ކެންޑިޑޭޓަކަށް އިބޫ ހޮވުމަކީ ސިޔާސީ ހަމަޖެހުމަށް ކުރިއަށް އެޅުނު ފިޔަވަޅެއް: ޝައިނީ

ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ---

އިދިކޮޅު ކެންޑިޑޭޓަކަށް ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހޮވުމަކީ ސިޔާސީ ހަމަޖެހުމަށް ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

އިއްޔެ އެމްޑީޕީން ބޭއްވި ކޮންގްރެސްގައި އިބޫ ކެންޑިޑޭޓަށް އައްޔަން ކުރުމަށް ނިންމީ ކޮގްރެސްގައި ބައިވެރިވި އެންމެންގެ އިއްތިފާގުންނެވެ.

ޝައިނީ މިއަދު 'ސަން' އަށް ވިދާޅުވީ މިހުރިހާ ދުވަހު ކެންޑިޑޭޓަކަށް ޝަރުތު ހަމަ ނުވާ ބޭފުޅަކު ނެރުއްވައިގެން އެމްޑީޕީން އުޅުނީ ގައުމު ސިޔާސީ ގޮތުން ހަލަބޮލި ކުރުމަށް ކަމަށެވެ. ނަމަވެސް އެކަން ދޫކޮށްލައި އިބޫއަށް ރިޔާސީ ޓިކެޓް ދޭން ނިންމި ނިންމުމަށް ޝައިނީ ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

"މީގެ ކުރިން އެބޭފުޅުން މަސައްކަތް ކުރެއްވީ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލާ ގާނޫނާ ހިލާފު ކަންތައްތަކެއް ކުރަން. ނަމަވެސް އިބޫއަށް ޓިކެޓް ދޭން ނިންމުމުން ދޭހަވަނީ އެކަން ކަމަކީ ގާނޫނާ ހިލާފު ކަންކަން ކަމަށް އެބޭފުޅުން ގަބޫލު ކުރެއްވި ކަން،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ގާނޫނީ ހަމަތަކުގެ ތެރޭން ވާދަވެރި އިންތިހާބެއް ބާއްވަން ކަމަށެވެ. އަދި ގާނޫނީ އިމުގެ ތެރޭން ކުރާ ކެމްޕޭނަށް ފުރުސަތު ދޭން ކަމަށްވެސް ޝައިނީ ވިދާޅުވި އެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ޖެހިލުންވެ ވަޑައިގަންނަވާނެ އެއްވެސް މީހަކު އިދިކޮޅަށް ނުނެރެވޭނެ ކަމަށެވެެ. އަދި ބޮޑު އަޣުލަބިއްޔަތަކުން ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު އޮންނާނެ ތާރީހެއް ކަމަށް އިލެކްޝަނުން ބުނެފައިވަނީ ސެޕްޓެމްބަރު 23 އެވެ.

comment ކޮމެންޓް