ޑރ. ޝަހީމްގެ ނަންފުޅާއެކު އިދިކޮޅު ފަރާތްތައް މާޔޫސްވާނެ: ޝިޔާމް

ރައީސް ޔާމީނާއި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ---- ފޮޓޯ/ ރައީސް އޮފީސް

ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސެވުމާއެކު އިދިކޮޅު ފަރާތްތައް މާޔޫސްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރަނިން މޭޓަކަށް ޑރ. ޝަހީމް އައްޔަންކުރަން ނިންމުމާ ގުޅޭގޮތުން "ސަން"އާ ވާހާކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ޝަހީމަކީ ދީނީ ގޮތުން އަދި ސިޔާސީ ގޮތުންވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ ވަރުގެ ބޭފުޅެއް ކަމަށެވެ. އަދި ޝަހީމަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ތާއިދު އޮތް ބޭފުޅެއް ކަމަށާއި އެމަނިކުފާނާއެކު އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ބޮޑުވެފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ރަނިން މޭޓަކަށް ޑރ. ޝަހީމް އައްޔަން ކުރުމުން އެނގިގެންދަނީ ރައީސް ޔާމީން ދީނީ އިލްމުވެރިން ބާރުވެރިކުރުވުމަށް ކުރައްވާ މަސައްކަތް ކަމަށާއި އެމަނިކުފާނުގެ ޒައާމަތުގައި އިސްލާމްދީނަށް ބެހެއްޓެވި ގާތް ކަމުގެ މިސާލަކަށް މިއަދު ނިންމެވި ނިންމެވުން ފުދޭ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ޑރ. ޝަހީމްގެ ނަންފުޅު ވެގެންދާނީ އިދިކޮޅު ފަރާތްތަކުން ޖެހިލުންވާނެ ނަންފުޅަކަށް ކަމަށާއި ހަމަގައިމުވެސް އެކަމުގެ ސަބަބުން އިދިކޮޅަށް މާޔޫސް ކަމަކާ ކުރިމަތިލާން ޖެހޭނެ ކަަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ރައީސް ޔާމީން އަބަދުވެސް ދެއްވާ ޔަގީން ކަމަކީ މި ގައުމުގައި އޮންނާނީ ހަމައެކަނި އިސްލާމްދީން ކަމަށާއި ކުރިއަށް އޮތް ދައުރަށް ކުރިމަތިލާއިރު ޑރ ޝަހީމް ފަދަ އިލްމީ އަދި އިސްލާމީ ތައުލީމަށް މޮޅު ބޭފުޅަކާ އެކުގައި މަސައްކަތް ކުރައްވަން ނެންގެވުމަކީ އެކަމަށް ހެކިދޭ ކަމެއް ކަމަށެވެ.

"އަޅުގަނޑު ނިސްބަތްވާ ނައިފަރު ދާއިރާއަކީ ވަރަށް އިލްމީ ބޭފުޅުން ގިނަ ދާއިރާއެއް. އަޅުގަނޑުމެންގެ ދާއިރާގެ ފުލް ސަޕޯޓް ރައީސް ޔާމީނަށާއި ޑރ ޝަހީމަށް އޮންނާނެ. އިލްމީ ގާބިލް ބޭފުޅަކު ރަނިން މޭޓަކަށް ނެންގެވުމުން އެކަމަށް ރައީސް ޔާމީނަށް މަރުހަބާ ދަންނަވަން،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ޕީޕީއެމް އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި ރަނިން މޭޓާއެކު އިންތިހާބަށް ތައްޔާރުވުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް އިންތިހާބު ފަސޭހަކަމާއެކު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

comment ކޮމެންޓް