާ ކުރެއްވި މަޝްވަރާތަކަކަށް ފަހު، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު އިސްރާއީލުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ހުޅުވާލާފައެވެ. އެހީ ހިފައިގެން މި ވަގުތު 37 ޓްރަކެއް ޣައްޒާއަށް ވަނީ ވަދެފައެވެ. ނަމަވެސް މިއީ 2.2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާއަށް ފުދޭވަރަށް ވުރެ ވެސް މާ މަދު އަދެދެކެވެ.
އިސްރާއީލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ވާހަކަފުޅު ދެއްކެވި ނަމަވެސް، ހަނގުރާމަ ހުއްޓާލާކަށް އޮބާމާ ގޮވާލައްވާފައެއް ނުވެއެވެ. އަނެއްކޮޅުން އެއްގަމު މަގުން ޣައްޒާއަށް އަރައިގަންނަން އިސްރާއީލުން ތައްޔާރުވަމުން އަންނައިރު، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި މީހުން ދޫކޮށްލަންދެން އެއްގަމު މަގުން ހަނގުރާމަ ނުކުރުމަށް އެދި އެމެރިކާއާ ޔޫރަޕުން އިސްރާއީލަށް ޕްރެޝާ ކުރާކަމަށް ވެސް މީޑިއާތަކުން މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ.