ބްރިޖުމަތިން ދަތުރު ކުރުމަށް އެމްޕީއެލް އިން ގެންނަ ބަސްތަކުގެ ފުރަތަމަ ޝިޕްމަންޓު މި މަހު މާލެ ގެންނަނީ

މެއި 4، 2018: މާލެއާއި ހުޅުލެއާ ދެމެދު އަޅާ ޗައިނާ -މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ-ހުޅުލެ ބްރިޖު މަތިން ދަތުރުކުރުމަށް އެމްޕީއެލް އިން ގެންނަ ބަސްތަކުގެ ފުރަތަމަ ޝިޕްމެންޓު މިމަހުގެ ފަހުކޮޅު މާލެ ގެންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޕީއެލްގެ ސީއީއޯ އަބްދުރައްޒާގު ހަލީމް 'ސަން' އަށް ވިދާޅުވީ އެންމެ ފުރަތަމަ ޝިޕްމެންޓުގައި ނުވަ ބަސް ގެންނާނެ ކަމަށެވެ.

"ފުރަތަމަ މި ގެންނަަނީ ހަތް ސިޓީ ބަހާއި ދެ ކައުޗު ބަސް. ކައުޗު ބަސްތަކުގައިވެސް 45-40 މީހުންގެ ޖާގަ އޮންނާނެ،" ހަލީމް ވިދާޅުވީ ބަހުގެ ޚިދުމަތް ދިނުމަށް އެމްޕީއެލް އިން ޖުމުލަ 22 ބަސް ގެންނާނެ ކަމަށެވެ.

"ޖުމްލަ 22 ބަސް އަޅުގަނޑުމެން ގެންނާނަން. އެއީ ހަތް ސިޓީ ބަހާ، ހަތް ކައުޗު ބަސް އަދި އަށް ޑަބަލް ޑެކް ބަސް،"

ބަސް ދަތުރުތަކަށް އެމްޕީއެލް އިން 100 މިލިއަން ރުފިޔާ އިންވެސްޓު ކުރާނެ ކަމަށް ހަލީމް މީގެ ކުރިން ވިދާޅުވިއެވެ.

https://sun.mv/103458

ބަސް ދަތުރުތަކަށް ޗާޖު ކުރާނެ އަދަދު އަދި ކަނޑަ ނާޅާ ކަމަށާއި އެކަމާމެދު ސަރުކާރާ މަޝްވަރާކުރަމުންދާކަމަށް އެމްޕީއެލް އިން ބުނެއެވެ.

މާލެ އާއި ހުޅުލެ އާއި ދެމެދު އަޅާ ބްރިޖު މެދުވެރިކޮށް ހުޅުމާލެ އިން މީހުން އުފުލާ ބަސްތަކުގެ ދަތުރުތައް ކުރާނެ ޝެޑިއުލް އަދި ފައިނަލް ވެފައި ނުވާ ކަމަށް އެމްޕީއެލްގެ ސީއީއޯ ހަލީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ނިންމާފައިވަނީ ޕީކު ގަޑިތަކުގައި ދަތުރު އިތުރުކުރަން. ފުރަތަމަ ދަތުރުތައް ފަށާފައި ޑިމާންޑަށް ބަލާ ޝެޑިއުލް އަށްް ބަދަލުވެސް ގެންނާނެ،" ހަލީމް ވިދާޅުވިއެވެ.

ބްރިޖުމަތިން ބަހުގެ ދަތުރުތައް ފަށާއިރު، ޓިކެޓް ގަންނަން ކިޔު ހެދުމުގެ ބަދަލުގައި ކާދު ބޭނުންކޮށްގެން ދަތުރުތައް ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

comment ކޮމެންޓް