މެލޭޝިއާގައި ދިރިއުޅުއްވަމުން ގެންދަވާ އިންޑިއާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޑރ. ޒާކިރް ނައިކް އެގައުމުން ފޮނުވާލަން އުޅޭކަމަށް ބުނެ މީޑިއާގައި ފަތުރަމުންދާ ވާހަކަތައް މެލޭޝިއާގެ ފުލުހުން ދޮގުކޮށްފިއެވެ.
އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ތަން ސްރީ މުޙައްމަދު ފުޒީ ހާރުން ވިދާޅުވީ، ޑރ. ޒާކިރް ނައިކް އިންޑިއާއާ ހަވާލުކުރާން މެލޭޝިއާއިން އުޅޭކަމަށް، އޮންލައިން ޕޯޓަލްތަކުގައާއި އިންޑިއާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ފަތުރަމުން ދަނީ ހަގީގަތެއް އޮތް ވާހަކަތަކެއް ނޫންކަމަށެވެ.
"އެއީ އެއްގޮތަކަށް ވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން،" އިންސްޕެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.
މެލޭޝިއާ، އަދި އިންޑިއާގެ ޚަބަރު ފަތުރާ ވަސީލަތްތަކުންވެސް ވަނީ، މިދިޔަ ބުދަ ދުވަހު ޑރ. ޒާކިރު ނައިކް އިންޑިއާއަށް ޑީޕޯޓުކޮށްލަން އުޅޭ ކަމަށް ބުނެފައެވެ.
ޑރ. ޒާކިރްގެ ލޯޔަރު ޝަހަރުއްދީން އަލީއާ ހަވާލާދީ މެލޭޝިއާގެ ނޫހަކުން ބުނީ، އޭނާގެ ކްލަޔަންޓަށް އަދި މިހާތަނަށް އެފަދަ ނޯޓިސްއެއް ލިބިފައި ނުވާ ކަމަށެވެ.
އިސްލާމް ދީނާގުޅޭ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދީނީ ތަގުރީރުތައް ދެއްވަމުން ގެންދަވާ، އުމުރު 52 އަހަރުގެ މެޑިކަލް ޑޮކްޓަރު ވަނީ، މިހާރު ފެތުރެމުންދާ ވާހަކަތައް ދޮގުކުރައްވައި، އޭނާގެ އިސްލާމިކް ރިސާޗް ފައުންޑޭޝަން (އައިއާރުއެފް) މެދުވެރިކޮށް ބަޔާނެއް ނެރުއްވާފައެވެ.
ޑރ. ޒާކިރް ވިދާޅުވީ، އޭނާ އިންޑިއާއަށް ފޮނުވާލަން އުޅޭ ވާހަކަތަކަކީ، އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށެވެ. އިންޑިއާގައި އޭނާއާ މެދު އިންސާފުން ކަންކަން ކުރާނޭ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފި ނަމަ މިހާރުވެސް އެނބުރި އިންޑިއާއަށް ވަޑައިގަންނަވާނޭ ކަމަށްވެސް ޑރ. ޒާކިރް ވިދާޅުވިއެވެ.
މެލޭޝިއާގެ ހޯމް މިނިސްޓަރު ތަން ސްރީ މުޙްޔިއްދީން ޔާސީން، މީގެ ކުރީން ވިދާޅުވެފައި ވަނީ، ގާނޫނާ ޚިލާފު އެއްވެސް ކަމެއް ޑރ. ޒާކިރް ކުރައްވާ ނަމަ، އެކަމަށް އޭނާ ޖަވާބުދާރީ ކުރުވާނޭ ކަމަށެވެ.
ޑރ. ޒާކިރް ނައިކް ވަނީ 2016 ވަނަ އަހަރު އިންޑިއާ ދޫކުރައްވައި މެލޭޝިއާގެ ޕުޓްރަޖާޔާއަށް ދިރިއުޅުން ބަދަލުކުރައްވައިފައެވެ. އަދި މެލޭގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި ޑރ. ޒާކިރަށް ވަނީ މެލޭޝިއާގެ ދާއިމީ ރައްޔިތެއްގެ ދަރަޖަ ދެއްވައިފައެވެ.