ސެމްސަންގުގެ ހަފްލާއެއް އަންނަ މަހު، ނޯޓް9 ނެރެނީ؟

ސެމްސަންގުގެ ހަފްލާގެ ދައުވަތު---

ސެމްސަންގުގެ ހަފްލާއެއް އަންނަ މަހުގެ ނުވަ ވަނަ ދުވަހު އޮންނާނެ ކަމަށް އެ ކުންފުނިން ވަނީ ހާމަ ކޮށްފައެވެ. ހަފްލާގެ ދައުވަތު މިހާރު ފޮނުވާފައިވާއިރު، މިއީ ސެމްސަންގުގެ ގެލެކްސީ ނޯޓް9 ނެރެން ބާއްވާ ހަފްލާއެއް ކަމަށް ވަނީ ޔަގީން ކުރެވިފައެވެ.

ސެމްސަންގުން އާންމުކޮށްފައިވާ ނޫސް ބަޔާނެއްގައި ބުނީ އޮގަސްޓު ނުވަ ވަނަ ދުވަހު އޮންނާނީ ގެލެކްސީ އާއިލާއަށް އިތުރުވާ އެންމެ ފަހުގެ، ޕްރިމިއަމް މެންބަރަށް މަރުހަބާ ކިޔުން ކަމަށެވެ.

ގެލެކްސީ ނޯޓަކީ ސެމްސަންގުން ނެރޭ ފޯނުތަކުގެ ތެރެއިން އެންމެ ޑިމާންޑު ބޮޑު، އެމީހުންގެ އަތުގައި ހުންނަ އެންމެ ފަހުގެ ޓެކްނޮލަޖީ ހިމަނައިގެން އުފައްދާ ފޯނެވެ.

ގެލެކްސީ ނޯޓު 9ގައި ކުރިއަށްވުރެ ވަރުގަދަ ކެމެރާއެއް ހިމަނާނެކަމަށް ބެލެވެއެވެ. އެންމެ ފަހުގެ ފޯނަށްވުރެ މި ފޯނު ބޮޑުވެފައި ސްޕީޑު ހަލުވި ވާނެއެވެ. ބެޓެރީ ހުސްވާ މިންވަރު އަވަސް މީހުންނަށް ހައްލެއް ހޯދައިދޭނެއެވެ.

ގެލެކްސީ ނޯޓު 9 މީގެ ކުރިން ނެރޭނެ ކަމަށް ބެލެވުނު ދުވަހަށްވުރެ ކުރިން މި ފޯނު ނެރެން ނިންމާފައިވާއިރު، ދެން ސެމްސަންގުން މަސައްކަތް ކުރާނީ ފަތްޖަހާލެވޭ ފޯނެއް ނެރެވޭތޯއެވެ. އެކުންފުނިން ނެރޭ ގެލެކްސީ އެސް 10 ސީރީޒް ވާނީ ޓެކްނޮލަޖީގެ ގޮތުން މޮޅު ޖީބަށް ބަރު ފޯނެއް ކަމަށް ވަނީ ލަފާކުރެވިފައެވެ.

comment ކޮމެންޓް