ތެލުގެ އަގު އުފުލޭނަމަ، އެއާލައިންތަކުގެ ބައެއް ދަތުރުތައް ހުއްޓާލަން ޖެހިދާނެ: މެލޭޝިއާ

ތެލުގެ އަގު ބޮޑުތަނުން އުފުލެމުން ދިއުމުން އޭވިއޭޝަން ފިއުލްގެ އަގު ވަނީ ބޮޑުވެފައި. ފޮޓޯ/ރޮއިޓާސް

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، އެއާލައިންތަކުގެ ހިންގުމުގެ ޚަރަދުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު އެންތޮނީ ލޯކޭ ހާމަކުރެއްވި ގޮތުގައި، އެއާލައިންތަކުގެ އޮޕަރޭޓިން ޚަރަދުގެ 50 އިންސައްތައަކީ ތެލުގެ ޚަރަދުކަމަށްވުމުން، މި ހާލަތު ދެމިއޮތުމަކީ ބައެއް ފްލައިޓް އޮޕަރޭޝަންތައް ހުއްޓާލަން ޖެހިދާނެ ކަމެކެވެ. ހާއްސަކޮށް ހަރްމޮޒް ކަނޑުއޮޅި ބަންދުވުމާއި ތެލުގެ ސަޕްލައިއަށް ބުރޫއެރުމަކީ މި ހާލަތު ގޯސްވި މައިގަނޑު ސަބަބެވެ.

  • ތެލުގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް އެރުމުން ވައިގެ ދަތުރުފަތުރަށް ބޮޑު ބުރައެއް އުފުލަން ޖެހިފައިވޭ.
  • އެއާލައިންތަކުގެ ޖުމްލަ ހިންގުމުގެ ޚަރަދުގެ ދެބައިކުޅަ އެއްބަޔަކީ ތެލުގެ ޚަރަދު ކަމަށްވުން.
  • މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން އެއާލައިންތަކާއި ހިއްސާދާރުންނާއެކު ހާލަތު ގާތުން ބަލަމުންދާކަން.
  • ހަރްމޮޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ތެލުގެ ސަޕްލައިއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލޭނަމަ، ބައެއް އެއާލައިންތަކުން ބައެއް ދަތުރުތައް ހުއްޓާލަން ޖެހިދާނެ ކަމަށް މެލޭޝިއާއިން ބުނެފިއެވެ.

މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު އެންތޮނީ ލޯކޭ ފޭސްބުކްގައި ވިދާޅުވީ ތެލުގެ އަގު ބޮޑުވުމުގެ އަސަރު ވަޒަންކުރުމަށް އެއާލައިންތަކުގެ އެގްޒެކެޓިވުންނާއި، އެއާޕޯޓް އޮޕަރޭޓަރުންނާއި، އޭވިއޭޝަން ފިއުލް ސަޕްލައި ކުރާ ކުންފުނިތަކާ ބައްދަލުކުރައްވަމުން ގެންދަވާ ކަމަށެވެ.

އޭނާ ވިދާޅުވީ ތެލުގެ އަގު އުފުލުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މިނިސްޓްރީން ހުރިހާ ހިއްސާދާރުންނާ ގާތް ގުޅުމެއް ބާއްވާނެ ކަމަށާއި އެއާ ކާގޯގެ އޮޕަރޭޝަންތައް ދެމެހެއްޓުމަކީ އިސްކަންދޭ ކަމެއް ކަމަށެވެ.

"މިނިސްޓްރީ އޮފް ޓްރާންސްޕޯޓް (އެމްއޯޓީ)އަށް ވެސް އެއާލައިންތަކަށް ދިމާވާ ގޮންޖެހުންތައް ފާހަގަކުރެވޭ. އޮޕަރޭޓިން ޚަރަދުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ ތެލުގެ ޚަރަދު ކަމަށްވާތީ، ތެލުގެ އަގު އުފުލެމުންދާނަމަ ވަކި ފްލައިޓް އޮޕަރޭޝަންތައް ހުއްޓާލަން ޖެހިދާނެ." ލޯކޭ ވިދާޅުވިއެވެ.

މެލޭޝިއާއަކީ ދިވެހީން ގިނަ އަދަދަކަށް ދިރިއުޅޭ، އަދި ޗުއްޓީއަށާއި މަތީ ތައުލީމަށް ގޮސް އުޅޭ ގައުމެކެވެ. އެ ގައުމާއި ރާއްޖެއާ ދެމެދު އެއާ އޭޝިއާއާއި ބަޓިކް އެއާއިން އާންމުކޮށް ދަތުރުތައް ބާއްވައެވެ.

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ބާޒާރުގެ ފަސްބައިކުޅަ އެއްބައި ތެޔޮ ސަޕްލައި ކުރާ މުހިންމު ހަރްމޮޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. އަދި މެދުއިރުމަތީގެ ތެލުގެ ވަސީލަތްތަކަށްވެސް އީރާނުން އަންނަނީ ހަމަލާ ދެމުންނެވެ.

އެހެންވެ ތެލުގެ ސަޕްލައި މެދުކެނޑިދާނެ ކަމުގެ ކަންބޮޑުވުމާއެކު، ފާއިތުވި ދުވަސްތަކުގައި ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ބައިނަލްއަގްވާމީ ބެންޗްމާކް ކަމަށްވާ، ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ.

ތެލުގެ އަގު ވަރަށް ބޮޑަށް އުފުލެމުން ދިއުމުން ވައިގެ ދަތުރުފަތުރުތަކަށް ބޭނުންވާ ތެލުގެ އަގުވެސް އުފުލި އެއާލައިންތަކަށް އިތުރު ޕްރެޝަރެއް ވަނީ ކުރިމަތިވެފައެވެ.

އިސްރާއީލުން އިސްވެ ފެބްރުއަރީ 28 ވަނަ ދުވަހު އީރާނަށް ދޭން ފެށި ހަމަލާތައް ފުޅާވަމުން އަންނައިރު، ހަމަލާތަކުގައި އީރާނުން 1300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އޭގެތެރޭގައި އީރާނުގެ ކުރީގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީވެސް ހިމެނިވަޑައިގަންނަވައެވެ. ހަމަލާތަކުގައި އީރާނުގެ 10،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް