ވޮޝިންޓަން (05 އޮގަސްޓް 2023): ދެހާސް ސައުވީސް ވަނަ އަހަރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު މިހާރުގެ ރައީސް ޖޯ ބައިޑެންއަށް ފަސޭހަ ނުވާނެކަމަށާއި އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ބައިޑެންއަށް ކުޑަކަމަށް ދެކެވަޑައިގަންނަވާކަމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ.
އޮބާމާއާ ހަވާލާދީ އެމެރިކާގެ ނޫސްތައް ބުނާގޮތުން ދެވަނަ ދައުރެއް ކާމިޔާބު ކުރައްވަން ބައިޑަންއަށް ދަތިވާނެކަމަށް ބެލެވުނު ނަމަވެސް އޭނާ ހުންނެވީ ބައިޑެންއަށް ތާއީދުކުރައްވައި ބައިޑެންއަށް ކެންޕޭން ކޮށްދެއްވާގޮތަށެވެ. އޮބާމާ ވިދާޅުވެފައިވާގޮތުގައި އަންނަ އަހަރު ބައްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ބައިޑެންއަށް އެންމެބޮޑު ގޮންޖެހުމެއް ކުރިމަތިވެވަޑައިގަންނަވާނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތްޕުޅުންނެވެ.
އޮބާމާގެ ނަޒަރުގައި އެމެރިކާގެ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީ ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑީ ޓްރަމްޕް އަށެވެ. އެއީ ރިޕަބްލިކަން ޕާޓީގެ މެންބަރުންނާއި އެޕާޓީއަށް ތާއީދުކުރާ މީހުންގެ މެދުގައި އެންމެ މަގްބޫލު ޝަޚްސިއްޔަތަކީ ޓްރަމްޕް ކަމަށްވުމެވެ.
ޓްރަމްޕްގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލާފައި ވީނަމަވެސް އެދައުވާތަކުގެ އަޑުއެހުންތައް ދިގުލައިގެންދާނެކަމަށް ބެލެވޭތީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގެކުރިން ޓްރަމްޕްގެ މައްޗަށް ހުކުމެއް އަންނަވަރުވާނެކަމަށް ނުބެލެވޭކަމަށް ޓްރަމްޕާއި އޭނާގެ ގާނޫނީ ވަކީލުން ދެކެވަޑައިގަންނަވައެވެ.
އޮބާމާގެ ރިޔާސީ ދެދައުރުގައިވެސް ނައިބުރައީސްކަމުގައި ހުންނެވީ ބައިޑެންއެވެ. ބައިޑެންއާއި އޮބާމާ ދާދިފަހުންވަނީ ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުކުރެއްވުމުގައި ބައިޑެން އޮބާމާއާ މަޝްވަރާ ކުރެއްވިކަމަށްވަނީ އެމެރިކާގައި ކުރިޔަށްއޮތް ރިޔާސީ އިންތިޚާބާ ގުޅޭގޮތުންނެވެ.
ކުރިޔަށްއޮތް ރިޔާސީ އިންތިޚާބު ބައިޑެންއަށް ފަސޭހަ ނުވާނެކަމާއި ބައިޑެންއަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްކަމަށް އޮބާމާ ވިދާޅުވިކަމަށް އެމެރިކާގެ ނޫސްތައް ބުނެފައިވަނީ މިފަރިއްކޮޅުގައި އޮބާމާއާއި ބައިޑެން ކުރެއްވި މަޝްވަރާތަކަށްފަހުގައެވެ.
ބައިޑެންއަކީ އުމުރުން 80 އަހަރުވެފައިވާ ބޭފުޅަކަށްވާއިރު ބައިޑެންގެ ފަރާތްޕުޅުންދަނީ މުސްކުޅިކަމުގެ އަލާމާތްތައް ވަރަށް ބޮޑަށް ފެންނަމުންނެވެ. މީގެތެރޭގައި ތަގްރީރު ކުރައްވާއިރު ބައެއްކަންކަން ހަނދާން ނެތުމާއި ވާނުވާ ނޭންގުމާއި އޮޅިވަޑައިގެން ދޮގުވާހަކަތައް ދެއްކެވޭގޮތްވުމާއި ހިންގަވަނިކޮށް ވެއްޓިވަޑައިގަތުންފަދަ ކަންކަން ހިމެނެއެވެ.
މީގެއިތުރުން ރޭގަނޑު ދަންވަރު ފާޚާނާ ހޯއްދެވުމުގެ ނަމުގައި ބައިޑެން ގިނިކަންޏާ ވައިޓް ހައުސްގެ ގޯތިތެރޭގައި ހިންގެވުންފަދަ ކަންކަން ވެސް ވަރަށް ގިނައިން ބައިޑެން ކުރައްވައެވެ.
މީގެއިތުރުން ބައިޑެންގެ ވެރިކަމުގައި އެމެރިކާގެ ބާރާއި ނުފޫޒުވެސް ދުނިޔޭގައި ދަނީ ވަރަށްބޮޑަށް ކުޑަވަމުންނެވެ. އަދި އެމެރިކާ ޖިއޮޕޮލިޓިކަލް ދާއިރާގައި ވަރަށްބޮޑަށް ފަހަތަށްގޮސް ޗައިނާއާއި ރަޝިއާ ފަދަ ގައުމުތައްވަނީ އެމެރިކާއަށް ފާޅުގައި ގޮންޖަހާ ގައުމުތަކުގެ ގޮތުގައި ދުނިޔޭގެ މަސްރަހުގައި ފާޅުވާން ފަށާފައެވެ.
މިކަންތައްތަކާއެކުވެސް ބައިޑެންވަނީ ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން ރަސްމީގޮތެއްގައި އިއުލާނުކުރައްވާފައެވެ.
އެމެރިކާގައި ކަންތައްތައް އޮންނަ ގޮތުން ރިޔާސަތުގައި ހުންނަވާ ބޭފުޅަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވައިފިނަމަ އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީއަކުން ޕްރައިމަރީއަކަށް ނުގޮސް އެކަންގަބޫލުކުރާނެއެވެ.
އެމެރިކާގައި ނަގާ ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާތައް ދައްކާގޮތުން އެމެރިކާގެ ރައްޔިތުންގެ ގިނަބަޔަކު ބައިޑެންގެ ސަރުކާރު ބަލިކަށިކަމާއި އެމެރިކާފަދަ ބޮޑު އަދި ބާރުގަދަ ގައުމެއްގެ ވެރިކަމަށް ބައިޑެން ކުފޫ ހަމަނުވާކަމަށް ދެކެއެވެ. އަދި ބައިޑެން އަށްވުރެ ޓްރަމްޕްގެ މަގްބޫލުކަން ބޮޑުކަންވެސް ޚިޔާލު ހޯދުމުގެ ސާވޭތަކުންވަނީ ހާމަވެފައެވެ.
އެމެރިކާގެ އިދިކޮޅު ރިޕަބްލިކަން ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައިވެސް އެޕާޓީގެ ލީޑަރުންގެ ތެރެއިން އެންމެ މަގްބޫލު ލީޑަރަކީ ޓްރަމްޕްއެވެ.