Sun Online
ވިލި މުއައްސަސާ ކަޕް 2018ގައި ކްލަބު ވެމްކޯއާއި އެމްޓީސީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވެމްކޯ މޮޅުވީ 2-0ގެ ނަތީޖާއަކުން -- ފޮޓޯ/ އިމޭޖާސް އެމްވީ
ވިލި މުއައްސަސާ ކަޕް 2018ގައި ކްލަބު ވެމްކޯއާއި އެމްޓީސީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވެމްކޯ މޮޅުވީ 2-0ގެ ނަތީޖާއަކުން -- ފޮޓޯ/ އިމޭޖާސް އެމްވީ

އެމްޓީސީސީ ބަލިކޮށް، ވެމްކޯ ކުއާޓާއަށް

އަލީ ރިފްޝާން
ލިޔުނީއަލީ ރިފްޝާން

ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓް ގުޅިގެން ވިލިމާލޭގައި ކުރިއަށްގެންދާ ވިލި މުއައްސަސާ ކަޕްގައި އެމްޓީސީސީ ބަލިކޮށް، ކްލަބު ވެމްކޯއިން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ވިލިމާލޭ ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު 'ގްރޫޕް އޭ'ގެ މެޗުގައި އެމްޓީސީސީ އަތުން ވެމްކޯ މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ވެމްކޯއިން ވަނީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދައިފައެވެ.

ވިލި މުއައްސަސާ ކަޕް 2018ގައި ކްލަބު ވެމްކޯއާއި އެމްޓީސީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވެމްކޯ މޮޅުވީ 2-0ގެ ނަތީޖާއަކުން -- ފޮޓޯ/ އިމޭޖާސް އެމްވީ

މިރޭ ކުޅުނު މެޗުގައި ވެމްކޯގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހިމް ޖުނާހާއި އަލީ ނާޒިމެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ވެމްކޯގެ އާތިފް މުހައްމަދަށް އިނާމު ހަވާލުކޮށްދެއްވީ އެމްއާރްސީސީ ކޯސްޓްގާޑުގެ ވޮރެންޓް އޮފިސަރު އިބްރާހިމް މަޖުދީއެވެ.

އެންމެ ފަހުގެ ޗެމްޕިއަން މޯލްޑިވް ގޭހާއި ސްޓެލްކޯ ވިލިމާލެ ކުޅުނު 'ގްރޫޕް އޭ'ގެ މެޗު ނިމިގެންދިޔައީ 5-5ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެ މެޗުގައި މޯލްޑިވްސް ގޭސްގެ އަލީ ނާޒް ދެ ލަނޑު ކާމިޔާބުކުރި އިރު، އެޓީމުގެ ބާކީ ލަނޑުތައް ކާމިޔާބުކޮށްދިނީ ހުސައިން ވިޝާހާއި އިބްރާހިމް ރިމްޝާދު އަދި އަހްމަދު ސަދާދެވެ.

އެ މެޗުގައި ސްޓެލްކޯގެ އިބްރާހިމް ޚަލީލާއި އިސްމާއިލް ޒާހިރު، އެއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކުރިއެވެ. އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޝާމިލެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މޯލްޑިވް ގޭސްގެ ހުސައިން ވިޝާހަށް އިނާމު ހަވާލުކޮށްދެއްވީ އެމްޓީސީސީގެ ޔުނިޓް މެނޭޖަރު އާދަމް އަޒްމީއެވެ.

އެ މުބާރާތުގެ 'ގްރޫޕް އޭ'ގައި ކޮންމެ ޓީމެއް ވެސް ވަނީ މިހާރު ދެ މެޗު ކުޅެފައެވެ. ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައި ވެމްކޯ އޮތް އިރު، ދެވަނައިގައި އޮތް އެމްޓީސީސީއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި މޯލްޑިވްސް ގޭހާއި ސްޓެލްކޯއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެވެ.

ވިލި މުއައްސަސާ ކަޕް 2018ގައި ކްލަބު ވެމްކޯއާއި އެމްޓީސީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވެމްކޯ މޮޅުވީ 2-0ގެ ނަތީޖާއަކުން -- ފޮޓޯ/ އިމޭޖާސް އެމްވީ

މިރޭ ކުޅުނު 'ގްރޫޕް ބީ'ގެ މެޗުގައި އެސްޓީއޯއިން ވަނީ 6-3ގެ ނަތީޖާއަކުން ދިރާގު ބަލިކޮށްފައެވެ. އެ މެޗުގައި އެސްޓީއޯއިން ޖެހި ހަ ލަނޑުގެ ތެރެއިން އަލީ އިމާދު ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ބާކީ ލަނޑުތައް ކާމިޔާބުކޮށްދިނީ ވިޝާހާއި ހަސަން ވިސާމާއި އިބްރާހިމް މަތީން އަދި މުހައްމަދު އިސްމާއީލެވެ.

އެ މެޗުގައި ދިރާގުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އިބްރާހިމް ހިސާން ނަސީމް ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު މާނިއުއެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އެސްޓީއޯގެ މުހައްމަދު އިސްމާއީލަށް އިނާމު ހަވާލުކޮށްދެއްވީ ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާބިދާ ރަޝީދެވެ.

'ގްރޫޕް ބީ'ގެ ޕޮއިންޓް ތާވަލަށް ބަލައިލާ އިރު، އެސްޓީއޯއާއި ދިރާގަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ނަމަވެސް ދިރާގުން ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހޭ ދެ މެޗު ވެސް މިހާރު ކުޅެ ނިމިފައިވުމުން އެޓީމުން ދެން އިންތިޒާރު ކުރަން ޖެހޭނީ އެސްޓީއޯއާއި އެމްއާރްސީސީ ކޯސްޓްގާޑް ބައްދަލުކުރާ ގްރޫޕް ސްޓޭޖުގެ ފަހު މެޗަށެވެ. މިހާތަނަށް ކޯސްޓްގާޑަށް އެއްވެސް ޕޮއިންޓެއް ލިބިފައިނުވުމާއެކު އެ މެޗު އެއްވަރުވެ ނުވަތަ އެސްޓީއޯ މޮޅުވެއްޖެނަމަ، އެސްޓީއޯއާއެކު ދިރާގަށް ކުއާޓާގެ ޖާގައެއް ލިބޭނެއެވެ.

ވިލި މުއައްސަސާ ކަޕްގައި މިއަހަރު 13 ޓީމެއް ވާދަކުރާ އިރު، އެ ޓީމުތައް ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިފައެވެ. ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ އަދި ދެވަނައަށް ދާ އަށް ޓީމު، މުބާރާތުގެ ކުއާޓާއަށް ދަތުރުކުރާ އިރު، ގްރޫޕް ސްޓޭޖުން ކަޓާނީ ފަސް ޓީމެކެވެ.

ވިލި މުއައްސަސާ ކަޕް 2018ގައި ކްލަބު ވެމްކޯއާއި އެމްޓީސީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ވެމްކޯ މޮޅުވީ 2-0ގެ ނަތީޖާއަކުން -- ފޮޓޯ/ އިމޭޖާސް އެމްވީ

މުބާރާތުގައި ބައިވެރިވުމަށް ކޮންމެ އަހަރަކު ވެސް ހާއްސަ ދެ ޓީމަކަށް ދައުވަތުދޭ އިރު، މިއަހަރުގެ މުބާރާތުގައި ދައުވަތުދީގެން ބައިވެރިވި ދެ ޓީމަކީ ވިލިޖޯލި (މޯލްޑިވިއަން ރެޑް ކްރަސެންޓް) އާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޓީމެވެ.

ވިލި މުއައްސަސާ ކަޕްގެ ގްރޫޕްތައް:

  • ގްރޫޕް އޭ: މޯލްޑިވްސް ގޭސް (އެންމެފަހުގެ ޗެމްޕިއަން)، ކްލަބު ވެމްކޯ، އެމްޓީސީސީ، ސްޓެލްކޯ ވިލިމާލެ
  • ގްރޫޕް ބީ: އެމްއާރްސީސީ ކޯސްޓްގާޑް، ދިރާގު، އެސްޓީއޯ
  • ގްރޫޕް ސީ: ވިލިމާލެ ޕޮލިސް، ޔޫތު އެންޑް ސްޕޯޓްސް، ވިލިޖޯލި
  • ގްރޫޕް ޑީ: އެފްސީ ވިލިމާލެ ހިޔާ، އުރީދޫ މޯލްޑިވްސް، އެމްޑަބްލިއުއެސްސީ ވިލިމާލެ

ވިލި މުއައްސަސާ ކަޕްގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީ އެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިދިޔަ އަހަރު ވެސް އެ މުބާރާތް ވަނީ ވަރަށް ކާމިޔާބުކަމާއެކު ބާއްވައިފައެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ނުވަ ޓީމަކުން ބައިވެރިވެފައިވާ އިރު، ފައިނަލުގައި ޓީމް ހައުސިން ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މޯލްޑިވް ގޭސްއެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. މުބާރާތުގެ ބެވަރޭޖް ޕާޓަނަރަކީ ކޮކާ ކޯލާއެވެ.

infinity loading...
×
DB released 01.