ނެޓްފްލިކްސް ޑޮކިއުމެންޓްރީ އަކުން އޮބާމާއަށް އެމީ އެވޯޑެއް

'އަވަރ ގްރޭޓް ނޭޝަނަލް ޕާކްސް ސީރީޒްގެ މަންޒަރެއްގައި އޮބާމާ --

އެމެރިކާގެ ކުރީގެ ރައީސް، ބަރަކް އޮބާމާއަށް ކްރިއޭޓިވް އާޓްސް އެމީ އެވޯޑްސް އިން އެވޯޑެއް ލިބިވަޑައިގެންފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމީ އެވޯޑްސް ހަފްލާގައި އައުޓްސްޓޭންޑިންގ ނެރޭޓާގެ އެވޯޑު އޮބާމާ އަށް ލިބިވަޑައިގެންނެވީ 'އަވާ ގްރޭޓް ނޭޝަނަލް ޕާކްސް' ޑޮކިއުމަންޓްރީންނެވެ. މިއީ އޮބާމާ އާއި އޭނާގެ އަންހެނުން މިޝެލް އޮބާމާގެ ޕްރޮޑަކްޝަން ކުންފުނިން އުފައްދާފައިވާ ދުނިޔޭގެ ނެޝަނަލް ޕާކުތަކާއި ވައިލްޑްލައިފް ދައްކުވައިދޭ ފަސް އެޕިސޯޑުގެ ޑޮކިއު-ސީރީޒް އެކެވެ.

މި އެވޯޑާއެކު އޮބާމާ ވެވަޑައިގެންފައިވަނީ އެމީ އެވޯޑެއް އުފުއްލެވި ދެވަނަ ރައީސް އަށެވެ. އޮބާމާގެ އިތުރުން، އެމީ އެވޯޑެއް ހާސިލުކުރެއްވީ ކުރީގެ ރައީސް އަކީޑްވައިޓް އައިސަންހޮވާއެވެ. އެމަނިކުފާނަށް 1956ގައި އެވޯޑު ލިބިވަޑައިގެންނެވީ ވެރިކަމުގެ ދުވަސްވަރުއެވެ.

އެމެރިކާގެ ކުރީގެ ރައީސްއަށް މީގެ ކުރިން ވަނީ ދެ ގްރެމީ އެވޯޑެއްވެސް ލިބިޑައިގެންފައެވެ. އެއީ، 'ބެސްޓް ސްޕޯކަން ވޯރޑް އަލްބަމް' ކެޓަގަރީ އިން އޮބާމާގެ ދިރިއުޅުމުގެ މައްޗަށް އުފެއްދެވި 'ދަ އޮޑޭސިޓީ އޮފް ހޯޕް' އާއި 'އަ ޕްރޮމިސްޑް ލޭންޑް'ގެ އޯޑިއޯ ފޮތުންނެވެ.

އޮބާމާއަށް މީގެ ކުރިން ދެ ގްރެމީ އެވޯޑް ލިބިވަޑައިގެންފައިވުމާއެކު އިގޮޓް ވިނާ ( އެމީ އެވޯޑު، ގްރެމީސް އެވޯޑު އޮސްކާ އަދި ޓޯނީ އެވޯޑު ލިބިފައިވާ ފަރާތްތައް)ގެ ލަގަބު ލިބިވަޑައިގަތުމަށް މަދު ވަނީ އޮސްކާ އަކާއި ޓޯނީ އެވޯޑެކެވެ. އިގޮޓް ވިނާ މިހާތަނަށް ހޯދާފައިވަނީ އެންމެ 17 މީހުންނެވެ. އޭގެ ތެރޭގައި ރިޓާ މޮރީނޯ އާއި ޖޯން ލެޖެންޑް ހިމެނެއެވެ.

comment ކޮމެންޓް