ޑރ. ޝަހީމްގެ ނަން ހުށަހެޅީ އެމްޑީއޭގެ ލީޑަރާ ވެސް މަޝްވަރާ ކުރެއްވުމަށްފަހު: އަދުރޭ

ރައީސް ޔާމީންގެ ރަނިން މޭޓަކަށް ހަމަޖެއްސެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲއާއެކު -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިންމޭޓަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަން ކުރެއްވީ ޕީޕީއެމް ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާ ވެސް މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަގާމް ފުރުއްވަމުން ގެންދަވާ ޑރ. ޝަހީމް، ރަނިންމޭޓަކަށް އައްޔަންކުރުމަށް ރައީސް ޔާމީން މިއަދު ނިންމަވައި، އެކަން ޕީޕީއެމްގެ ކައުންސިލަށް ހުށަހެޅުމާ ގުޅިގެން އެ ކައުންސިލްގެ އިއްތިފާގުން ވަނީ އެކަމުގައި މައްސަލައެއް ނެތް ކަމަށް މިރޭ ނިންމައިފައެވެ.

އެމްޑީއޭ އަދި ޑީއާރްޕީ ވެސް ހިމެނޭ ސަރުކާރުން ދެވަނަ ދައުރަކަށް ނުކުންނައިރު ރަނިން މޭޓަކަށް ޝަހީމް ނެގުމާ ގުޅޭގޮތުން އެ ދެ ޕާޓީގެ ހިޔާލަކީ ކޮބައިތޯ ޕީޕީއެމް އިން ކިހާވަރަކަށް ބެއްލެވިތޯ "ސަން"އިން ސުވާލުކުރުމުން އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ކައުންސިލަށް ޝަހީމްގެ ނަންފުޅު ރައީސް ޔާމީން ހުށަހެޅުއްވީ އެމްޑީއޭގެ ލީޑަރާ ވެސް މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ.

"ލީޑަރުންނާވެސް މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވި. އެހެންވީމަ އަޅުގަނޑު ގަބޫލު ކުރަނީ އެންމެ އިސްލީޑަރުންނާ ވެސް މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް އެގޮތަށް ނިންމެވީ،" އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމް އޮފީހުގައި މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ޝަހީމަކީ އިތުބާރު ކުރެވޭ ބޭފުޅެއް ކަމަށާއި އޭނާއަކީ ސިޔާސީ ގޮތުންނާއި ދީނީ ގޮތުން ވެސް ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުނެނެވި ބޭފުޅެއް ކަމަށެވެ.

ރައީސްގެ ރަނިންމޭޓަކަށް ޝަހީމް އައްޔަން ކުރެއްވުމާއެކު އެމަނިކުފާނު ވަނީ މިރޭ ޕާޓީގެ އިސްވެރިންނާއެކު އޮތް ބައްދަލުވުމުގައި އެކަން ގަބޫލުފުޅު ކުރައްވައިފައެވެ.

comment ކޮމެންޓް