ފިޔޯރީގައި މޫދަށް އެރި އުޅުނު ޒުވާނަކު މަރުވެއްޖެ

ގެނބުނު ޒުވާނާ ސިއްހީ މަރުކަޒަށް ގެންދަނީ --- ފޮޓޯ: ފޭސްބުކް

ގދ. ފިޔޯރީގައި މޫދަށް އެރި އުޅުނު ޒުވާނަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ އައްޑޫ ސިޓީ އަށް ނިސްބަތްވާ ޒުވާނެއް ކަމަށް އެނގިފައި ވެއެވެ.

ފިޔޯރީ ކައުންސިލުގެ މެންބަރު މުހައްމަދު ސައީދު "ސަން" އަށް ވިދާޅުވީ މަރުވެފައިވަނީ އެރަށު ފަޅުތެރޭގައި އޮތް އައްޑޫ އަށް ނިސްބަތްވާ ދޯންޏެއްގައި މަސައްކަތް ކުރާ ޒުވާނެއް ކަމަށެވެ.

މަރުވެފައިވަނީ އައްޑޫ އަށް ނިސްބަތްވާ "ލިޓަސް" ނަމަކަށް ކިޔާ ދޯނީގައި މަސައްކަތްކުރާ ސ. ފޭދޫ ސްކައިނެޓް އުމުރުން 32 އަހަރުގެ އިބްރާހީމް ސައީދު ނަމަކަށް ކިޔާ މީހެކެވެ.

އޭނާ ގެނބުނީ ފިޓުޖެހިގެން ކަމަށާއި، އެއީ އާންމުކޮށް ފިޓު ޖެހޭ މީހެއްކަމަށް އެނގިފައިވާކަމަށްވެސް ސައީދު ވިދާޅުވިއެވެ.

"އެކުއްޖާ އޮތީ ޖެޓީ އާ ކައިރީ ގައި ކަމަށް ވަނީ. ފިޓު ޖެހިގެން މަރުވީ. އަޅުގަނޑުމެންނަށް އެނގިފައިވާގޮތުން އެއީ އާންމުކޮށްވެސް އެކަންތައް [ފިޓު ޖެހޭ] ދިމާވާ ކުއްޖެއް،" ސައީދު ވިދާޅުވީ މޫސުން ނަގައިގެން އެ ޒުވާނާ ފިޔޯރީ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށެވެ.

ސައީދުގެ ހަށިގަނޑު އައްޑޫ އަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ. ސީއެމްބިއުލޭންސްގެ ކަންތައް ހަމަޖެހުނުހާ އަވަހަކަށް ހަށިގަނޑު އައްޑޫ އަށް ގެންދިއުމަށ ފުރުވާލާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެެ.

comment ކޮމެންޓް