އިނގިރޭސީންނާއި ކޮލަމްބިއާ ވާދަކުރާ މެޗުގައި ފޯރި ނެގުމަށް ދިވެހި ނަސީބުވެރިން ދަނޑުގައި!

ކޮކާ ކޯލާއިން ރަޝިއާއަށް ފޮނުވި 20 ދިވެހިން ވޯލްޑް ކަޕްގެ ގަދަ 16ގައި އިނގިރޭސީންނާއި ކޮލަމްބިއާ ކުޅޭ މެޗު ބަލައިލުމަށް ދަނޑަށް ވަނުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިލައިގެން ---

ފީފާ ވޯލްޑް ކަޕްގެ މެޗެއް ބަލައިލުމަށް ކޮކާ ކޯލާއިން ރަޝިއާއަށް ފޮނުވި 20 ދިވެހިން އިނގިރޭސީންނާއި ކޮލަމްބިއާ މެޗު ބަލައިލުމަށް ފަހުގެ ތައްޔާރީތައް ވެއްޖެއެވެ.

ރާއްޖޭގަޑިން މިރޭ 11:00ގައި އިނގިރޭސީންނާއި ކޮލަމްބިއާ ކުޅޭ ވޯލްޑް ކަޕްގެ ގަދަ 16ގެ މެޗު ބެލުމަށް މިހާރު، އެ ނަސީބުރިން ތިބީ ރަޝިއާގެ ސްޕާޓަކް މޮސްކޯ ސްޓޭޑިއަމްގައެވެ. އެ މެޗުގައި ފޯރި ނެގުމަށް ދިވެހިންގެ ޓީމު ތިބީ ފުރިހަމައަށް ތައްޔާރުވެގެންނެވެ.

ކޮކާ ކޯލާގެ ޕްރޮމޯޝަންގެ ބައިވެރިވެ، ނަސީބުވެރިންގެ ތެރޭގައި ހިމެނުނު ހުރިހާ މީހުން ވެސް ތިބީ ވޯލްޑް ކަޕްގެ މަޗު ބަލައިލުމަށް ލިބޭ ރަނުގެ ފުރުސަތުގެ ބޭނުން ހިފުމަށް ކެތްމަދުވެފައެވެ. އެ ބައިވެރިން ސިފަކުރާ ގޮތުގައި، އެއީ ދިވެހިންނަށް މަދުން ނޫނީ ނުލިބޭނެ ފުރުސަތެކެވެ. އަދި ހުރިހާ އެންމެންގެ މޫނުމަތިން ވެސް ފެނިގެންދަނީ ހިނިތުންވުމެވެ.

އެ ނަސީބުވެރިންނާއެކު 'ސަން'ގެ ކުޅިވަރު ނޫސްވެރިޔާ މުހައްމަދު ޝަމްއޫން ވެސް ވަނީ ބައިވެރިވެފައެވެ. ޝަމްއޫނަކީ ސަންގެ ވޯލްޑް ކަޕް ކަވަރޭޖާއި ކުޅިވަރު ހަބަރުތައް ފުރިހަމައަށް ގެނެސްދިނުމަށްޓަކައި އިސް ދައުރެއް އަދާކުރަމުންދާ ނޫސްވެރިއެކެވެ.

ކޮކާ ކޯލާގެ ފަރާތުން ކޮންމެ ފަހަރަކުވެސް ދިވެހިންގެ ތެރެއިން ބަޔަކު ވޯލްޑް ކަޕަށް ފޮނުވަމުންދާ އިރު، މިއަހަރުވެސް 30 މީހުން ހޮވާފައިވަނީ ނަސީބު ކޫޕަން ނަގައިގެންނެވެ. ނަސީބުން ހޮވޭ ފަރާތްތަކަށް ދެކޮޅު ޓިކެޓާއި ދަތުރަށް ދާ ހުރިހާ ހަރަދެއް ދެނީ ކޮކާ ކޯލާއިންނެވެ.

މީގެ ކުރިން ދިހަ ބައިވެރިންނާއެކު ރަޝިއާއަށް ފުރި ބެޗަށް ވަނީ ގްރޫޕް ސްޓޭޖުގައި ބެލްޖިއަމްއާއި ޓީއުނީޝިއާ ބައްދަލުކުރި މެޗު ބަލައިލުމުގެ ފުރުސަތު ލިބިފައެވެ. އޭގެ އިތުރުން އެ ދިހަ ބައިވެރިންނަށް ރަޝިއާ ބަލާލައި، ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ކޮކާ ކޯލާއިން ތަނަވަސްކޮށްދިނެވެ. ފަހު ބެޗުގައި ހިމެނޭ 20 ބައިވެރިންނަށް ވެސް ރަޝިއާ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބޭނެއެވެ.

ކޮކާ ކޯލާއަކީ ވޯލްޑް ކަޕްގެ އެންމެ ލޯޔަލް އެއް ސްޕޮންސަރެވެ. ކޮކާ ކޯލާގެ ޓްރޮފީ ޓުއާގައި ވޯލްޑް ކަޕްގެ އަސްލު ތަށިވެސް މިފަހަރު ވަނީ ރާއްޖެއަށް ގެނެސްފައެވެ. މީގެ އިތުރުންވެސް ވޯލްޑް ކަޕާ ގުޅިގެން ކޮކާ ކޯލާއިން އަބަދުވެސް ގިނަ ހަރަކާތްތަކެއް ހިންގަމުންދެއެވެ.

comment ކޮމެންޓް