މެލޭޝިއާގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުުޅުވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ (ކ) އާއި މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް (ވ). ފޮޓޯ/އެންޑީޓީވީ

އިންޑިއާގެ ކޮންސިއުލޭޓެއް ވަރަށް އަވަހަށް މެލޭޝިއާގައި ހުޅުވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާުކުރައްވައިފިއެވެ.

މޯދީ އެގޮތަށް ވިދާޅުވީ މެލޭޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވެރިރަށް ކުއާލަލަމްޕޫރުގައި އުޅޭ އިންޑިއާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިއްޔެ ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ. އެ ހަފްލާގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް (އެމްއީއޭ) އިން ބުނާ ގޮތުގައި ކޮންސިއުލޭޓް ހުޅުވުމުން އިންޑިއާ އާއި މެލޭޝިއާއާ ދެމެދު އޮތް ގުޅުން މިހާރަށްވުރެ ހަރުދަނާވެ، މެލޭޝިއާގައި ދިރިއުޅޭ އިންޑިއާގެ މުޖުތަމައުއަށް އިންޑިއާއިން ލިބެންޖެހޭ ޚިދުމަތްތައް ފުޅާވެގެންދާނެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ، މެލޭޝިއާގައި އުޅޭ އިންޑިއާ ދަރިކޮޅުގެ މީހުންނަށް އޯސީއައި ކާޑު ދޫކުރުމުގެ އުސޫލަށް ގެނައި ބަދަލާއެކު، ހަ ވަނަ ޖީލާ ހަމައަށް އެ ފުރުސަތު ފުޅާކުރުމުން އެ ގައުމުގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނަށް ބޮޑު އުފާވެރިކަމެއް ލިބިފައިވާ ކަމަށެވެ.

މެލޭޝިއާގައި ދިރިއުޅޭ އިންޑިއާ ރައްޔިތުންނާ މޯދީ ބައްދަލުކުރައްވަނީ. ފޮޓޯ/އޭއެންއައި

އޭގެއިތުރުން ދެވަނައަށް އެންމެ ގިނައިން އިންޑިއާ މީހުން އުޅެނީ މެލޭޝިއާ ކަމަށާއި ދެ ގައުުމުގެ ދެމެދުގައި ހިތްތައް ގުޅުވައިދޭ ގިނަ ކަންތައްތަކެއް ހުރިކަން މޯދީ ފާހަގަކުރެއްވިއެވެ.

ދެ ގައުމުގެ ސަގާފަތާއި ތަރިކައާއި ބެހޭ ގޮތުންވެސް މޯދީ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ދެ ގައުމުގެ ސަގާފަތް ދިރުވައި އާލާކުރުމުގެ ގޮތުން މޯދީ ވަނީ ކުއާލާލަމްޕޫރުގައި ހުންނަ މަލާޔާ ޔުނިވާސިޓީގައި ތިރުވައްލުވަރު ސެންޓަރު ގާއިމުކުރާނެކަން އިއުލާނުކުރައްވާފައެވެ. އަދި ތަމަޅަ އަދަބިއްޔާތާއި ސަގާފަތް ކުރިއެރުވުމަށް ސްކޮލާޝިޕްތަކެއް ވެސް ތައާރަފް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މޯދީގެ މި ދަތުރުފުޅުގައި މެލޭޝިއާގެ "ބުކް އޮފް ރެކޯޑްސް" އިން ޖާގަ ހޯދި ހާއްސަ ހަރަކާތެއް ވެސް ވަނީ ފެނިގެން ގޮސްފައެވެ. އެއީ 800 އަށްވުރެ ގިނަ ފަންނާނުން ބައިވެރިވެގެން ހުށަހެޅި އިންޑިއާގެ ސަގާފީ ނެށުމުގެ ހަރަކާތެކެވެ.

މޯދީ މެލޭޝިއާއަށް ވަޑައިގެންނެވީ މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށެވެ. އެ ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރީ 1957 ވަނަ އަހަރުއެވެ.

comment ކޮމެންޓް